ހަބަރު

ބާރު ގުގުރިއަކާ އެކު ވަށަފަރުގެ ކަރަންޓް ވިއުގައަށް ގެއްލުންްތަކެއް ވެއްޖެ

މިއަދު ހެނދުނު ޖެހި ބާރު ގުގުރިއަކާ ގުޅިގެން ހއ. ވަށަފަރުގެ ކަރަންޓް ވިއުގައަށް ގެއްލުންތަކެއް ވެއްޖެއެވެ.

ވަށަފަރު ކައުންސިލުން ބުނީ އެހާދިސާގައި އެރަށުގެ ތިން ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ، މުޅި ރަށުން ކަރަންޓް ކެނޑުނު ކަމަށެވެ. ޑިސްޓްރިބިއުޝަން ފޮށިތަކުގައި ރޯވި ވަގުތު ސަރުކާރުގެ އިމާރާތްތަކުގައިވާ ކޮމްޕިިއުޓަރުތަކާއި ބައެއް ގޭގޭގައި ހުރި ޓީވީތައް ވެސް ހަލާކުވި ކަމަށް ވަށަފަރު ކައުންސިލުގެ މެމްބަރު އަބްދުﷲ ރައޫފް އަވަސްއަށް ވިދާޅުވި އެވެ.

" ސަރުކާރުގެ ހުރިހާ އިމާރާތެއްގައިވާ ހުރިހާ ކޮމްޕިއުޓަރުތައް ވަނީ ހަލާކުވެފައި. އަދި ދިރާގުގެ ސައިޓްގައި ވެސް ރޯވުމުގެ ސަބަބުން ދިރާގުގެ ހިދުމަތްތައް ވެސް ވަނީ ކެނޑިފައި، " ރައޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނު 6:30 އެހާއިރު ޖެހި ގުގުރިން އެރަށަށް ހޮނު އެޅިކަމެއް ނުވަތަ ނާޅާ ކަމެއް ކަށަވަރު ނުވާ ކަމަށެވެ. ނަމަވެސް ލިބިފައިވާ ގެއްލުންތަކަށް ބަލާ އިރު ހޮނު އެޅި ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަލިފާން ރޯވި ޑިސްޓްރިބިއުޝަން ފޮށިތައް މަރާމާތުކޮށް އެރަށަށް މިހާރު ވަނީ އަލުން ކަަރަންޓް ދީފައެވެ