ވިޔަފާރި

ހިސާބު ނުބަލައްޓާ ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅަން ފަށައިފި

ވިޔަފާރީގެ ހިސާބުތައް ނުބަލަހައްޓާ ވިޔަފާރިތަކާއިމެދު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފިޔަވަޅު އަޅަން ފަށައިފި އެވެ

މީރާއިން ބުނީ ވިޔަފާރީގެ ހިސާބުތައް އެންމެ ރަނގަޅަށް ނުބަލަހައްޓާ ފަރާތްތަކާއި މެދު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ފިޔަވަޅުތައް އަޅައި ޖޫރިމަނާކުރަން ފެށުމަށް ހަމަޖެހިފައިވާ ވާހަކަ ޓެކްސް ދައްކާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

މީރާގެ ޑިރެކްޓަރު ޖެނެރަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުﷲ ޖަލީލު ވިދާޅުވީ ހިސާބުރައް ނުބަލަހައްޓާ ވިޔަފާރިތަކާއިމެދު ފިޔަވަޅު އެޅުމުގެ ގޮތުން އެންމެ ފުރަތަމަ ދޭނީ ނޯޓިސްއެއް ކަމަށެވެ.

"މިހާރު ވެސް ބައެއް ފަރާތްތަކަށް ވާނީ ނޯޓިސް ދީފަ. ދެން އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނީ. ފިޔަވަޅު އަޅާނީ ނޯޓިސް ދިނުމަށްފަހު ރަނގަޅު ނުކޮށްފިނަމަ،" ފަތުހުﷲ ވިދާޅުވި އެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު ހިސާބު ކުރެވޭ ވަރަށް ވިޔަފާރީގެ ހިސާބުތައް ބެލެހެއްޓުމަށް ލާޒިމް ކުރެ އެވެ.

މީރާއިން ދަނީ ޓެކްސް ދެއްކުމާ ބެހޭ ރެކޯޑު ބެލެހެއްޓުމުގެ މައުލޫމާތު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިޔަފާރިވެރިންނަށް ފަސޭހައަކަށް ވިޔަފާރީގެ ހިސާބުތައް ބަލަހައްޓާނެ ގޮތުގެ ގައިޑްލައިނެއް ވެސް މީރާއިން އާއްމުކޮށްފައިވެ އެވެ.