ރިޕޯޓް

ކުޑަ ހުސައިން: ނަމަށް ވުރެ "ބޮޑު"

"ކިތަންމެ ބޮޑުކަމަކަށް ވިޔަސް ރަނގަޅު ގޮތުގައި އަޒުމާއެކު ގޮތް ދޫނުކޮށް މަސައްކަތް ކޮށްފިއްޔާ ނުވާނެ ކަމެއް ނޯންނާނެ... އެއްވެސް ކުއްޖަކު ދޫކޮށް ނުކާތި!"

މި ހުރެވުނީ، ވިލާ ކޮލެޖުގެ ހޯލްގަ އެވެ. މޯޓިވޭޝަނަލް ލެކްޗާއެއް ކުރިއަށް ދަނީ އެވެ. ދައްކަމުން ދިޔަ ވާހަކައިންނާއި ހުށަހަޅަމުން ދިޔަ ހިޔާލު ތަކުން ނަފުސުވެސް ހޭލައްވާލި އެވެ. ސްޓޭޖުގައި ޕްރެޒެންންޓޭޝަނެއް ހުށަހަޅުއްވަމުން ގެންދެވީ ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ. އޭނާ އަކީ، ކުރީގެ އެއްވަނަ ދުވުންތެރިޔާ އެކަންޏެއް ނޫނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ފުރިހަމަ އެތުލީޓެވެ.

މީގެ 37 އަހަރު ކުރި އެވެ. ގޯލްކީޕަރަކަށް ކުޅޭ ހިތުން އުޅުނު ކުއްޖެކެވެ. ފުރުސަތު ދިން ނަމަވެސް، އޭނާ އަކަށް އެކަމެއް ނުވި އެވެ. އިސްކޮޅުން ކުރުކަމުންނެވެ. މޮޅު ކީޕަރަކަށް އޭނާ ނުވުމުން، ކުޅެން ދިއުމުންވެސް، "ކަލޭއަކަށް ނުވާނޭ،" ބުނެ އޭނާ ބާކީ ކުރީ އެވެ. މީގެ އިތުރުން އެތައް ކުޅިވަރަކުން މޮޅުވާން މަސައްކަތް ކުރިނަމަވެސް އެކަމުގައި ކާމިޔާބެއް ނުވި އެވެ.

ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އަރާނެ ބޫޓެއް ގަންނާކަށް ނުލިބެ އެވެ. އޭނާއަށް ނާކާމިޔާބުވީ ކީޕަރަކަށް ވާން ކުރި އުންމީދު އެކަންޏެއް ނޫނެވެ. މަދަރުސީ ތައުލީމީ މަރުހަލާގައި ވެސް އޭނާ އަކީ އަލިގަދަ ތަރިއަކަށް ނުވެވުނެވެ. މިހުރިހާ ކަމަކާއެކު ނާއުންމީދު ވެފައި ހުއްޓާ، އޭނާ އާ ލައްވާލީ 1988 ވަނަ އަހަރު އޮލިމްޕިކް ގޭމެސްއަށް ދާނެ އެތުލީޓުން ހޯދުމަށް، މަރުހޫމް ޒާހިރު ނަސީރު އިސްނެގުމުގެ މަތިން، އަޑިޕާކް ސަރަހައްދުގައި 1986 ގައި ހިންގި ޓްރެއިނިން ޕްރޮގްރާމެކެވެ.

އެ ޚަބަރު ލިބިގެން އޭނާވެސް ދިޔަ އެވެ. އެދުވަހު، ޓެސްޓަކަށް އޮތީ އަޑި ޕާކް ވަށައި ފަސް ބުރު ޖެހުމެވެ.

"އަޅުގަނޑު ހިތައް އެރި، މިއަދު ކުރި ހޯދާނަމޭ، ކަށިގަނޑު ފުމެލީ ބާރަކަށް ދުއްވައި ގަނެ ބުރެއް ހަމަ ނުވަނީސް މާނޭވާ ލެވި، އަނބުރައި ގަނެ ވެއްޓެން އުޅުނީމަ އެންމެ ބުރެއްވެސް ނުޖެހުނު." ހުސައިން ވިދާޅުވި އެވެ. ނަމަވެސް އެ ދުވަހު ވާދަ ކުރި އެންމެންނަށް ޒާހިރު ދެއްވި އަގުހުރި ނަސޭހަތެއް އެބައޮތެވެ.

"އެއްވެސް ދުވަހެއްގައި ގަޑި ޖެހިގެން ނުވާނެ، ކޮންމެ ދުވަހަކުވެސް ބަރާބަރަށް އަންނަން ވާނެ، ފުރުސަތު ދޭނީ ބަރާބަރަށް އަންނަ މީހުންނަށް." ޒާހިރު ވިދާޅުވި ކަމަށް ކުޑަ ހުސައިން ބުންޏެވެ.

"އޭގެ ފަހުން ހިތައްއެރި އެއްވެސް ދުވަހަކު ގަޑިއެއް ނުޖެހޭނަމޭ، ހަމަ އެއްވެސް ދުވަހެއް ވައްޓާ ނުލައި ކޮންމެ ދުވަހަކު ބަރާބަރަށް ދިޔައިން،" ޒާހިރު ދެއްވި ނަސޭހަތުގައި ހުސައިން ބަރާބަރަށް ހިފި އެވެ. "އޭގެ ފަހުން ދެ އަހަރު ވަންދެން ކުރި މަސައްކަތުން 1988 ދެކުނު ކޮރެއާގައި އޮތް އޮލިމްޕިކް ގޭމްސްއަށް ދިޔަ ދިވެހި ޓީމުގެ ކެޕްޓަންކަން ދިނީވެސް އަޅުގަނޑަށް." ކީޕަރަކަށް ވުމުގެ ނާކާމިޔާބާއެކު އޭނާގެ އަތުގައި ނަސީބު ހިފި ގޮތް ހުސައިން ވިދާޅުވި އެވެ.

އޭގެ ފަހުން ސަރަހައްދީ މުބާރާތްތަކުގަޔާއި، ދުނިޔޭގެ އެކި ލެވަލްތަކުގައި އެތައް ރެކޯޑެއް ހެދި އެވެ. މީގެ 25 އަހަރު ކުރިން، އޭނާ، ހެދި ގިނަ ރެކޯޑްތަކެއް މުގުރާ ލެވުނީ މިދިޔަ ތިން އަހަރެއްގެ ތެރޭގަ އެވެ. އެއީ ރާއްޖެއިން ބޭރުގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ގައުމުތަކުގައި ޓްރެއިނިން ހަދައިގެން އައި ދުވުންތެރިން އައެވެ. ނަމަވެސް، އަދިވެސް މުގުރާނުލެވި އޮތް ރެކޯޑެއް އެބައޮތެވެ.

ކިތަންމެ ރެކޯޑެއް އޭނާ ހެދުނު ނަމަވެސް، ހުސައިން މާ އަވަހަށް ރިޓާޔާ ކޮށްފި އެވެ.

"ރާއްޖޭގައި، އޭރު އަޅުގަނޑާ ވާދަ ކުރެވޭނެ މީހަކުވެސް ނެތް، ރާއްޖޭގައި ބާއްވާ ރޭހަކުން ވިއްޔާ މާ ކުރިން އަޅުގަނޑު ނިންމަން، ދެން އޭރު ދުވުމުގައި ނޯވޭ ވަކި ހަމައެއް އެހެން ވާން ޖެހުނީ އެދެވޭ ފެންވަރެއްގައި ކޯޗިން ނުލިބި ދުވަން ޖެހުމުން، އަޅުގަނޑަށް ލިބުނު ބައެއް އަނިޔާތަކާ ހެދި ދެން އިތުރަށް ކުރި ނާރާނެކަން އެނގި، އަދި ކިޔަވަން ބޭނުންވާތީ ރިޓަޔާ ކުރީ." އުމުރުން 25 އަހަރު ގައި އޭނާ ރިޓަޔާ ކުރަން ޖެހުނު ސަބަބު ހުސައިން ހިއްސާ ކުރެއްވި އެވެ.

މިއަދު ކުޑަ ހުސައިން އެ ހުރި ހިސާބަށް ގެންގޮސް ދޭން އެހީތެރިވި މީހުންގެ ލިސްޓްގައި އޭނާގެ ބައްޕަ އާއި ދައްތަ ރަޒީނާ އާއި ޒާހިރު ނަސީރުގެ އިތުރުން، އެމެރިކާގެ ދުވުންތެރިޔެއްކަމަށްވާ ބިލީ މިލްސް ހިމެނެ އެވެ.

އޭނާގެ މިހާރުގެ ދިރިއުޅުމުގެ މަންޒަރު އޭނަ ކުރެހީ ބިލީ މިލްސްގެ ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އެވެ. ހުސައިން އަށް ބަލާލަން ލިބުނީ، ބިލީ މިލްސްއާ ބެހޭގޮތުން، ތައްޔާރު ކޮށްފައި އޮތް ފީޗާ ފިލުމެވެ. ބިލީ މިލްސްއަކީ 1964 ވަނަ އަހަރު ބޭއްވި 10000 މީޓަރު ދުވުމުން، ރަން މެޑަލް ހޯދި ވަރުގަދަ އެތުލިޓެކެވެ. "ރަނިން ބްރޭވް" ގެ ނަމުގައި ބިލީ މިލްސްއާ ބެހޭގޮތުން، ހަދާފައިވާ ފިލުމްވީ، ކުޑަ ހުސައިން، "ދިވެހި ބިލީ މިލްސް" އަށް ބަދަލު ކޮށްލުމަށެވެ.

ރަނިން ބްރޭވް ގައި ދައްކައި ދެނީ، ވަރަށް ފަގީރު އާއިލާ އަކުން އުފަންވެ، ވަރަށް ތުއްތު އިރު މަންމަ އާއި ބައްޕަ މަރުވެފައިވާ ޔަތީމު ކުއްޖެއްގެ ދިރިއުޅުމެވެ. ދިރިއުޅުމުގައި އޭނާއަށް ކުރިމަތިވާ ހާސްކަމާއި ސްޓްެރެސް ފިލުވަން އޭނާ ކުރާ ކަމަކީ ދުވުމެވެ. އެގޮތުން ފެށުނު ދުވުމުން، ބައިނަލްއަގުވަމީ ރޭސްތަކާ ހަމަޔަށް އޭނާ ގެންގޮސް ރަން މެޑަލް ހޯދި އެވެ.

އަދި ޔުނިވަސިޓީގެ ޓީމަށް ދުވެދީގެން ޔުނިވަސިޓީ ތައުލީމު ފުރިހަމަ ކުރި، އެތުލީޓެއްގެ ވާހަކަ އެވެ. އެއަށްފަހު އޭނާއަށް އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރުމުގެ ފުރުސަ ލިބުނެވެ. އޭނާގެ އެއް އުމުރުގެ ބައެއް ރައްޓެހިން ޑުރަގުގެ ވާބާގެ ތެރެއަށް ވެއްޓިގެން ދިޔައިރު، ބިލީ މިލްސް އޭނާގެ ކުރިމަގު ބިނާ ކުރީ ދުވުމުގެ ތެރެއިން ނެވެ.

"އެތައް ސަތޭކަ ފަހަރު އަޅުގަނޑު އެފިލްމު ބެލިން، ހިތަށް އެރި އަޅުގަނޑު ވާނީ ދިވެހި ބިލީ މިލްސް އަށޭ، ދެން އޭނާ އުޅޭ ގޮތަށް އުޅުނީވެސް، ކިޔަވަންދާނެ ސްކޮލާޝިިޕް ހޯދަން، އިނގިރޭސި ދަންނަ ރައްޓެއްސަކު ލައްވައި ލިޔެގެން، 50 ވަރަކަށް ސިޓީ އެކި ޔުނިވަސިޓީތަކަށް ފޮނުވިން، ޔުނިވަސިޓީ ޓީމަށް ދުވެދޭ މަތިން ސްކޮލާޝިޕެއް ދޭން."

އޭރު، ޓްރޭޑް މިނިސްޓްރީގައި ވަޒީފާ އަދާ ކުރައްވަމުން ގެންދެވި ހުސައިންއަށް، ޔުނިވަސިޓީ ތަކުން އައި ޖަވާބަކަށްވީ "އޯލެވަލް ނަތީޖާ ދަށް ކަމުން ކިޔެވުމުގެ ފުރުސަތެއް ނެތް." ކަމަށެވެ. އޯލެވަލްގައި ހުރިހާ މާއްދާއަކުން އޭނާ އަށް ލިބުނީ ޔޫ ސެޓެކެވެ.

ނަމަވެސް އޮސްޓްރޭލިއާގެ ކޮލެޖެއް ކަމަށްވާ ކޮލެޖް އޮފް ފިޒިކަލް އެޑިއުކޭޝަން ޖަވާބެއް ލިބިއްޖެ އެވެ. އެ ސިޓީގައި ލިޔެފައި އޮތް އެއްޗެއް ހުސައިން އަކަށް ނޭނގެ އެވެ. އިނގިރޭސި އޭނާ އަށް ނޭނގޭތީ އެވެ.

"އެހެން ކޮލެޖު ތަކުން އައި ސިޓީ ތަކަށްވުރެ އެ ސިޓީ ދިގު ވީމަ ހިތަށް އެރި، މި ސިޓީީގައި އޮންނާނީ ތަފާތު ވާހަކައެކޭ، ސިޓީ ރައްޓެއްސަކަށް ދެއްކީމަ، އޭނާ ބުނެފި ތީގަ ތިޔޮތީ ސްކޮލާޝިޕެއް ނޫންހޭ، އަޅުގަނޑު ހީކުރީ އޭނާ ޖެއްސުމަކަށް ބުނި އެއްޗެއް ކަމަށް، ސިޓީ ގެންގޮސް ދެއްކީ، އަޅުގަނޑުގެ ދައްތަ ރަޒީނާއަށް، ދައްތަ ސިޓީ ބަލާފައި، ސޮކާލާޝިޕެއް އޮތޭ ބުނީމަ އަޅުގަނޑު ގަބޫލު ކުރީވެސް." އޭނާ އަށް ލިބުނު ހާފް ސްކޮލާޝިޕާ ބެހޭގޮތުން ހުސައިން ވިދާޅުވި އެވެ.

ދިވެހި ބިލީ މިލްސްއަށް ހުސައިންވާން ކުރެއްވި އުންމީދު، ފެށީ އޮސްޓްރޭލިއާއިން ލިބުނު ސްކޮލާޝިޕާއެކު އެވެ. ހާސިލު ކުރެއްވި ޑިގްރީގެ ސަނަދާއެކު، އޭނާގެ ތައުލީމީ ކެރިއަރަށް ނިމުމެއް ނެތެވެ. އޯ ލެވަލްގައި ޔޫ ސެޓެއް ހޯދައި، މުދައްރިސުން އޭނާއާ މެދު އުންމީދު ކަނޑާލިޔަސް، ޕީއެޗްޑީ ސަނަދާއެކު މިއަދު އެއީ ޑރ. ހުސައިން ހަލީމް އެވެ. ސްޕޯޓްސް އެޑިއުކޭޝަންގައި، ތައުލީމީ އެންމެ މަތީ ސަނަދު ހޯދި ފުރަތަމަ ދިވެއްސަކީ އޭނާ އެވެ.

އަދި ކުޅިވަރުގެ ރޮނގުންނާއި ތައުލމީ ރޮގުން، ރާއްޖޭގެ އެންމެ މަތީ ޝަރަފު ލިބުނު ކުޅިވަރު ހަމައެކަނި ޝަހުއްސިއްޔަތަކީވެސް ހުސައިން އެވެ.

ހުސައިންގެ އެންމެ ހާއްސަ ސިފައަކީ އެއްވެސް ކަމެއް ނުވާނެ ކަމަށް ބުނެ އުންމީދު ކަނޑާނުލުމެވެ. މަސައްކަތް ކޮށްފިއްޔާ ވެނެކަން އޭނާ ގަބޫލު ކުރައްވަ އެވެ. އެއީ މަރުހޫމް ޒާހިރު އިސްވެ ހުންނަވައިގެން ކުޑަ ހުސައިންގެ ޝަހްސިއްޔަތުގައި އިންދި މުޑުވަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާގެ އެކެޑަމީގެ ބައިވެރިންގެ ހިތުގައިވެސް އޭނާ އަށަގަންނަވަން ބޭނުންވާ ޝުއޫރަކީ އެއީ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު، ސްޕޯޓްސް އެކެޑަމީ އޭނާގެ ނަމުގައި ފަށައިގަތީވެސް އާދައިގެ ގޮތަކަށެވެ. ހުސައިންގެ ދަރިފުޅާއި ބައެއް ރަށްޓެހިންގެ ދަރިން ގޮވައިގެން ޖުމުލަ ހަ ކުދިންނާ އެކު ފެށި އެކެޑަމީން މިދިޔަ ތިން އަހަރު ތެރޭ 1000 ވުރެ ގިނަ މީހުން ތަމްރީން ކޮށްފި އެވެ. މިހާރުވެސް 200 ވުރެ ގިނަ ބައިވެރިން ދުވަހުން ދުވަހަށް ޓްރޭންނިންތައް ފުރިހަމަ ކުރަމުންދެ އެވެ. "ކުޑަ ހުސައިން ސްޕޯޓްސް އެކަޑަމީ" ގައި ހުސައިންއާއެކު މަސައްކަތް ކުރާ ހައެއްކަ ކޯޗުންވެސް އެބަތިއްބެވެ.