މޫސުން

ހުޅުމާލެ ފެރީގެ ހިދުމަތް އަލުން ފަށައިފި

މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލި ހުޅުމާލެ - މާލެއާ ދެމެދުގެ ފެރީގެ ހިދުމަތް އަލުން ފަށައިފި އެވެ. އެމްޓީސީސީއިން ހިދުމަތް މެދުކަނޑާލަމުން ބުނެފައިވަނީ ކަނޑުދަތުރުކުރެވޭ ވަރަށް މޫސުން ރަނގަޅުވުމުން ފެރީގެ ހިދުމަތް އަލުން ފަށާނެ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވިލިމާލެ - މާލެ ފެރީގެ ހިދުމަތް ވެސް މެދުކަނޑާލި އެވެ. ނަމަވެސް މިހާރު ވަނީ އަލުން އެ ފެރީ ދަތުރުތައް ވެސް ފަށާފަ އެވެ. މާލޭ ސަރަހައްދަށް ދަނީ ބާރަށް ވައި ޖެހި އަދި ބޯކޮށް ވާރޭ ވެހެމުންނެވެ.

ވައި ގަދަވުމުގެ ސަބަބުން ހުޅުމާލޭ - މާލެ ފެރީ ޓާމިނަލް ކައިރީގައި ހުރި ފިތުރޯނު ގަހެއް ވެއްޓި ސައިކަލުތަކަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި މާލޭގެ މާފަންނު އާސަހަރާ ކައިރީގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން މަގުތަކުގައި ހަރުކޮށްފައި ހުރި ބައެއް ބިލް ބޯޑުތައްވެސް ވައި ގަދަވުމުގެ ސަބަބުން ވެއްޓިފައިވެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. ހުޅަނގު ދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

މީގެ އިތުރުން މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.