ވިޔަފާރި

"ހައްޖު އުމްރާ ތަކާފުލް" ގެ އޮންލައިން ހިދުމަތް ތާރަފްކޮށްފި

އެލައިޑް އިންޝޫރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ލިބޭ ހައްޖު އަދި އުމްރާ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފްކޮށްފި އެވެ.

އެލައިންޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޖެނަރަލް މެނޭޖާ އިބްރާހިމް ފިރުޝާން ވިދާޅުވީ މިިދިޔަ އަހަރު ތެރޭގައި އަޔާދީ އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރެވިގެން ދިޔަ ފަހުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އިތުރަށް ފަސޭހަ ކުރުމަށް ގިނަ ޕްރޮޑަކްޓްސްތަކެއް އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ހައްޖު އުމްރާ ތަކާފުލް ޕެކޭޖު އޮންލައިންކޮށް ލިބޭނެ ކަމަށާއި އެލިއިޑް އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް މަސައްކަތް މި ކުރަނީ އަޅުގަނޑުމެންގެ ކޮންމެ ކަސްޓަމަރަކު ކޮންމެ ތާކު ހުންނަވާގެން ވެސް އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތައް ގަނެ ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލުން. އެހެންކަމުން ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށް ކޮންމެ ފަހަރަކު ހިދުމަތް ބަލާއިގަތުމަށް އޮފީހަށް ދިޔުމުގެ ބަދަލުގައި ކޮންމެ ތަނަކުން ވެސް އެ ހިދުމަތް މިހާރު ލިބޭނެ،" ފިރުޝާން ވިދާޅުވި އެވެ.

އަޔާދީ ތަކާފުލްގެ ހިދުމަތްތައް އުރީދޫ އާއި ބެންކް އޮފް މޯލްޑިވްސްގެ އިތުރުން މިހާރު މޯލްޑިވްސް އިސްލާމިކް ބެންކްގެ ފައިސާ ޕޭ ވެސް ބޭނުން ކުރެވޭނެ ކަމަސް ފިރުޝާން ވިދާޅުވި އެވެ.

އަޔާދީ ތަކާފުލްގެ ހައްޖު އުމްރާ ތަކާފުލްއަކީ ހައްޖަށް ނުވަތަ އުމްރާއަށް ދާ ފަރާތްތަކަށް ދަތުރުމަތީގައި ލިބޭ ގެއްލުންތަކަށް އެއް ލައްކަ ރުފިޔައާ ހަމަޔަށް ބަދަލު ލިބޭ ޕެކޭޖެކެވެ. އެގޮތުން ބަލިމަޑުކަމެއް ނުވަތަ އެކްސިޑެންޓެއް ދިމާވުމާއި، ޕާސްޕޯޓު ނުވަތަ ލަަގެޖު ގެއްލުމާއި އަދި ދިމާވާ ހާދިސާއެއއްގެ ސަބަބުން އެހެން ފަރާތަކަށް މާލީ ބަދަލު ދޭން ޖެހިއްޖެ ނަމަވެސް މި ޕެކޭޖު މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. މިއީ އެލައިޑުގެ އަޔާދީ ތަކާފުލް އިން އިސްލާމީ ޝަރީއަތުގެ އަސަސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ ޕްލޭނެކެވެ.