ހަބަރު

ޗައިނާގެ ކެއްކުމުގެ މުބާރާތެއްގައި ރާއްޖެއަށް ރަން ވަނަތަކެއް

ޗައިނާގައި ކޮންމެ އަހަރަކު ބާއްވާ މަޝްހޫރު ކެއްކުމުގެ މުބާރާތެއް ކަމަށްވާ "ދަ ބެލްޓް އެންޑް ރޯޑް ގެސްޓްރޯ ޑިޕްލޮމެސީ ޔީޔިން ކަޕް" ގައި ރާއްޖޭގެ ތިން ކެއްކުންތެރިންނެއް ބައިވެރިވެ ރަން ވަނަތަކެއް ހޯދައިފި އެވެ.

"ޔީޔިން ކަޕް" ގެ ނަމުގައި 2001 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔެއަށް ހުޅުވާލައިގެން ޗައިނާގައި ބާއްވަމުން އަންނަ މި މުބާރާތަކީ ޗައިނާގެ ގަދީމީ ތާރީހުގައި މަޝްހޫރު ކެއްކުންތެރިއެއް ކަމަށްވާ މިސްޓާ ޔީޔިންއަށް ނިސްބަތް ކޮށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި މިއަހަރު ދުނިޔޭގެ 35 ގައުމަކުން 200 އަށްވުރެ ގިނަ ކެއްކުންތެރިން ވާދަކުރި އެވެ.

ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ ތިން ކެއްކުންތެރިއަކު މުބާރާތުގެ ދެ ބައިގައި ވެސް ވާދަ ކުރި ކަމަށެވެ.

"ޕްރޮފެޝަނަލް އިންޑިވިޖުއަލް ކެޓަގަރީ"ގައި ވާދަކުރީ ހުޅުލޭ އައިލެންޑްގެ ދެ ޝެފުން ކަމަށްވާ އިބްރާހިމް ނައީމާއި މުހައްމަދު ނިޔާޒެވެ. އަދި "އެންބަސީ ކެޓަގަރީ" ގައި ވާދަ ކުރީ ބެންޖިންގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފައިސަލްގެ އަނބިކަނބަލުން ފާތުމަތު ޖީހާނެވެ. އަދި މި ތިން ކެއްކުންތެރިން ވެސް 90 ޕަސެންޓަށް ވުރެ މަތިން މާކުސް ހޯދައި "ގޯލްޑް އެވޯޑް" ހާސިލް ކުރިއެވެ.

ކެއްކުމުގެ މި ބޮޑު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ބެއިޖިންގައި ހުންނަ ޗައިނާގެ "އޮލިމްޕިކް ސްޓޭޑިއަމް" ގައެވެ.