ހަބަރު

ނާޒިމާއި އިމްރާން އަނެއްކާވެސް ގޭބަންދަށް ބަދަލު ކޮށްފި

ރޯދަ މަސް ނިމެންދެން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލު ކޮށްފި އެވެ. މިއީ އެ ދެ ބޭފުޅުން ގޭބަންދަށް ބަދަލުކުރި ދެވަނަ ފަހަރެވެ.

އިމްރާނާއި ނާޒިމް ގޭބަންދަށް ބަދަލު ކޮށްފައި ވަނީ މިއަދު ހަވީރު އެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ އިމްރާނާއި ނާޒިމް ގޭބަންދަށް ބަދަލު ކުރީ ރޯދަ މަސް ނިމެންދެން ކަމަށެވެ. އަދި ރޯދަ މަސް ނިމުމުން އަނބުރާ ޖަލަށް ބަދަލު ކުރާނެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހު ނާޒިމް ޖަލަށް ބަދަލުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. އެފަހަރު ނާޒިމް އާއި އިމްރާން ގޭބަންދަށް ބަދަލު ކުރެއްވީ އޭރު ބަންދުގަި ބަހައްޓާފައި ހުރި އައްސޭރު ޖަލުގައި އޭނާ ހުންނެވި ތަން މަރާމާތުކުރުމަށްޓަކަ އެވެ.

ގޭބަންދުގައި ބެހެއްޓުމަށްފަހު އިމްރާން ޖަލަށް ބަދަލުކޮށްފައިވަނީ މިިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.

ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ ޖިނާއީ ކުށެއް ސާބިތުމުގެ ސަބަބުންނެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 ޖަލު ހުކުމެއް އިމްރާނަށް އިއްވީ މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ އެކަމުގައި ބައިވެރިވެފައިވާ ކަމުގެ ދައުވާ ސާބިތުވެގެން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އިމްރާން އެ މައްސަލަ އިސްތިއުނާފުކުރިއިރު ފާހަގަކުރި ނުކުތާތަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރެވޭނެ ނުކުތާތަކެއް ނޫން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން އިއްތިފާގުން ވަނީ ނިންމަވާފަ އެވެ. ކުރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ނިންމެވީ އެހެންވެ އެވެ.