ބޮލީވުޑް

އަރްބާޒް، ސަލްމާން ދެކެ ހިތްހަމަނުޖެހިފައި

May 25, 2017
1

ސުޕަސްޓާ ސަލްމާން ޚާންގެ ކެރިއަރ ވަޅުޖެހިފައި އޮތްވައި އޭނާގެ ކެރިއަރު އަލުން ކޮޅަށް ޖަހައިދިން ފިލްމަކީ 2010 ވަނަ އަހަރު ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން އުފެއްދި "ދަބަންގް" އެވެ.

"ދަބަންގް" ގެ ކާމިޔާބީ އާއެކު އެ ސިލްސިލާގެ ދެވަނަ ފިލްމު "ދަބަންގް 2" ވެސް ވަނީ އުފަައްދާފަ އެވެ. ދެހާސް ބާރަވަނަ އަހަރު "ދަބަންގް 2" ނެރެ މިދިޔަ އަހަރުުގެ ތެރޭގައި ވަނީ މި ސިލްސިލާގެ ތިން ވަނަ ފިލްމެއް އުފައްދަން ނިންމާފަ އެވެ.

ސަލްމާނާއެކު މި ސިލްސިލާގެ ދެ ފިލްމުން ފެނިގެން ގޮސްފައިވާ ބަތަލާ ސޮނާކްޝީ ސިންހާ ތިން ވަނަ ފިލްމުން ފެނިގެންދާނެ އެވެ. "ދަބަންގް 3" ގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ސަލްމާން ކުޅެން ހުރި އެހެން ފިލްމުތަކުގެ ސަބަބުން މި ފިލްމުގެ ޝޫޓިން އޮތީ ފެށޭ ގޮތް ނުވެފަ އެވެ.

ސަލްމާން މިހާރު އަލީ އައްބާސް ޒަފަރުގެ "ޓައިގާ ޒިންދާހޭ" ކުޅެމުން އަންނައިރު އެ ފިލްމުގެ ފަހުން އޭނާ ކުޅެން ފަށާނެ ކަމަށް ވަނީ ޕްރަބޫ ދެވާގެ "ވޯންޓަޑް 2" އެވެ.

އެހެން ފިލްމުތަކަށް ވަގުތު ދޭން ޖެހުމުން "ދަބަންގް 3" އަށް ސަލްމާން އަށް ވަގުތު ދެވެން ނެތުމުން އަރްބާޒް ހުރީ ސަލްމާން ދެކެ ހިތްހަމަނުޖެހިފަ އެވެ. ސަބަބަކީ އޭނާ މި ފިލްމު އުފައްދަން އުޅޭތާ އެތަކެއް އަހަރެއް ވެފައިވާއިރު ސަލްމާން އަށް ވަގުތު ނުވެ ފިލްމުގެ މަސައްކަތް ނުފެށޭތީ އެވެ. އަދި ސަލްމާން އެހެން ޑައިރެކްޓަރުންގެ ފިލްމުތައް ކުޅެން އެއްބަސްވަމުން އަންނައިރު އަރްބާޒްގެ ފިލްމު އަބަދުވެސް އަންނަނީ ފަހަތަށް ޖައްސަމުންނެވެ.

ދުވަހަކަށް ފަހު ދުވަހެއް ސަލްމާން "ދަބަންގް 3" ފަސްކުރަމުން އަންނާތީ އަރްބާޒް ހިތްހަމަނުޖެހުނީ އޭނާގެ ފިލްމަށް ވަގުތު ދޭން އެދެމުން ދަނިކޮށް ސަލްމާން "ވޯންޓަޑް 2" ކުޅެން ނިންމުމުންނެވެ. ސަލްމާން މިހާރު ކުޅެމުން އަންނަ "ޓައިގާ ޒިންދާހޭ" އާއި "ވޯންޓަޑް 2" އަށް ފަހު އެ ފިލްމުގެ ޝޫޓިން ފެށޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

ބުނެވޭ ގޮތުގައި ސަލްމާންގެ ލޯބިވެރިޔާ ކަމަށް ބުނާ އިއުލިއާ ވަންތޫރް "ދަބަންގް 3" ގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.

ސަލްމާންގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ އަންނަ މަހު ރިލީޒްކުރާ ކަބީރް ޚާންގެ "ޓިއުބްލައިޓް" އެވެ.