ކުޅިވަރު

އިއްބެގެ ހެޓްރިކުން ޓީސީ ތިނަކަށް

May 25, 2017

ބޯ ވާރޭ ތެރޭގައި، ވެލެންސިއާގެ މައްޗަށް 6-3 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޓީސީ ސްޕޯޓްސް ކުލަބުން، މާލޭ ލީގްގެ ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މެޗުގެ ނަތީޖާގެ ކުރިން، ޓީސީ އޮތީ 11 ޕޮއިންޓާއެކު، ފައިދާ ގޯލެއް އަދި ގެއްލުނު ގޯލެއްވެސް ނެތި، ތާވަލުގެ ފަސް ވަނައިގަ އެވެ. ޓީސީ އަށް ވަނީ މެޗުން މޮޅުވުމުން 14 ޕޮއިންޓް ހަމަ ކުރެވިފަ އެވެ. ކުރިން ތިން ވަނައިގައި އޮތް ގްރީންސްޓްރީޓަށް ވެސް ވަނީ އެ އަދަަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް، މެޗުގައި ވެލެންސިއާގެ މައްޗަށް ތިން ލަނޑުގެ ލީޑަކާއެކު މޮޅުވުމުން، ފައިދާ ތިން ގޯލާއެކު، ޓީސީ އަށް ތިން ވަނަ ލިބެ އެވެ. ގްރީން ސްޓްރީޓަށް އޮތީ ފައިދާ ދެ ގޯލެވެ.

މިއަދު ވެހެމުން ދިޔަ ވާރޭ، މެޗު ފަށާ ވަގުތު ޖެހުނު އިރުވެސް ވާރޭ ހުއްޓާ ނުލަ އެވެ. އެހެންވެ ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ވަނީ، އެ ކޮންޑިޝަންގައި މެޗު ކުޅެވިދާނެތޯ، މެޗުގެ އޮފިޝަލުން ގާތު ސުވާލު ވެސް ކޮށްފަ އެވެ.

ނަމަވެސް މެޗުގެ އޮފިޝަލުން ނިންމީ މެޗު ކުރިއަށް ގެންދިއުމަށެވެ. ދަނޑުގައި ފެން ހެދިފައި ވުމުގެ ސަބަބުން ދެ ޓީމަށްވެސް، ފުރަތަމަ ހާފުގައި އުނދަގޫ ކުރިމަތިވިކަން، ޓީސީގެ ކޯޗް މުހައްމަދު ނިޒާމްވެސް ފާހަގަ ކުރި އެވެ.

ފެން ހެދިފައި އޮތުމުގެ ސަބަބުން ކުޅުންތެރިންނަށް ބޯޅަ ރަނގަޅަށް ފޮނުވާނުލެވުމާއި، ކީޕަރުންނާ ޑިފެންޑަރުންނަށް ބޯޅަ ދިފާއު ކުރަން އުނދަގޫ ވެގެން ދިޔަ އެވެ. މެޗު ފަށައި، އުނދަގޫކޮށް ދިޔަނަމަވެސް ޓީސީއިން ވަނީ ކޮންޑިޝަންގެ ފައިދާ ވަރަށް ރަނގަޅަށް ނަގާފަ
އެވެ.

"މި ކޮންޑިޝަންގައި ޓީމު ވާނީ ޕްރެކްޓިސް ކޮށްފައި، (ޝައިހް ކަމާލް ކަޕްގައި) ބަންގުލަދޭޝްގައި ކުޅުނު މެޗެއްގައި މި ކޮންޑިޝަންގައި، ދަނޑުގެ މިއަށްތުރެން ވެސް އުނދަގޫ، ވަރަށް ފިނީގައި، ދަނޑު މިއަށްވުރެވެސް ޗަކަކޮށް އޮތީ، އެ ދުވަހު ވެސް ޓީމު ވަރަށް ރަނގަޅަށް ޕާފޯމްކޮށް ނަތީޖާ ނެރުނު ދުވަހެއް، އެހެން ނަމަވެސް މި ކޮންޑިޝަންއަކީ އާންމުގޮތެއްގައި، ދިވެހި ޓީމުތަކަށް ޕްރެކްޓިސް ކުރަން ލިބޭނެ ކޮންޑިޝަނެއް ނޫން، މައްސަލައަކީ މާލޭގައި ޕްރެކްޓިސް މި ކުރަނީ ޓާފްގައި، ޓާފްގައި ވާރޭ ވެހުނަސް، މިކޮންޑިޝަނާ ވަރަށް ތަފާތު ވާނެ،" މެޗަށް ފަހު ނިޒާމް ބުންޏެވެ.

ބޯ ވާރޭގައި ޓީސީއިން ވަނީ މެޗުގެ ފުރަތަމަ މިނެޓްގައި ލިޑް ނަގާ ފައެވެ. އެޓީމަށް، ލީޑް ނަގައިދިނީ މެޗުގައި ހެޓްރިކް ހެދި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ، އޭޣެ ހަތް މިނެޓް ފަހުން ނެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު، މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ހަމްދާން (ބީޖީ މެސީ) އެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ހަސަން ނާއިޒު (ދާދު) ވަނީ، ޓީސީއަށް އަލުން ލީޑް ފުޅާ ކޮށްދީފަ އެވެ.

މެޗުގެ 30 ވަނަ މިނެޓްގައި ވެލެންސިއާއަށް ލިބުނު ޕެނަލްޓީ އަކުން، އޮމަޑޫ ގޮޑްފރޭވެސްޓް ވަނީ، ވެލެންސިއާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގައި ވެސްޓް ވަނީ އެހެން ހަމަލަާއެއްވެސް، ޓީސީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. ނަމަވެސް ބޯޅަ ފޮނުވާލި ނަމަވެސް އޭނާގެ ގޯލް ރެފްރީ ކައުންޓެއް ނުކުރި އެވެ. ވެލެންސިއާގެ ބެންޗުން ވަނީ އެކަން އެޕީލްވެސް ކޮށްފަ އެވެ.

މެޗުގެ ފަހުން، އެކަމާ ބެހޭގޮތުން ސުވާލުކުރުމުން، ފެސްކޯ ބުނީ، އޭނާ އަކީ ރެފްރީގެ ނިންމުމަކާ ބެހޭޣޮތުން މީޑީއާގައި ވާހަކަ ދައްކާ މީހެއް ނޫން ކަމަށެވެ.

އޭގެ ތިން މިނެޓް ފަހުން ބީޖީ މެސީ ވަނީ، ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ފަހު ވަގުތުގައި، އަލީ ނާފިއު (ކަޅޭ) ޓީސީ ކޮޅަށް އަލުން ނަތީޖާ އަނބުރާލި އެވެ.

ދެ ވަނަ ހާފަށް ނިކުތް އިރު ވާރޭ ތުނިކޮށް އޮޮތުމުން ފުރަތަމަ ހާފުގައި ކުރިމަތިވި މައްސަލަތައް ކުޑަ ވެގެން ދިޔަ އެވެ. ނިޒާމް ބުނީ، ދެ ވަނަ ހާފުގައި ވެލެންސިއާ އިން އިތުރު ލަނޑެއް ޖެހިޔަ ނުދީ، ޓީސީއިން ނަތީޖާ ފުޅާ ކުރުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ ކަމަށެވެ.

ޓީސީގެ ފަސް ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކޮށް، އިއްބެ ވަނީ ހެޓްރިކް ހަދާފަ އެވެ. އަދި ދެ ވަނަ ހާފުގެ 73 ވަނަ މިނެޓްގައި އޭޏާ ވަނީ ޓީސީގެ ހަ ވަނަ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ.

ވެލެންސިއާ އަކީ މި ކޮންޑިޝަންގައި ކުޅެން އަބަދުވެސް އުނަދަގޫ ކުރިމަތިވާ ޓީމެކެވެ. ދެހާހުގެ ކުރީ ކޮޅު، ދެ ސީޒަނެއްގައި، ބޯ ވާރޭ ތެރޭގައި ކުޅެ ވިކްޓަރީން ވަނީ ވެލެންސިއާ ކޮޅަށް އަށް ލަނޑު ޖަހާފަ އެވެ. ފެސްކޯ ބުނީ ވެލެންސިއާ ދަނޑުގައި ފެން ހެދިފައި އޮންނައިރު، ކުޅެން އުނދަގޫ ވަނީ، އެޓީމަކީ އަބަދުވެސް ތިރިން ޕާސްކޮށްގެން ކުޅޭ ޓީމަކަށް ވާތީ ކަމަށެވެ.

މާލޭ ލީގްައި، މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ވިކްޓަރީ އާއި ޔުނައިޓަޑް ވިކްޓަރީ އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓެވެ.