ލައިފްސްޓައިލް

ރޯދައިގެ ކުރިން ކަރައިން ލިބޭ ފައިދާތައް ކިޔާލަމާ!

ރޯދަ މަހަށް ގެތަކުގައި ކުލަލާ، ފަރުނީޗަރު ބަދަލުކޮށް ތައްޔާރުވަމުން އަންނަ އިރު ދިވެހި ބާޒާރުތަކުން ވެސް ފެންނަ ތަކެއްޗައް ބޮޑު ބަދަލެއް އައިސް ތަރުކާރިއާ މޭވާއިން ފުރާލަ އެވެ. ނަމަވެސް ރޯދަ މަހު ބާޒާރުކޮށްގެން އަނބުރާ ގެޔަށް ދާއިރު ކަރައެއް ނުގަނެގެން ހިފައިގެން ނުދާ މީހުން ވަރަށް މަދު ވާނެ އެވެ. ރޯދަ ވީއްލާ ގަޑިޔަށް ތާޒާ ކަރާ ފަނިތައްޓެއް ލިބިއްޖެއާ ފުރިހަމަވީ އެވެ.

ދިވެހިން ކަރަޔަށް އެހަ ލޯބި އޮންނަ އިރު ކަރައިން ލިބޭ ފައިދަތައް އެނގުން މުހިންމެވެ. ތިރީގައި މިވަނީ އޭގެ ކަރައާ ބެހޭ ގޮތުން މީގެ ކުރިން ނޭންގޭ ބައެއް ފައިދާތަކެވެ.

ހިތުގެ ބަލިތަކާއި ކެންސަރަށް ވަރުގަދަ ދިފާއުއެއް!

ސައިންސްވެރިންގެ ބަހުން ނަމަ ލައިކޮޕީން އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ އަދި ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދިނުމަށް އެހީވާ އެއްޗެކެވެ. ތަރުކާރިއަ މޭވާތަކުގައި ފިޔާތޮށި ނުވަތަ ރަތް ކުލަ ގަދަ ވާނީ ލައިކޮޕީން ގިނައިން އެކުލެވެތީ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކި ޓޮމާޓޯ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ނަމަވެސް ފަހުގެ ދިރާސަތަކުން ދައްކާ ގޮތުގައި ކަރައެއްގައި ހުންނަ ލައިކޮޕީން ޓޮމާޓޯއަށް ވުރެ ގިނަ އެވެ. ބޮޑު ތާޒާ ޓޮމާޓޯއެއްގައި ހުންނަ ލައިކޮޕީންގެ މިންވަރަށް ވުރެ ކަރާފަނިގެ އެއް ތަށީގައި ލައިކޮޕީންގެ މިންވަރު މާ ގިނަ އެވެ. އެހެންކަމުން ކަރާފަންޏަކީ ކެންސަރާއި ހިތުގެ ބަލިތައް ފަދަ ކަންކަމުން ދިފާައުކޮށްދޭ ތަރުކާރީގެ ބާވަތެއް ކަމަށް ސައިންވެރިން ބުނެ އެވެ.

ތަދުތަކާއި މަސްގުޅަ ކެއުމަށް ވެސް ފަރުވާއެއް

ދުވަސް ގޮސްގެން ނުވަތަ ޖިމް ނިންމާފަ އައިސް ގާގެ ތަންތާ ރިއްސާ ނުވަތަ މަސްގުޅަ ކެއުން ފަދަ ކަންކަން ދިމާވާނަމަ އަވަހަށް ކަރާ ފަނިތައްޓެއް ބޯލާށެވެ. ސަބަބަކީ އޭގައި އެކުލެވޭ އެލް-ސިޓްރަލައިން އެމިނޯ އެސިޑުން އެފަދަ ތަދުތައް ލުއިކޮށްދޭނެ އެވެ.

އެއް ދިރާސާއިން ދެއްކި ގޮތުގައި ކަސްރަތު ކުރުމުގެ ކުރިން ތާޒާ ކަރާ ފަނިތައްޓެއް ބުއި މީހުންނަށް ވުރެ ގަދަޔަސް އެ ނުބޮއެ ކަސްރަތު ކުރި މީހުންގެ ގައިން މަސްގުޅަ ކެއުމާއި ގައިގެ އެކިތަންތާ ރިއްސަން ފަށަ އެވެ. އަދި ކަރާފަނި ބުއި މީހުން މާ އަވަހަށް އެ ރިއްސުން ރަނގަޅުވެސް ވެއެވެ.

ކަރާގެ ތޮށިގަނޑާއި އޮށްތައް އެއްލާ ނުލާތި

ގިނަ މީހުން ކަރާ ފަނި ބޭނުންވާނީ ފުރާނައިގެން އެއްވެސް އޮށެއް ނުޖެހޭ ގޮތަށެވެ. އަދި ކަރާގެ ފެހި ކުލާގެ ތޮށިގަނޑު އަބަދުވެސް ދާނި ޑަސްބިނަށެވެ. ނަމަވެސް އެ އާދަތަށް ދޫކޮށްލަމާތޯ އެވެ. އެތަކެތިން ވެސް މީހާގެ ހަށިގަނޑަށް އެތަށް ފައިދާއެއް ވާކަން ސައިންސްވެރިން ވަނީ ހޯދާފަ އެވެ.

ފައިދާ ލިބިގަންނަން ކަރާގެ ތޮށިގަނޑު ހުހާ ކެއުމުގެ ބަދަލުގައި ކުޑަ ލުނބޯ ހުތްކޮޅަކާ އެކު މިކްސަރަށް އަޅާ ގިރާލާށެވެ. ވަރަށް ފައިދާ ހުރި ބުއިމެއް ހެދޭނެ އެވެ. އޭގެން ސިއްހަތު ވަރުގަދަކޮށްދީ ލޭ ގިނަކޮށްދިނުމުގެ އިތުރުން ކިޑްނީއައި ށިގަނޑުގެ ދިފާއީ ނިޒާމުވެސް ވަރުގަދަކޮށްދޭކަން ދިރާސަތަކުން ވަނީ ހާމަވެފަ އެވެ. ދެން އޮތީ ކަރާ ތެރޭ ހުންނަ ކަޅު ކުލާގެ އޮށެވެ. ގިނަ ބަޔަކު އެ އުކާލާއިރު އޭގައި އަޔަންއާ ޕްރޮޓީންއާ ފައިބާ ވަރަށް ގަދަޔަށް ހުރެއެވެ.

އިސްތަށިގަނޑު ރީތިވެ ހަނގަނޑު އޮމަަންވާނެ

ތާޒާ ކަރައެއްގައި ވިޓަމިން އޭ އަދި ސީ އިން ވަރަށް ބޮޑަށް ހުންނާނެ އެވެ. އޭގެ ސަބަބުން މީހާގެ ހަނގަޑު އޮމާންވުމަށާއި އިސްތަށިގަނޑު ރީތިވުމަށް އެހީވެދެ އެވެ. ކަރައެއްގެ 95 ޕަސަންޓު ފެން ހިމެނޭ އިރު ހާއްސަކޮށް މޫނު ތެޔޮވުމާއި ހަމުގެ ބަލިތަކަށް ފަރުވާ ލިބޭ ކަމަށް ދިރާަސާތަކުން ދައްކަ އެވެ. އެންމެ ކަރުހިއްކާ ގަޑިތަކުގައި ވެސް ކަރަ ފޮއްޗެއް ކާލިޔަސް ކަރުހިއްކުން ދާނެ އެވެ.