ކުޅިވަރު

އާސެނަލްގައި ކުރިމަގާމެދު ވެންގާ ސުވާލު އުފައްދައިފި

May 22, 2017

އާސެނަލްގެ ސަޕޯޓަރުންނަށް ވެންގާ އަލްވަދާއެއް ނުކިޔަ އެވެ. ނަމަވެސް، އާސެނަލްގައި އޭނާ އަށް ކުރިމަގު އޮތް ކަމާމެދު އާސެނަލްގެ ކޯޗް އާސެން ވެންގާ ސުވާލު އުފަދައިފި އެވެ.

ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-1 ކާމިޔާބު ކުރި ނަަމަވެސް، ޗެމްޕިއަންސްލީގަށް ދިއުމުގެ ފުރުސަތެއް އާސެނަލް އަކަށް ނުލިބުނެވެ. އާސެނަލް މޮޅުވުމުގެ އިތުރަށް، ރޭ މިޑްލްބަރާ އަތުން ލިވަޕޫލް އެއްވަރުވި ނަމަވެސް، އާސެނަލްއަށް ގަދަ ހަތަރެއްގެ ތެރެއަށް ވަދެވުނީހެވެ.

މިއީ 1997 ވަނަ އަހަރުގެ ފަހުން، އާސެނަލް އަށް ޔޫރަޕްގެ އެލީޓް މުބާރާތުން ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. އަންނަ ސީޒަންގައި އާސެނަލް ވާދަ ކުރާނީ ޔޫރޮޕާ ލީގްގަ އެވެ. މި ސީޒަނަކީ ވެންގާގެ 21 އަހަރުގެ ދިގު ކެރިއަރުގައި، އާސެނަލް އަށް ކުރިމަތިވި އެންމެ ނާކާމިޔާބު ސީޒަނެވެ.

އާސެނަލްގެ ސަޕޯޓަރުންނަށް ވެންގާ ފެއާވެލް ނުކީ ނަމަވެސް، މިއީ އޭނާ އާސެނަލްގައި ހޭދަ ކުރާނެ އެންމެ ފަހު ސިޒަން ކަމަށް ބެލެވެ އެވެ. އޭނާއާއެކު އާސެނަލް ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އާ ކޮންޓްރެކްޓެއްގެ ވާހަކަ، އާސެނަލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ފަރާތަކުން، ވެންގާއާ ދައްކާފައެއް ނުވެ އެވެ. އެޔާއެކު، އާސެނަލްގެ ސަޕޯޓަރުންނާއި، ކުރީގެ ކުޅުންތެރިން ގޮވަމުން ދަނީ، ބަދަލެއް ބޭނުންވާ ކަމަށެވެ.

"ތެދެއް މިއީ ވަރަށް އުނދަގޫ ހާލަތެއް، އަހަރެންގެ ޕާސަނަލް ހާލަތުގެ ތެރެއިންވެސް އަހަރެން ވާނީ މި ކުލަބަށްޓަކައި ގުރުބާނީތަކެއް ވެފަ، އަހަރެންނަކީ ޕްރޮފެޝަނަލް މީހެއް، އަހަރެން ކޮންމެ ވަޒީފާއެއްގައި ވިޔަސް އަހަރެން އެންމެ ފަހު ދުވަހާ ހަމަށް އަހަރެންގެ ވަޒިފާ އަދާ ކުރާނަން،" ވެންގާ ބުންޏެވެ.

އޭނާ ބުނީ، އޭނާގެ އަމިއްލަ ހާލަތަށް ވުރެ އޭނާ ވިސްނަނީ އާސެނަލްއާ ދެމެދު ކަމަށާއި އާސެނަލް ދޫކޮށްލިޔަސް، އަބަދުވެސް އާސެނަލްއަށް ރަނގަޅު ގޮތްވާން އޭނާ ބޭނުންންވާ ކަމަށެވެ.

ވެންގާ ބުނީ އާސެނަލްގައި މާލީ ހަނި ފިޔަވަޅުތަކާ އެކުވެސް، އޭނާ ކުރިއަށް ދިޔައީ އެ ކުލަބާ މެދު އޭނާގެ ހިތުގައި އޮންނަ ލޯއްބެއްގެ ބޮޑު ކަމުން ކަމަށެވެ. އަދި އެހެން ކުލަބުތަކުން އޭނާ އަށް ހުށަހެޅުންތައް ލިބިގެން ދިޔަ ކަމަށާއި ނަމަވެސް އޭނާ އާސެނަލްގައި ހުރީ އެކުލަބަށް އިހްލާސްތެރިވުމުގެ ގޮތުން ކަމަށެވެ.

އޭނާ ބުނީ އިންގްލެންޑްގައި ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުނީތީ އޭނާ ފަހްރުވެރިވާ ކަމަށެވެ. އަދި ޖެހިޖެހިގެން 19 އހަރު ޗެމްޕިއަންސް ލީގްގައި ވާދަ ކުރުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ވެންގާ ސިފަ ކުރި އެވެ. ޗެމްޕިއަސް ލީގް ޓޯރޮފީއާ އެންމެ ކައިރިއަށް އާސެނަލްއަށް ދެވުނީ 2006 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި އެޓީމު ބަލިވީ ބާސެލޯނާ އަތުން ނެވެ.