ބޮލީވުޑް

ކަންގަނާގެ ފުރަތަމަ ޑައިރެކްޝަންގައި 80 އަހަރުގެ މުސްކުޅިއެއްގެ ރޯލު

May 23, 2017

ބަތަލާ ކަންގަނާ ރަނާވަތު މިފަހުން ވަނީ އޭނާގެ އަމިއްލަ ފިލްމެއް ޑައިރެކްޓްކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދައި ކަންގަނާ ޑައިރެކްޓްކުރާ އެ ފިލްމަކީ ކޮމެޑީ ފިލްމެކެވެ. "ތޭޖޫ" ނަމަކަށް ކިޔާ އެ ފިލްމުގައި އެކްޓަރެއްގެ ރޯލުން ވެސް ފެނިގެންދާނީ ކަންގަނާ އެވެ.

ފުރަތަމަ ޑައިރެކްޝަނާ ގުޅޭގޮތުން ވާހަކަދައްކަމުން ކަންގަނާ ވަނީ އެ ފިލްމުގައި އޭނާ ފެނިގެންދާނި 80 އަހަރުގެ މުސްކުޅި އަންހެނެއްގެ ރޯލުން ކަމަށް ބުނެފަ އެވެ.

ކަންގަނާ ވަނީ މި ފިލްމުގައި އޭނާ ދަންނަ އެ އުމުރުގެ މީހުންގެ ދިރިއުޅުމުގެ ކަންކަން ފެނިގެންދާނެ ކަމަށެވެ. އަދި އެއިން ކޮންމެ މީހަކީ ވެސް އޭނާއާ ވަރަށް ގާތް މީހެއް ކަމަށް ބުނެފަ އެވެ.

"ފުރަތަމަ ފަހަރަށް އަހަރެން މިހާ ދުވަސްވީ މީހެއްގެ ރޯލު މިކުޅެނީ. އަހަރެން ކުޅޭ ރޯލަކީ ވަރަށް މަޖާ އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެއްގެ ރޯލު. އެމީހާ އަކީ އެއްގޮތަކަށް ވެސް އޭނާ އަކީ އުމުރުން ދުވަސްވީ މީހެއް ކަމަށް ގަބޫލުކުރާ މީހެއް ނޫން،" ކަންގަނާ ބުނެފައިވެ އެވެ.

"ރަންގޫން" އިން އެންމެފަހުން ފެނިގެންދިޔަ ކަންގަނާ ވަނީ އޭނާ ބަލާ ބޮޑުކުރީ މާމަ އާއި ކާފަ އަށް ވުމުން އެ އުމުރުގެ މީހުންގެ އިހުސާސްތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުނެފަ އެވެ.

ގައުމީ އެވޯޑް ވެސް ލިބިފައިވާ ކަންގަނާ ވަނީ މި ފިލްމުގެ ސްކްރިޕްޓް ވެސް ލިޔާނީ އޭނާ ކަމަށް ބުނެފަ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަން ނިންމާފައިވަނީ ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، މަނިކާނިކާ ފިލްމްސް އާއި "ތަންނޫ ވެޑްސް މަންނޫ" އާއި "ސިމްރަން" ގެ ޕްރޮޑިއުސަރު ސައިލޭޝް ސިންގްއާ ގުޅިގެންނެވެ.

މި އަހަރުގެ ފަހުކޮޅު މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

"ތޭޖޫ" އަކީ އުމުރުން ދުވަސްވެފައިވީ ނަަމަވެސް ދިރިއުޅުމާ މެދު އުފާވެރިކޮށް ދިރިއުޅުން އުޅެން ބޭނުންވާ 80 އަހަރުގެ އަންހެނެއްގެ ވާހަކަ ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ހިމާލިޔާގަ އެވެ.