ހަބަރު

ރައީސް ދެއްވާ ސްކޮލާޝިޕަށް ބަދަލެއް ނުގެނޭ: މިނިސްޓްރީ

މަތީ ސާނަވީގައި އެއްވަނަ ހޯދާ ދަރިވަރުން ޑިގްރީއަށް ކިޔެވުމަށް ދޭ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕަށް މިނިސްޓްރީން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީއިން މިހެން ބުނެފައިމިވަނީ ބައެއް މީޑިއާތަކުން ރައީސް ދެއްވާ ސްކޮލާޝިޕްގައި ކިޔޭނީ ހަމައެކަނި ސާކްގެ ގައުމުތަކުން ކަމަށް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނިކޮށެވެ. މިއަދު މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕްގައި ރާއްޖެ ގަބޫލު ކުރާ ކޮންމެ ގައުމެއްގައި ވެސް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް އޮންނާނެ ކަމަށެވެ. އަދި އެ ސްކޮލާޝިޕްގައި ހަމައެކަނި ސާކުގެ ގައުމުތަކުން ކިޔެވޭ ގޮތަށް ފުރުސަތު ހަނިކޮށްފައި ނުވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މިނިސްޓްރީން އަލަށް އެކުލަވާލާފައިވާ "ހައި އެޗީވާސް ސްކޮލާޝިޕް" ސްކީމަކީ ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕަކީ ތަފާތު ސްކޮލާޝިޕެއް ކަމަށެވެ. އެއީ މަތީ ސާނަވީގައި ދެވަނަ ހޯދާ ދަރިވަރުންނަށް ވެސް އިތުރަށް ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި މިނިސްޓްރީން އެކުލަވާލި ސްކީމެއް ކަމަށެވެ. އަދި މިނިސްޓްރީ އިން ކަނޑައަޅާ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭނީ މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުންނަށް ކަމަށެވެ.

ބައެއް މީޑިއާތަކުގައި މި ދެ ސްކޮލާޝިޕްގެ މައުލޫމާތު އޮޅުވާލައިގެން ގެންނަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މަތީ ސާނަވީގައި އެއްވަނަ ހޯދާ ދަރިވަރުންނަށް "ރައީސުލްޖުމުހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް" އާއި މަތީ ސާނަވީގައި ދެވަނަ ހޯދާ ދަރިވަރުންނަށް އަލަށް ތައާރަފް ކުރި "ހައި އެޗީވާސް ސްކޮލާޝިޕް"ގެ މަގުސަދު އޮޅޭގޮތަށް މީޑިއާތަކުގައި ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި އެވެ.