ބޮލީވުޑް

އަމީތާބްގެ އެންމެ ބޮޑު ފޭނަކީ 103 އަހަރުގެ އަންހެނެއް

May 26, 2017

މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މެގަސްޓާ އަމީތާބް ބައްޗަން، އެކްޓަރު ރިޝީ ކަޕުރާއެކު ކުޅޭ ފިލްމު "102 ނޮޓް އައުޓް" ގައި އެ ދެތަރިން ފެނިގެންދާނެ ގޮތުގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.

ސަތާރަ އަހަރު ފަހުން އަމީތާބް އާއި ރިޝީ އެކުގައި ފެނިގެންދާ މި ފިލްމުގައި އަމީތާބް ކުޅެނީ އުމުރުން 102 އަހަރުގެ ކާފައެއްގެ ރޯލެވެ. އަދި ރިޝީ ކުޅެނީ އަމީތާބްގެ ކާފަ ދަރިފުޅުގެ ރޯލެވެ.

އުމުރުން ވަރަށް ދުވަސްވެފައިވާ މީހެއްގެ ރޯލު، އަމީތާބް ފިލްމެއްގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން މި ފިލްމުގެ ފަސްޓް ލުކް އާންމުކުރި ފަހުން ފިލްމުގެ ވާހަކަ ދެކެވެމުން އަންނަލެއް ގިނަވެ، އަމީތާބާ މިވަނީ އެނާ އެ ފިލްމުގައި ކުޅޭ އުމުރުގެ ފޭނަކާ ދިމާވެފަ އެވެ.

އަމީތާބުގެ އެންމެ ބޮޑު ފޭނުގެ ގޮތުގައި ހުރި އުމުރުން 103 އަހަރުގެ ކްރިސްޓީން އަމީތާބާ ދިމާވޭތޯ އުޅޭތާ ލައްކަ ދުވަސްވެއްޖެ އެވެ. ކްރިސްތީން އަކީ އަމީތާބްގެ ވަރަށް ބޮޑު ފޭނެއްކަން އެނގުމުން ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ. ކްރިސްޓީނާއާ ބައްދަލުވެ، ނަގާފައިވާ ފޮޓޯތަކެއް ޓްވީޓްކުރަމުން އަމީތާބް ވަނީ ކްރިސްޓީނާ އަކީ އެނާގެ ވަރަށް ބޮޑު ފޭނެއްކަން އެނގި އަދި އޭނާއާ ބައްދަލުކުރަން ކްރިސްޓީނާ ވަރަށް މަސައްކަތްކުރަމުން އަންނަކަން އެނގުމުން ބައްދަލުކޮށްލާ ހިތްވީ ކަމަށް ބުނެފަ އެވެ.

"އުމުރުން 103 އަހަރުގެ ކްރިސްޓީން، އަހަރެންގެ ވަރަށް ބޮޑު ފޭނެއް، އޭނާގެ އެންމެ ބޮޑު އެދުމަކީ އަހަންނާ ބައްދަލުކުރުން. އަހަރުތަކެއް ފަހުން މިއަދު މިވަނީ ދިމާވެފައި،" އަމީތާބްގެ ޓްވީޓްގައިވެ އެވެ.

އަމީތާބަކީ އަބަދުވެސް އޭނާގެ ފޭނުންނާ ގާތްގުޅުމެއް ބާއްވަމުން އަންނަ ތަރިއެކެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހު އޭނާ ދިރިއުޅޭ ގެ ކައިރއަށް އެއްވާ ފޭނުންނާ ބައްދަލުކުރުމާއި ގަވާއިދުން ބްލޮގް ލިޔެ ސޯޝަލް މީޑިއާގައި ވަަރަށް ހަރަކާތްތެރިކޮށް އުޅެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަމީތާބްގެ އެތަކެއް ހާސް ފޭނުނެއް ތިބިއިރު އޭނާއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވަނީ މަދު މީހަކަށެވެ.