ބޮލީވުޑް

"ރާމްބޯ" ގެ ހިންދީ ރިމޭކްގައި ޓައިގާ

May 22, 2017

ޒުވާން އެކްޓަރު ޓައިގާ ޝްރޮޕް މިހާތަނަށް ކުޅެފައިވާ ކޮންމެ ފިލްމެއްގައި ވެސް ވަނީ އޭނާ ކުޅެފައިވަނީ އެކްޝަން ރޯލުތަކެވެ. ކޮންމެ ފިލްމެއްގައި ވެސް ޓައިގާގެ އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެން ގޮސް އޭނާ ވަނީ ޒުވާން އެކްޓަރުންގެ ތެރެއިން އެކްޝަން ރޯލުތައް ކުޅެން އެންމެ މޮޅު އެކްޓަރަށް ވެފަ އެވެ.

މިއީ އަނެއްކާ ވެސް ޓައިގާގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ހޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި ސިލްވެސްްޓާ ސްޓަލޯންގެ ކްލެސިކް އެކްޝަން ފިލްމު "ރާމްބޯ" ގެ ހިންދީ ރީމޭކެއް އުފައްދަން މިވަނީ ނިންމާފަ އެވެ. އެ ފިލްމުގައި ސިލްވެސްޓާގެ ރޯލުން ފެނިގެންދާނީ ޓައިގާ އެވެ.

މި ފިލްމުގެ ހިންދީ ރިމޭކްގެ ފުރަތަމަ ޕޯސްޓަރު ޓައިގާ ވަނީ ޓްވީޓްކޮށްފަ އެވެ. ޓައިގާގެ ޓްވީޓްގައި ވަނީ އެނާ ބޮޑުވީ ސިލްވެސްޓާގެ ފިލްމުތައް ބަލައިގެން ކަމަށާއި އޭނާގެ ރޯލު ކުޅެން ލިބުމަކީ ލިބެ ބޮޑު ފަހުރެއް ކަމަށް ބުނެފަ އެވެ.

"ރާމްބޯ" ގެ ހިންދީ ރިމޭކެއް އުފައްދާ ހަބަރު ސިލްވެސްޓާގެ ކަންފަތާ ހަމައަށް ވެސް ވަނީ ފޯރާފަ އެވެ. ސިލްވެސްޓާ އޭނާ "ރާމްބޯ" ގެ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކުރަމުން ވަނީ އޭނާގެ ފިލްމުގެ ހިންދީ ރިމޭކެއް އުފައްދަން އުޅޭ ވާހަކަ ނޫސްތަކުން ފެނިފައިވާ ކަމަށެވެ.

މިފަހުން ނޫހަކަށް މި ފިލްމާ ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ޓައިގާ ވަނީ މާޝަލް އާޓިސްޓެއްގެ އިތުރުން އެކްޝަން ފިލްމު ކުޅެން އޭނާ ލޯބިކުރާ ކަމަށާއި އެހެންކަމުން މި ފިލްމުން އޭނާ އަށް ފުރުސަތެއް ލިބުމަކީ އުފާކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

"ބޭންގް ބޭންގް" ގެ ޑައިރެކްޓަރު ސިދާތް އަނަންދް ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އަދި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

ޑައިރެކްޓަރު ސިދާތްގެ "ބޭންގް ބޭންގް" އަކީ ޓޮމް ކްރޫޒްގެ ހޮލީވުޑް ފިލްމު "ޑޭ އެންޑް ނައިޓް" ގެ ހިންދީ ރީމޭކެކެވެ.