ބޮލީވުޑް

ކާންސްގައި މިފަހަރު ވެސް ވިދާލީ އައިޝްވާރިޔާ

May 22, 2017

ދުނިޔޭގެ ރީތީގެ ރާނީ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއި ބަޗަންއަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލް ކަމަށްވާ ކާންސްގައި ގަވާއިދުން ބައިވެރިވާ މެހެމާނެކެވެ.

މަޝްހޫރު މޭކަޕް ބްރޭންޑް ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އައިޝްވާރިޔާ ކާންސްގައި ބައިވެރިވާތާ މިއަހަރު މިވީ 16 އަހަރެވެ. މިމަހުގެ 17 ވަނަ ދުވަހު ފެށި މި ފެސްޓިވަލްގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައީ ވެސް 70 ވަނަ ކާންސްގެ ތިން ވަނަ ދުވަހު ރެޑް ކާޕެޓުގައި އައިޝްވާރިޔާ ހިނގާލާނެ ވަގުތަށެވެ.

އައިޝްވާރިޔާ ކާންސްގައި ބައިވެރިވާން ފެށި ފަހުން ކޮންމެ އަހަރަކު ވެސް ރެޑް ކާޕެޓުގައި ހިނގާލަން ލާ ހެދުންތަކަށް އޭނާ އަށް ވަރަށް ތައުރީފާއި ފާޑުކިޔުންތައް ވެސް ލިބެ އެވެ.

އެހެން އަހަރުތަކާ ހިލާފަަށް އައިޝްވާރިޔާ އަަށް މިފަހަރު މުޅިން ވެސް ލިބިގެން ގޮސްފައިވަނީ ތައުރީފުގެ ބަސްތަކެވެ. އޭނާ ރެޑް ކާޕެޓުގައި ހިނގާލި ފުރަތަމަ ދުވަހު ލައިގެން ހުރީ ދުބާއީގައި ދިރިއުޅޭ ފިލިޕީންސް އަށް ނިސްބަތްވާ ފެޝަން ޑިޒައިނަރު މައިކަލް ކީނޯގެ މަޑު ނޫ ކުލައިގެ ފެއަރީ ޓޭލް ތީމަކަށް ހަދާފައިވާ ޕްރިންސެސް ގައުން އެކެވެ.

އެ ހެދުމުގައި އައިޝްވާރިޔާ ރެޑް ކާޕެޓުގައި ހިނގާލުމާއެކު މީޑިއާ ތަކުން ވަނީ އައިޝްވާރިޔާގެ ރީތި ކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ.

އައިޝްވާރިޔާ ލައިގެން ހުރި ސިނދްރެއްލާ އިންސްޕަޔާޑް ގައުން އަށް، ޓްވީޓާގައި ތައުރީފުކުރި ބައެއް މީހުން ވަނީ އައިޝްވާރިޔާ ހިމަނައިގެން އެ ކާޓޫނުގެ މައްޗަށް ފިލްމެއް އުފައްދަން އެދިފަ އެވެ. އަދި ބައެއް މީހުން ވަނީ އައިޝްވާރިޔާ އެއްވެސް ގޮތަކަށް އުމުރުން 43 އަހަރުވެފައިވާ މީހެއްގެ ވައްތަރު ނުޖަހާ ކަމަށް ވެސް ބުނެފަ އެވެ. އަނެެއް ބަޔަކު ވަނީ އައިޝްވާރިޔާގެ ރީތި ކަމާއި އެ ބޮޑު ހެދުމާއެކު އޭނާ ރެޑްކާޕެޓުގައި ހިނގާލި ގޮތުން ބޮލީވުޑްގެ އެހެން ބަތަލާއިން މިހާރު ތިބޭނީ އާޝޯހުވެފައި ކަމަށް ބުނެފަ އެވެ. އަދި މިއީ އޭނާގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދޭ ހެދުން ކަމަށް ބުނެ ތައުރީފު ކޮށްފައި ވެއެވެ.

ފުރަތަމަ ދުވަހު ރެޑްކާޕެޓުގައި ހިނގާލައި ބެލުންތެރިން އާޝޯހުކޮށްލުމަށްފަހު އައިޝްވާރިޔާ ވަނީ ޖެހިގެން އައި ދުވަހު ވެސް ބެލުންތެރިންގެ ހިތް އަތުލާފަ އެވެ.

ދެވަނަ ދުވަހު އައިޝްވާރިޔާ ލާފައިވަނީ ރަލްޕް އެންޑް ރުސޯގެ ފިޓެޑް ކޯސެޓް ރަތް ކުލައިގެ ހެދުމެކެވެ. އެ ހެދުން ވެސް ވަނީ މިއަހަރުގެ ކާންސް ފެސްޓިވަލްގައި ފެނިގެންދިޔަ އެންމެ ރީތި ހެދުންތަކުގެ ތެރެއިން ޖާގަ ހޯދާފަ އެވެ. މިފަހަރު ރެޑް ކާޕެޓުގައި ހިނގާލަން ލީ އެންމެ ރީތި ދެ ހެދުން ވެސް ފެނިގެން ގޮސްފައިވަނީ އައިޝްވާރިޔާގެ ފަރާތުންނެވެ.

މިއަހަރު އައިޝްވާރިޔާ ލައިގެން ހުރި ހެދުމާއި އޭނާގެ ރީތިކަމަށް އެންމެންގެ ތައުރީފްގެ ބަސްތައް އޮއްސާލިއިރު، މިދިޔަ އަހަރު ކާންސްގެ ރޭޑް ކާޕެޓުގައި އައިޝްވާރިޔާ ހިނގާލި ފަހު ދުވަހު ތުންފަތުގައި ޖައްސާފައި ހުރި މަޑު ދަނބު ކުލައިގެ ލިޕްސްޓިކާއެކު އޭނާ އަށް ފާޑުކިޔުންތައް އަމާޒުވެ އޭނާ އާއި އެކި ކާޓޫންތަކުގެ ކެރެކްޓާތަކާ ވަނީ އެއް ގޮތް ކޮށްފަ އެވެ. ނަމަވެސް މިފަހަރު ކާންސްގައި ފެނިލި ހުރިހާ ފަހަރަކު އައިޝްވާރިޔާގެ މޭކަޕާއި ހެއާ ސްޓައިލަށް ވެސް ނޫސްތަކުގައި ވަނީ ތައުރީފުގެ ބަސްތައް ބަންޑުން ކޮށްލާފަ އެވެ.

މިފަހަރުގެ ކާންސްގެ ރެޑްކާޕެޓްގެ އިތުރުން ފުރަތަމަ ދުވަހު ޕްރެސް މީޓަށް އައިޝްވާރިޔާ ލައިފައިވަނީ ޑިޒައިނަރު ޔަނީނާ ކޯޓުއާ ސީ ގްރީން ހެދުމެކެވެ. މިފަހަރު ޕްރެސް މީޓްގައި ވެސް އެންމެ ތަފާތުކޮށް ހެދުން އެޅި ތަރިއަކީ އައިޝްވާރިޔާ އެވެ.

ފުރަތަމަ ދުވަހު އޮތް ފޮޓޯ ޝޫޓަށް އައިޝްވާރިއާ ލައިގެން ހުރި ކަޅު ކުލައިގެ ހެދުމަށް ވެސް މީހުން ވަނީ ތައުރީފު ކޮށްފަ އެވެ. ފޮޓޯ ޝޫޓަށް ފަހު، އެ ދުވަހު އޮތް މީޑިއާގެ އެހެން އިވެންޓަކަށް އައިޝްވާރިޔާ ލާފައިވަނީ ޑިޒައިނަރު މާކް ބަމްގާނާގެ މަލުން ޖަރީކޮށްފައިވާ އައިވަރީ ކުލައިގެ ގައުން އެކެވެ.

ކާންސްގެ ރެޑް ކާޕެޓް އަދި މީޑިއާ އިވެންޓް ތަކުގައި މުޅިން ވެސް ހުޅަނގުގެ ހެދުންތަކެއްގައި އައިޝްވާރިޔާ ފެނުނު ނަމަވެސް ކާންސްގައި އޮތް "ދޭވްދާސް" ގެ ސްކްރީނިން އަށް އޭނާ ލާފައިވަނީ ރަނާއި ނުލުން ޖަރީކޮށްފައިވާ އިންޑިއަން ސްޓައިލްގެ ހެދުމެކެވެ.

އައިޝްވާރިޔާ ރެޑް ކާޕެޓުގައި ދެވަނަ ދުވަހު ހިނގާލުމަށްފަހު އޭގެ ފަހުން އޮތީ އޭނާގެ ފިލްމު "ދޭވްދާސް" ދައްކާލުމެވެ. މި އަހަރުގެ ހަފްލާ އަށް އައިޝްވާރިޔާ ގެންގޮސްފައިވާ "ދޭވްދާސް" އަކީ 2002 ވަނަ އަހަރު ނުކުތް ފިލްމެކެވެ. އެ ފިލްމުގައި އައިޝްވާރިޔާ އާއެކު ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާން އެވެ. މި ފިލްމަކީ އައިޝްވާރިޔާ ކާންސްގައި ބައިވެރިވި ފުރަތަަމަ އަހަރު ވެސް ދައްކާލި ފިލްމެވެ.

ކާންސްގައި މިފަހަރު އައިޝްވާރިޔާ ސްޓައިލް ކޮށްދީފައިވަނީ އޭނާ އާންމުކޮށް ވެސް ސްޓައިލްކުރާ ސްޓައިލިސްޓް އާސްތާ ޝަރްމާ އެވެ.