ހަބަރު

އިތުބާރު ނެތް ކަމުގެ މައްސަލާގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ދާދިދެންމެއަކު ކަނޑައަޅައި، އެ ކޯޓުން ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުން މިގޮތަށް މިއަދު ހުކުމްކުރީ އެޓާނީ ޖެނަރަލްގެ އޮފީހުން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގަ އެވެ. -- ދުސްތޫރީ މައްސަލައަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއިން ބައެއް ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ. އެފަދަ މައްސަލަތައް ބެލޭނީ ހައި ކޯޓާއި ސުޕްރީމް ކޯޓަށެވެ.

އޭޖީ އޮފީހުން އެ މައްސަލަ ހުށަހެޅީ، ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަ ކުރުމަށެވެ. އެ މާއްދާގައި ބުނެފައިވަނީ، މަޖިލީހުގެ 10 މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތި ސިޔާސީ ބޭނުމަށް މިނިސްޓަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ (ވޯޓް އޮފް ނޯ ކޮންފިޑެންސް) ހުށަނޭޅެނެ ކަމަށެވެ. މިނިސްޓަރަކު ވަކިކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިމްޕީޗްމެންޓް ވޯޓަކުން އެކަނި ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސްކުރި ނަމަވެސް އެކަމުގައި އެންމެފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެ އުސޫލަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މަދުވެގެން 10 މެންބަރުންގެ ސޮޔާއެކު ހުށަހަޅާ މައްސަލަ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ އެ މިނިސްޓަރަކު މަގާމުން ވަކިވާނެ އެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، އެއްވެސް ސަބަބެއް ނެތި ސިޔާސީ ބޭނުމަށް މިނިސްޓަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ބަރުލަމާނީ ސިފައެއް ކަމަށެވެ. ވިދާޅުވީ، މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ސިޔާސީ ގޮތުން ކުރެވޭ ކަމަށްވާނަމަ އެއީ ދައުލަތް ހިންގުމަށް ހުރަސް އެޅި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫއަރާ ކަމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، އެއްވެސް ސަބަބެއް ނެތި މިނިސްޓަރަކު ވަކިކުރުމުގެ ބާރު ގާނޫނު އަސާސީން އޮންނަނީ ރައީސްއަށް އެކަނި ކަމަށެވެ. މިނިސްޓަރުން ޖަވާބުދާރީވާން ޖެހޭނީ ވެސް ރައީސްއަށް ކަމަށާއި އެކަމުގައި މަޖިލީހުގެ ދައުރަކީ ފާރަވެރިވުން ކަމަށެވެ.

އެއްވެސް ސަބަބެއް ނެތި މިނިސްޓަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަނަމަ އެއީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށާއި އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން ނިންމާ ނިންމުންތަކަކީ އާބިޓްރަރީ ނިންމުންތަކަށް ވެގެން ނުވާނެ ކަމަށެވެ. އެއިން ކޮންމެ ނިންމުމަކީ ވެސް އިޖުރާއުތައް ފުރިހަމަވެފައިވާ ނިންމުންތަކަކަށް ވާން ޖެހޭނެ ކަަމަށެވެ.

ގާނޫނު އަސާސީ މާނަ ކުރުމުގައި އޮޅުމެއް އަރައިފިނަމަ އެކަމެއް ސާފުކޮށް ދިނުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތުން ވިރާސީ ގޮތުން އެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.