ރާއްޖެ ކުޅިވަރު

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް

May 24, 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ފުޓްބޯޅަ ޓީމުތަކުގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމައްޖައްސައި، އެ ކުންފުންޏާއެކު ރަސްމީކޮށް ސޮއި ކޮށްފި އެވެ.

ބޭންކުގެ ފަރާތުން، އެއްބަސްވުމުގައި ސޮއި ކުރެއްވި އެ ކުންފުނީގެ ސީއީއޯ އެންޑުރޫ ހީލީ މިއަދު ވިދާޅުވީ، ސްޕޮންސާޝިޕާއެކު، ރާއްޖެއިން ބޭރުގެ މުބާރާތްތަކާއި މެޗުތަކަށް ދަތުރު ކުރާއިރު، ބެންކުގެ ޓްރެވަލް ކާޑުގެ ހިދުމަތް ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން، އަންހެން އަދި ފިރިހެން ގައުމީ ޓީމާއި އަދި އުމުރުފުރާތަކުގެ ގައުމީ ޓީމަށްވެސް އެ ހިދުމަތް ދޭނެ ކަމަށް ވިދާޅުވި އެވެ.

އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްތައް ރާއްޖޭގެ އެންމެ ބޮޑު ބްރޭންޑާއެކު، އެއްބަސްވުމަށް އާދެވުމަކީ، ފުޓްބޯޅަ އާއިލާއަށް ލިބިގެންދާ ވަރަށް ބޮޑު ފަހްރެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި، ބެންކުގެ ލޯގޯ ޖެހި، ޖޯޒީ އާއި އޮފިޝަލް ކިޓް ވަނީ އެންޑްރޫއަށް އަރުވާފަ އެވެ. އަދި ގައުމީ ޓީމުތަކުގެ ކުޅުންތެރިން ވަނީ، ބެންކް ލޯގޯ ޖެހި، ގައުމީ ޓީމުގެ ހުރިހާ ޖޯޒީ ކިޓްތަކެއް ދައްކާލާފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމަށް އެންމެ އަވަހަށް އޮތީ، އޭޝިއަން ކަޕް ކޮލިފައިންގައި، ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ. އޭގެ ކުރިން، އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެއް، އަރަބި އެމިރޭޓްސްގައި އޮންނާނެ އެވެ.