ހަބަރު

ރައީސް އާއި ނައިބު ރައީސް ވަކިކުރެވޭނީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުން: ހުކުމް

  • އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވައިގެން ނުވާނެ
  • ޕީޖީ އާއި އޮޑިޓާ ޖެނަރަލް ވަކިކުރެވޭނީ އެގޮތަށް
  • މުއައްސަސާތަކުގެ މެންބަރުން ވަކިކުރެވޭނީ ހަމަ އެގޮތަށް

ރައީސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނީ ވެސް އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައިގެން ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް މިއަދު ހުކުމްކުރީ އެޓާނީ ޖެނަރަލްގެ އޮފީހުން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގަ އެވެ. އޭޖީ އޮފީހުން އެ މައްސަލަ ހުށަހެޅީ، ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަ ކުރުމަށެވެ. އެ މާއްދާގައި ބުނެފައިވަނީ، މަޖިލީހުގެ 10 މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅިދާނެ ކަމަށެވެ.

ނަމަވެސް މިއަދު އިއްވި ހުކުމުގައި ރައްޔިތުންގެ މަޖިލީހުން ނަގާ އެފަދަ ހުރިހާ ވޯޓެއްގައި ވެސް އެ މީހަކު މަގާމުގައި ދުރުކުރެވޭނީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައިގެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ވެސް ގާނޫނު އަސާސީގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުން ކަމަށެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރެވިދާނެ ކަމަށެވެ. އެ ގަރާރު ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތިންބައި ކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށެވެ.

ރައީސް އާއި ނައިބު ރައީސް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ ފަރާތްތަކަށް މަގާމުން ވަކިކުރުމުގެ އިޖުރާއުތައް ހިންގަން ޖެހޭނީ އިންޕީޗްމަންޓް އުސޫލުން ކަމަށް ހުކުމުގައިވެ އެވެ. އެއީ ދައުލަތުގެ ތިން ބާރު، ވެރިކަންކުރުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ މަސްއޫލިއްޔަތުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތެއްގެ މަތިން ކަމަށެވެ.

އަދި ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ޖެހޭނީ އެއް ބާރު އަނެއް ބާރު އިހްތިސާސް ތެރެއަށް ވަދެ ބާރުތަކުގެ މެދުގައި ގާއިމުކުރެވިފައިވާ ދުސްތޫރީ އިންތައް ފަހަނަ އަޅައި ގޮސް އެ ބާރުތަކުގެ އިސްތިގުލާލުކަން ނުގެއްލޭ ފަދަ ގޮތަކަށް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވެސް ވަކިކުރުމުގައި ފަހު ވަސް ބުނާނީ އެ ކޯޓުން ކަމަށް މިއަދު ކަނޑައަޅާފަ އެވެ. އެގޮތުން މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަން ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް ނަގާ ވޯޓުން އެ މެންބަރަކު ވަކިކުރެވޭނީ ވެސް އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ. އަދި އޮޑިޓާ ޖެނަރަލާއި ޕްރޮސިކިއުޓާ ޖެނަރަލް ވެސް މަގާމުން ވަކިކުރެވޭނީ ހަމަ އެ އުސޫލުން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.