ކުޅިވަރު

ލީގްގައި މާޒިޔާ ބަލި ކުރި ފުރަތަމަ ޓީމަކަށް ވިކްޓަރީ

May 22, 2017

މާޒިޔާ ސްޕޯޓްސްގެ މައްޗަށް 1-0 މޮޅުވެ، ޑޮމެސްޓިކް ސީޒަންގައި އެ ޓީމު ބަލި ކުރި ފުރަތަމަ ޓީމުގެ ޝަރަފު ވިކްޓަރީން ހޯދައިފި އެވެ.

މިއީ މިއަހަރު، މާޒިޔާއަށް ކުރިމަތިވި ދެ ވަނަ ބައްޔެވެ. އެންމެ ފުރަތަމަ އެޓީމު ބަލި ކުރީ އޭއެފްސީ ކަޕްގައި، އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނީ، މިވަރުގެ ތިން ޕޮއިންޓެއް ވިކްޓަރީއަށް ނުލިބޭނެ ކަމަށާއި، ލިބުނީ އުނދަގޫ ތިން ޕޮއިންޓް ކަމަށެވެ.

"އަޅުގަނޑުމެން އަތުން ގެއްލެން ނުޖެހޭ ދެ ޕޮއިންޓެއް މިދިޔަ ބުރުގައި ގެއްލިފައި ވަނީ، އެކަން ވަރަށް އީހްސާސް ކުރެވޭ ދެ ޕޮއިންޓެއް އެބަވޭ، ދެން އެ ދެ ޕޮއިންޓް ފޫބައްދަން މި ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް، ވަރަށް ބޮޑު މޮޅެއް މި ލިބުނީ އަލްހަމްދުﷲ، ވިކްޓަރީ ކުރިއަށްދާން ލިބުނު ތިން ޕޮއިންޓް މިއީ، މީގެ ސަބަބުން މޯޓިވޭޝަން ރަނގަޅު ވެގެންދާނެ، އެހެން ޓީމުތަކަށް އަތުލަން އުނދަގޫ ތިން ޕޮއިންޓަށް، މި ތިން ޕޮއިންޓް ވެގެންދާނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މޮޅުވީ، ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) ގެ މުހިންމު ސޭވްތަކާއި ކުޅުންތެރިންގެ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކަމަށެވެ.

މެޗަށް މާޒިޔާ ނިކުތީ، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކެޕްޓަން އަސަދުﷲ އަބްދުﷲ ނުލަ އެވެ. މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ އަސަދުﷲ ގެ ފަލަމަސްގަނޑަށް ކޮންމެވެސް ވަރަކަށް އަނިޔާ ވެފައިވާ ކަމަށެވެ.

ނަމަވެސް، މާޒިޔާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓްގައި މާޒިޔާގެ މުހައްމަދު އުމޭރު ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްދަނޑިއާ އިންޗިއެއްހައި ބޭރުންނެވެ.

އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓްގައި، ކައުންޓަ އެޓޭކް ފުރުސަތެއްގައި، ވިކްޓަރީގެ މިސްރުގެ ފޯވަޑް މުސްތޮފާ މުހައްމަދު ސެޑިކަށް ލިބުނު ބޯޅަ ހިފައިގެން މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ބޯޅަ ފޮނުވާލީ، މާޒިޔާގެ ކީޕަރު ޕަވެލް މަޓިއަޝް ހުރި ފަޅިއަށެވެ.

އޭގެ ދެ މިނެޓް ފަހުން، ހަސަން އަދުހަމް (ސަޑޭ) ތަނަވަސްކޮށްދިން ބޯޅައަކުން، ވިކްޓަރީގެ ސްޓައިކާ ކެރިކް އެންޑްރިޖް ފޮނުވާލި ބޯޅަ ދިޔައީ މާޒިޔާގެ ގޯލް ދަނޑި މަތިންނެވެ.

ވިކްޓަރީގެ ލަނޑު ފުރަތަމަ ހާފްގެ 41 ވަނަ މިނެޓްގައި، މާޒިޔާގެ ހާފު ތެރެއިން، ސެންޓަ ސާކަލް އޭރިއާ ތެރެއިން، މުހައްމަދު އާރިފް (ބަކާ) ދިން ހިތްގައިމު ތުރޫ ޕާހުން ތަނަވަސްވި ބޯޅަ ހިފައިގެން ގޮސް، ސެޑިކް ވަނީ މާޒިޔާގެ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ދެ ވަނަ ހާފުގައި، މާޒިޔާއިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވުނު ނަމަ، މާޒިޔާއަށް 3-1 ނަތީޖާ ބަދަލު ކުރެވުނީހެވެ. ގޯލާ އަމާޒުކޮށް ދެ ވަނަ ހާފުގައި ވެސް ވަނީ ނުރައްކާތެރި ދެ ހަމަލާ އެއް ފޮނުވާލާފަ އެވެ. އެއް ޕެނަލްޓީ އޭރިއާ ތެރޭގައި އިރުފާން ފޮނުވާލި ބޯޅަ ކީޕަރު ކުޑަ އިމްރާންގެ އަތް ދަށުން ގޮސް، އެބޯޅަ ވެސް ދިޔައީ ދަނޑިއާ އިންޗިއެއް ހައި ބޭރުންނެވެ.

ސެކްލޮސްކީ ބުނީ، ކުޅުންތެރިން ވަރުބަލި ކަމާއެކު ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން، ދެރަ، މާޒިޔާއަށް ލިބިދާނެކަން ކުރިންވެސް ހީކުރި ކަމަށެވެ.