މޫސުން

ކޮޅިގަނޑުގައި މާލޭގެ ގެއަކަށް ގެއްލުންތަކެއްވެއްޖެ

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ހ.ސޯސަން ނީޑްގޭ ފުރާޅުމައްޗަށް ޖެހިގެން ހުރި އިމާރާތުން ގަލާއި ކުނި ފައިބާ އެގޭގެ ފުރާޅު ހަލާކުވެ، ގެއްލުންތަކެއް ވެއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ މިރޭ 18:37 ހާއިރު އެވެ. ހ.ސޯސަންނީޑް ގޭގެ ފުރާޅުމައްޗަށް ފައިބާފައިވަނީ ޖެހިގެން ހުރި ހ.ސޯސަން ފްލާވާ ގޭގެ އިމާރާތުގައި ހުރި ކުނިތަކާއި ގަލެވެ. ހ.ސޯސަން ފްލާވާ ގެއަކީ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އަދި އެހާދިސާއަށްފަހު ސާފުނުކޮށްހުރި ގެއެކެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހ.ސޯސަން ފްލާވާ ގެއަށް ގޮސް އެގެ ސާފުކޮށް ނިންމާލާފައި ވަނީ މިރޭ 21:00 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް މިހާދިސާގައި ހ.ސޯސަންނީޑް ގޭގެ ފުރާޅުގެ ފޫ ގޮސް ފެންފައިބާ އެގޭގައި ގެންގުޅޭ ބައެއް އިލެކްޓްރޯނިކް ތަކެއްޗަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އެ ގެއިން ވަނީ ކަރަންޓު ވެސް ގޮސްފަ އެވެ.

މާލޭ ސަރަހައްދަށް ވައި ގަދަވުމުގެ ސަބަބުން ހުޅުމާލޭ - މާލެ ފެރީ ޓާމިނަލް ކައިރީގައި ހުރި ފިތުރޯނު ގަހެއް ވެއްޓި ސައިކަލުތަކަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި މާލޭގެ މާފަންނު އާސަހަރާ ކައިރީގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން މަގުތަކުގައި ހަރުކޮށްފައި ހުރި ބައެއް ބިލް ބޯޑުތައްވެސް ވައި ގަދަވުމުގެ ސަބަބުން ވެއްޓިފައިވެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. ހުޅަނގު ދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

މީގެ އިތުރުން މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.