ހަބަރު

ވެލިޒިނީ ފުލުހަށް ހާޒިރުވާން އަންގައި، 14 ދުވަސް ދީފި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެންބަރު އައިޝަތު ވެލިޒިނީ ހާޒިރުވުމަށް 14 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ފުލުހުން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ވެލިޒިނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭތީ ތަހުގީގަށް ހާޒިރު ނުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކުރަން ޖެހޭ ސުވާލުތަކެއް ކުރުމަށާއި ތުހުމަތުތަކަށް ޖަވާބު ދާރީވެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން 14 ދުވަހުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ވެލިޒިނީ ހާޒިރު ނުވެއްޖެނަމަ އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ވެލިޒިނީއަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ވާހަކަ އެ ބަޔާން މެދުވެރިކޮށް އަންގާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާރު ނެދަލޭންޑްގެ، ހޭގްގައި ދިރިއުޅެމުން އަންނަ ވެލިޒިނީ އަންނަނީ ސޯޝިއަލް މީޑިއާގައި އިސްލާމް ދިނާ ހިލާފު ވާހަކަތައް ދައްކާ ރަސޫލު ކަމަށް ދައުވާކޮށްފަ އެވެ. އެހެންކަމުން އޭނާ މުރުތައްދުވެފައިވާ މީހެއް ގޮތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.