ބޮލީވުޑް

ކާންސްގައި ދިޕިކާގެ ފެނިލުން ސަޅިތަ؟

May 21, 2017

ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލް ކަމަށްވާ ކާންސް ފިލްމު ފެސްޓިވަލްގެ 70 ވަނަ އަހަރު ފްރާންސްގައި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު މި ފެސްޓިވަލުގައި އަބަދުވެސް ގިނަބަޔަކު އިންތިޒާރުކުރަމުން ދަނީ އެކި ތަރިން ރެޑް ކާޕެޓުގައި ހިނގާލަން އަޅާ ހެދުން ތަކަށެވެ.

މި އަހަރު ނިކުތް ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" އިން ފެނިގެންދިޔަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން އަކީ މިއަދު ހުޅަނގު ގައި ވެސް މަޝްހޫރު ނަމެކެވެ.

މި އަހަރުގެ ކާންސް ފެސްޓިވަލަކީ ދިޕިކާ ބައިވެރިވާ ފުރަތަމަ ފަހަރެވެ. އޭނާ މިފެސްޓިވަލްގައި ބައިވެރިވެފައިވަނީ ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުންނެވެ. ދިޕިކާގެ އިތުރުން ބަތަލާ އައިޝްވާރިޔާ ރާއީ އާއި ސޯނަމް ކަޕޫރު ވެސް ރެޑްކާޕެޓްގައި ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ހިނގާނެ އެވެ.

މިފަހަކަށް އައިސް ހޮލީވުޑްގެ އެކި އިވެންޓްތަކުން ފެނިގެން ގޮސްފައިވާ ދިޕިކާ އެ އިވެންޓްތަކުގައި އަޅާފައިވާ ހެދުންތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އޭނާގެ ފެޝަން ސްޓައިލަށާއި ސްޓައިލިސްޓަށް އެތައް ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.

ދިޕިކާ ލޯރިއަލްގެ އެމްބެސެޑަރެއްގެ ގޮތުގައި ކާންސްގައި ބައިިވެރިވެ، ރެޑް ކާޕެޓުގައި ހިނގާލާކަން އިއުލާންކުރުމާއެކު ގިނަބަޔަކު އިންތިޒާރުކުރަމުން އައީ އޭނާ މި ފެސްޓިވަލްގައި ބޭނުންކުރާނެ ހެދުންތައް ބަލާލުމަށެވެ.

މިފަހުން ދިޕިކާ ފެޝަން ޑިޒާސްޓާ އަކަށް ވެފައި އޮތުމާއެކު ކާންސްގެ ރެޑް ކާޕެޓުގައި ސަޅި ހެދުމެއްގައި ހިނގާލުން ދިޕިކާ އަށް އޮތީ މަޖުބޫރުވެފަ އެވެ. ސަބަބަކީ އޭނާގެ ކޮންމެ ހެދުމަށް ކްރިޓިކްސް އާއި ބެލުންތެރިން ފާޑުކިޔަމުން ދާތީ އެވެ.

ކާންސް ފެސްޓިވަލްގައި ދިޕިކާ ހިނގާލާފައި ވަނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ބުދަ ދުވަހު ރެޑް ކާޕެޓްގައި ހިނގާލުމުގެ ކުރިން ދިޕިކާ ވަނީ ނޫސްވެރިންގެ އިވެންޓެއްގައި އާއި ކާންސްގެ އިވެންޓެއްގައި ބައިވެރިވެފަ އެވެ. އެ ދެ އިވެންޓްގައި ދިޕިކާ ބޭނުންކޮށްފައިވަނީ ވަރަށް އާދައިގެ ދެ ހެދުމެވެ. އެ ހެދުން ތަކާއެކު ދިޕިކާ ރެޑްކާޕެޓުގައި ވެސް ހިނގާލާނީ "ހަޑި" ހެދުމެއްގައި ކަމަށް ބުނަން ފެށި އެވެ.

ދިޕިކާ ރެޑްކާޕެޓުގައި ހިނގާލި ފުރަތަމަ ދުވަހު ލާފައިވަނީ މަޗެސާ ފޯލް 2017 ގެ ޝިއާ މާޗެސާ ހެދުމެކެވެ. ފުރަތަމަ ދުވަހު ދިޕިކާ ލާފައިވާ ހެދުމަށް ގިނަ ފަރާތްތަކުން ތައުރީފުކޮށްފައި ވާއިރު އެ ދުވަހު ރެޑް ކާޕެޓުގައި ހިނގާލި ގިނަ ތަރިންގެ ހެދުންތަކަށް ވަނީ އިންތިހާ އަށް ފާޑުކިޔާފަ އެވެ. އެހެންކަމުން ދިޕިކާ ކާންސްގެ ރެޑް ކާޕެޓުގައި ފުރަތަމަ ފަހަރަށް ހިނގާލަންލީ ހެދުން މިވީ ރީތި ހެދުމަކަށްވެ ވަނީ ފެޝަން ކްރިޓިކްސްގެ ހިތުން ޖާގަ ހޯދާފަ އެވެ.

ސްމޯކީ އައި މެކަޕެއް ކޮށްފައި ހުރިއިރު އިސްތަށިގަނޑު ވެސް ވަނީ އާދައިގެ ގޮތަކަށް ވޭވީ ތަކަކާ އެކު ދޫކޮށްލާފަ އެވެ. ދަނބުކުލައިގެ ހެދުމުގެ މަތީބައި ޖަރީކޮށްފައި ހުރިއިރު، ދިޕިކާ ގަހަނާ އަކަށް ބޭނުންކޮށްފައިވަނީ ޑައިމަންޑް ކަންފަތުލާ އެއްޗަކާއި އިނގިލީގައި އަޅާފައި އޮތް އަނގޮޓި އެކަންޏެވެ.

ދެވަނަ ދުވަހު ރެޑް ކާޕެޓުގައި ހިނގާލުމަށް ދިޕިކާ ލާފައިވަނީ އެމަރަލްޑް ކުލައިގެ ހެދުމެކެވެ. ބްރެންޑަން މެކްސްވެލްގެ އެ ގައުންގައި ދިޕިކާ ކޮށްފައިވާ މޭކަޕަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. ދިޕިކާ ލޯ މަތީގައި އުނގުޅާފައިވާ ފެހިކުލައިގެ އައިޝެޑޯ އާއި ހުޅިއެއް ގޮތަށް ހަދާފައިވާ އިސްތަށިގަޑު މާ ސިމްޕަލް ކަމަށް ފެޝަން ކްރިޓިކްސްއިން ވަނީ ބުނެފަ އެވެ. އަދި އޭނާ ދެވަނަ ދުވަހު ލައިގެން ހުރި ހެދުން ވެސް ކްރިޓިކްސްއިން ގަަޔާއެއްނުވި އެވެ. ހެދުމުގެ ވައަތު ކޮނޑުމަތިން ފަހަތަށް ދިގު ފޮތި ގަނޑެއް ދޫކޮށްލާފައި އޮތް ނަމަވެސް އެ ހެދުން މާ ސިމްޕަލް ވުމުން ގިނަބަޔަކަށް ވަނީ ކަމުނުގޮސްފަ އެވެ.

މީގެކުރިން ކާންސްގެ ރެޑް ކާޕެޓުގައި ހިނގާލާ ދެތަރިން ކަމަށްވާ އައިޝްވާރިޔާ އާއި ސޯނަމް ވަނީ ހޮލީވުޑްގެ އަދި އިންޑިއާގެ ޓްރެޑިޝަނަލް ހެދުންތައް ވަނީ ވަރަށް ފެޝަން ކޮށް އަޅާފަ އެވެ.

ރެޑް ކާޕެޓުގެ އިތުރުން ކާންސް ފިލްމު ފެސްޓިވަލްގައި ހުންނަ އެހެން އިވެންޓްތަކުގައި ވެސް ދިޕިކާ ވަނީ ބައިވެރިވެފަ އެވެ. އެ އިވެންޓްތަކުގައި ދިޕިކާ ބޭނުންކޮށްފައިވާ ހެދުންތައް މާ ސިމްޕަލް ކަމަށް ބައެއް ފަރާތްތަކުން ބުނެ އޭނާގެ ފެޝަން ސްޓައިލަށް ވަނީ ފާޑުކިޔާފަ އެވެ.

ދިޕިކާގެ ފަހުން ބަތަލާ އައިޝްވާރިޔާ މިހާރު ވަނީ 19 އަދި 20 ވަނަ ދުވަހު ލޯރިއަލްގެ އެމްބެސެޑަރެއްގެ ގޮތުގައި ކާންސްގެ ރެޑް ކާޕެޓުގައި ހިނގާލާފަ އެވެ. އައިޝްވާރިޔާ ފުރަތަމަ ދުވަހު ރެޑްކާޕެޓުގައި ހިނގާލާފައިވަނީ ދުބާއީގެ ޑިޒައިނަރު މައިކަލް ސިންކޯގެ ފެއަރީ ޓޭލް އިންސްޕަޔާޑް މަޑު ނޫކުލައިގެ ބޮޑު ގައުންއެއްގަ އެވެ.

އައިޝްވާރިޔާ ކާންސް ފެސްޓިވަލްގެ ބައިވެރިވި އެކި އިވެންޓްތަކުގައި ދައްކާލި ހެދުންތައް ސަޅިކަމުން ދިޕިކާ ކާންސްގެ ފެނިލުމަށް ވަނީ ހިޔަނި އެޅިފަ އެވެ. އަދި އިންޑިއާގެ އެކި ޑިޒައިނަރުން ވެސް ވަނީ ދިޕިކާގެ ހެދުންތައް ރީތި ނޫން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ސޯނަމް ކަޕޫރު ވެސް ވަނީ ކާންސް ފެސްޓިވަލުގައި ބައިވެރިވުމަށް ޕެރިސް އަށް ގޮހެވެ.