ހަބަރު

އޯޑިއޯގައި ވަނީ ދޮގު، ހިޔަލީގެ އެހެން ގުރޫޕެއް ނޯވޭ: ހަރަމައިން

މީހުން ހައްޖަށް ފޮނުވުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރެވޭ އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ އޯޑިއޯއަކީ އަސްލެއް ނެތް އޯޑިއޯއެއް ކަމަށާއި އޭގައި ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީއިން ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ، ލީކްވެފައިވާ އޯޑިއޯގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދު (ހިޔަލީ) އާ ގުޅޭ ގޮތުން ވާހަކަތަކެއް ދައްކާފައިވާތީ އެވެ.

އޯޑިއޯގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހާ ބުނަނީ، ހިޔަލީގެ ދެ ހައްޖު ގުރޫޕެއް އޮންނާނެ ކަމަށެވެ.

"މިއީ ހިޔަލީގެ ދެވަނަ ގުރޫޕެއް ނޫން، ހިޔަލީގެ އިންނާނެ ދެ ގުރޫޕް، މިއީ ވަކިން ހެދި ގުރޫޕެއް އަދި،" އެމީހާ ބުނެ އެވެ.

މިކަމާ ގުޅިގެން ހަރަމައިން ކުންފުނީގެ އެމްޑީ ޔައުގޫބު ހުސެއިން ވިދާޅުވީ، އެ އޯޑިއޯއަކީ އެ ކުންފުންޏާމެދު ހަސަދަވެރިވާ ބަޔަކު ކުންފުނީގެ އަގު ވައްޓާލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ހަރަމައިންގެ އިތުރުން ހިޔަލީގެ އިތުރު ހައްޖު ގުރޫޕެއް ނޯންނާނެ ކަމަށެވެ.

"ހިޔަލީގެ އެއްވެސް އިތުރު ޖަމާއަތެއް ނެތް، ފޭކް އޯޑިއޯއެއް ހަދައިގެން މިއީ ހަސަދަވެރިވާ ބަޔަކު ކޮށްގެން އުޅޭ ކަމެއް،" ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ، ބަޔަކު އެ ކުންފުންޏާމެދު ހަސަދަވެރިވަނީ މިދިޔަ އަހަރު އެންމެ ރަނގަޅު ހިދުމަތެއް ހައްޖުވެރިންނަށް ފޯރުކޮށްދިން ކުންފުންޏަކީ އެ ކުންފުނި ކަމަށްވާތީ ކަމަށެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީފަ ކަމަށާއި މި އަހަރު ވެސް އެ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.

އެ އޯޑިއޯގައި އެ އޮފިޝަލް ވަނީ އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ކުރާނެ ކަމަށާއި މާލީ ފައިދާ ވާނެ ގޮތްތައް ބަލާނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން އެހެން ގުރޫޕްތަކުގެ ހުއްދަ ބާތިލުކޮށް، ދެން ކުރިމަތި ލެވޭނީ ފަސް ލައްކަ ރުފިޔާގެ ބިޑު ގެރެންޓީއެއް ބަހައްޓާފައި ޕްރޮޕޯސަލް ގަނެގެން ކަމަށް ވެސް އޭގައި ބުނެ އެވެ. އަދި އަމިއްލައަށް ގުރޫޕްތަކެއް ހަދާފައިވާ ކަމަށް ވެސް ބުނެ އެވެ.

"ތިނެއް ނޫން، ހަތަރު ގުރޫޕް އަހަރެން ހަދައިފިން، ހަތަރު ގުރޫޕް އިންނާނެ މިހާރު ހަދާފަ، އަނެއްކާ އަނެއް ގުރޫޕް ހަދަނީ މިހާރު، މިރޭ މި ތައްޔާރު ކޮށްލަނީ އޭނާއަށް ހުރިހާ ކަމެއް، މަ މި ހަދައިދެނީ އޭނާއަށް އަނެއް ގުރޫޕް،" އޭނާ ބުނެ އެވެ.

މި އޯޑިއޯއާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ. އަދި ހިޔަލީގެ ނަމްބަރަށް ގުޅުމުންވެސް ޖަވާބެއް ނުދެއްވަ އެވެ.

އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީގެ އިތުރުން ދެން މި އަހަރު ހުއްދަ ދީފައިވަނީ ދަރުމަ ލިލްހައްޖި ވަލްއުމްރަތި ޕްރައިވެޓް ލިމިޓެޑާއި ކިސްވާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ހައްޖު ގްރޫޕް އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމްރާ އެވެ.