ހަބަރު

ވައިގެ ދަތުރާ ބެހޭ ޖަމިއްޔާގެ އޮޑިޓުން ވީއައިއޭ ފާސްވެއްޖެ

May 22, 2017

ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ) ގެ ގްރައުންޑް އޮޕަރޭޝަންސް ސޭފްޓީ ޓެސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފާސްވެއްޖެ އެވެ.

ވީއައިއޭ ހިންގާ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަޔާޓާ އިން އަހަރަކު އެއްފަހަރު ހަދާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް (އިސާގޯ) ގެ ޝަރުތުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި އޮޑިޓް ހެދުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި އެއާޕޯޓަށް އަންނަ މީހުނަށް ހިދުމަތް ދޭ ގޮތާއި، ޕެސެންޖަރު އަދި ބެގޭޖު ހޭންޑްލިން ފަދަ ގިނަ ކަންތައްތަކެއް ހިމެނެ އެވެ.

އެމްއޭސީއެލް އިން ބުނީ މި އޮޑިޓުގެ ސަބަބުން އެއާޕޯޓުން ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެން ގޮސްފައިވާ ކަމަށެވެ.

އަޔާޓާގެ އޮޑިޓު އެއާޕޯޓުން ފުރިހަމަ ކުރިއިރު، އެއާޕޯޓު ތަރައްގީކޮށް ބޮޑު ކުރުމަށް ބިޔަ މަޝްރޫއެއް ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.