ހަބަރު

ކޮޅުވެއްޓި ހޯދަން 10،000 ނޮޓިކަލް މޭލު ބެލިން: ކޯސްޓްގާޑް

ކުޅުވެއްޓި، "މާރިޔާ ތިނެއް" ހޯދަން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 10،000 ނޮޓިކަލް މޭލުގެ ސަރަހައްދެއް ބެލި ކަމަށް ކޯސްޓްގާޑުން މިއަދު ބުނެފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ގެއްލުނު ކޮޅުވެއްޓި ހޯދުމަށް ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން އިންޑިއާގެ މަނަވަރުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ކޮޅުވެއްޓި ހޯދަން ބޮޑު ސަރަހައްދެއް ބަލަން ޖެހުނު ކަމަށެވެ.

"އެއްޗެއް ހުއްޓުނީމަ، މިސާލަކަށް އިންޖީނު ހުއްޓިގެން އެ އެއްޗެއް ޑްރިފްޓްވާނަމަ އެ އެއްޗެއް ހޯދުމަށް ތަންކޮޅެއް ފަސޭހަވާނެ، އެކަމަކު ގޮތްގޮތަށް ދުއްވި އެހެން ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނޭ ކަމަށްވާނަމަ ވަރަށް ބޮޑު ސަރަހައްދެއް ބަލަން ޖެހޭ، ރާޑާ ކޮންޓެކްޓް ލިބެންދެން ގާތްގަނޑަކަށް 10،000 ނޮޓިކަލް މޭލުގެ ސަރަަހައްދެއް ބެލިން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ކަނޑުމަތީގެ އޮޕަރޭޝަންތަކަކީ އެހާ ފަސޭހަ އޮޕަރޭޝަންތަކެއް ނޫން ކަމަށާއި ނަމަވެސް މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވުނީ ހުރިހާ ފަރާތެއް ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އޮޕަރޭޝަނުގައި އިންޑިއާގެ މަނަވަރު "ކިރްޗް" އާއި އިންޑިއަން ނޭވީގެ އެއާކްރާފްޓެއް ހަރަކާތްތެރިވި އެވެ. އަދި އެމްއެންޑީއެފްގެ ހުރަވީ ހަރަކާތްތެރިވި އެވެ. އަވަށްޓެރި ލަންކާއިން ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"ވަރަށް ކުޑަ ވަގުތު ކޮޅެއްގައު ތައްޔާރުވެގެން ވަރަށް ފުރިހަމަ އޮޕަރޭޝަނެއް ހިންގިފަ މިވަނީ، މެރިޓައިމް ރެސްކިއު ސެންޓަރާއި އުޅަނދު ފަހަރާއި މަތިންދާބޯޓުތަކުގެ އެހީތެރިކަމާއެކު މި އޮޕަރޭޝަން މި ކާމިޔާބުކުރެވުނީ، އަދި އޮނަރާއި އެޖެންޓްގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ލިބެންޖެހޭ އެއްބާރުލުން ލިބުން، މިކަމުގައި އިންޑިއާ ސަރުކާރުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެކިއެކި ކަންކަން ހަމަޖައްސައިދެއްވާ އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުމުން ޝުކުރު ދަންނަވަން،" ސަލީމް ވދާޅުވި އެވެ.

"މާރިޔާ ތިނެއް" ދޫކޮށްލި ހިސާބު މިހާރު ވާނީ އޭގެ ވެރި، ކުންފުންޏާ ހިއްސާކޮށްފަ ކަމަށާއި ވައި ޖެހޭ ގޮތަކަށް އެ ކޮޅުވެއްޓި ދަތުރުކުރަމުންދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. ޓަގެއް ބޭނުންކޮށްގެން އަދިވެސް ކޮޅުވެއްޓި ސަލާމަތްކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ކޮޅުވެއްޓި މާލެ ގެނައުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ ކަނޑުގަދަކަމުންނެވެ. އިންޑިއާ މަނަވަރުގައި ކަފު ޖަހައިގެން ވެސް ގެންނަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. ކޮޅުވެއްޓީގައި ކަފު ޖަހަން ޓަގު ބޯޓެއް ނުލިބި ވަނީ މޫސުން ގޯސްވެ އެއްވެސް ޓަގު ބޯޓެއް ފުރަން އެއްބަސްނުވާތީ އެވެ. ކޯސްޓްގާޑުން ބުނެފައިވާ ގޮތުގައި ކޮޅުވެއްޓި ދޫކޮށްލައި އޭގަ ތިބި މީހުން މަނަވަރަށް ނެގީ، އެ ގެނައުމުގައި ހުރަސްތައް ކުރިމަތިވި މީހުންނަށް އިތުރު ގެއްލުމެއް ލިބިދާނެތީ ކަމަށެވެ.

"މީހަކު ނެތި ކޮޅުވެއްޓި ޑްރިފްޓްވަމުންދާތީ އެ މައުލޫމާތު ދޭން ޖެހޭ ފަރާތްތަކަށް ވަނީ ދީފަ،" ސަލީމް ވިދާޅުވި އެވެ.

ކޮޅުވެއްޓި ގެއްލިގެން މި މަހުގެ 18 ވަނަ ދުވަހު ހޯދަން ފެށިއިރު އެ ކޮޅުވެއްޓި ފެނިފައިވަނީ 20 ވަނަ ދުވަހުގެ ރެ އެވެ. ފެނުނުއިރު ކޮޅުވެއްޓި އޮތީ، ލ. އިސްދޫ 130 ނޮޓިކަލް މޭލު ބޭރުންނެވެ. އޭގެ ތިބީ ދިވެހި ދެމަފިރިންނާއި ހަތަރު ބިދޭސީންނެވެ.

ނޯޓު: ކުރިން މި ހަބަރުގައި 10،000 އަކަ ފޫޓް ކަމަށް ޖެހިފައިވަނީ ކޯސްޓްގާޑުން މައުލޫމާތު ދެއްވަމުގައި އެރި އޮޅުމަކުންނެވެ.