މޫސުން

މާލެއަށް ވައިގަދަވެ، ގެއްލުންތަކެއް ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން ވައިގަދަވެ، މާލެއާއި ހުޅުމާލޭގައި އެކިވަރުގެ ހާދިސާތައް ހިނގައިފި އެވެ. އެގޮތުން ވައިގަދަވެގެން ބައެއް ގަސްތަކާއި ބިލްބޯޑްތައް ވެއްޓި ވެހިކަލްތަކަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 6:30 ހާއިރު ވިލާ ގޭޓު ކައިރީ ހުންނަ ބިލްބޯޑެއް ވެއްޓި އެތަނުގައި ޕާކުކޮށްފައިހުރި ކާރަކައި ޕިކަޕެއްގައި ޖެހި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި މިރޭ 7:22 ހާއިރު މާފަންނު ސަހަރާ ކައިރީ ހުރި ގަހެއް ވެއްޓި އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ފެރީ ޓާމިނަލް ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކެއްގެ މައްޗައް ވެސް ފިތުރޯނު ގަހެއް ވެއްޓި ގެއްލުންތަކެއްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި ހާދިސާތަކުގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މޫސުން ގޯސްވުމާ ގުޅިގެން ހުޅުމާލެ އާއި މާލެއާ ދެމެދުގެ ފެރީ ދަތުރުވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ އިތުރުން ހުޅުމާލޭ ފަޅު ތެރޭ އޮތް ސަފާރީއަކާއި 27 ފަތުރުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އަޑިޔަށް ދާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދަށް ގަޑިއަކު 30 މޭލާއި 40 މޭލު ބާރު މިނުގައި ވައި ޖެހެ އެވެ. އެހެންކަމުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓުވެސް އެ އޮފީހުން ވަނީ ނެރެފަ އެވެ.