ރާއްޖެ ކުޅިވަރު

އޮއްޕޮ ވެސް ނިއުއަށް ސޮއިކޮށްފި

May 21, 2017

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެޓޭކިން މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ) ނިއުރޭޑިއަންޓަށް މިއަދު ސޮއިކޮށްފި އެވެ.

މިއަދު އޮއްޕޮ ނިއުއަށް ސޮއިކޮށްފައިވަނީ އެކަމަށް ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. އޮއްޕޮގެ އިތުރުން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ މިއަދު ނިއުއަށް ސޮއިކޮށްފަ އެވެ.

މިދިޔަ އަހަރު އޮއްޕޮ ކުޅެފައި ވަނީ ވޭލްސްގެ ހަ ވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ ބޮޑޯގަން އެފްސީއަށެވެ. އެ ކުލަބުގައި އޭނާ ދެއްކި ކުޅުން ފާހަގަ ވުމުން، ލާންގެވްނީ އޭނާ އެޓީމަށް ގެންދިޔަ އެވެ.

އޮއްޕޮ ވަނީ މި ސީޒަންގެ ވޭލްސްގެ އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލުގައި ލާންގެވްނީ ޓީމުގައި ކުޅެފަ އެވެ. ސެމީފައިނަލުގައި އެޓީމު ބަލިވީ ޗެރިކް އޭއޭއޭ އެފްސީ އަތުން ނެވެ.

މިސީޒަންގެ ބައެއް މެޗުތަކަުަގއި އޮއްޕޮ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ލާންގެވްނީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ޓީމު އެ މެޗުން ބައެއް މެޗުތަކުގައި އޭނާ ތަނަވަސްކޮށްދިން ފުރުސަތު ތަކުން ލަނޑު ޖަހާފައި ވެއެވެ.

އެޓީމުގައި އޭނާ ދެއްކި ކުޅުމާއެކު ލާންގެވްނީ ކޯޗް ކްރިސް ރޮބަޓްސްގެ އިތުބާރު އޮއްޕޮއާ މެދު އިތުރުވެގެން ދިޔަ އެވެ.