ލައިފްސްޓައިލް

އިރުއިރުކޮޅާ ލޯބިވާއަށް ވެފައި ބޭވަފާތެރިޔާއަށް ވަނީ ކީއްވެ؟

May 27, 2017

"މަ އޭނަ އަކާ ވާހަކައެއް ނުދައްކަން މިހާރު، ދެން ނުވެސް ދައްކާނަން. ވަރަށް ފޫހިވެފައި މިހިރީ އޭނަ ދޮގު ހެދީމަ،" ލޯބިވެރިޔާ ބެވަފާތެރިވުމުން އެކަމުގެ ހިތާމައިގައި އަދި ވެފައި ހުރި ފޫހިން ޝަކުވާ ކުރަމުން ދިޔަ އެވެ. އެހެން ބުނާނެ އެވެ. އެކަމަކު މާދަމާ ވެސް އަނެއްކާ ވާހަކަ ދައްކާނެ އެވެ. ރުޅިވެ ރުޅިވެފައި އެތައް ފަހަރަކު ރައްޓެހިވާނެ އެވެ.

މިއީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލަ އެކެވެ. ކައިވެންޏާއި ހަމައަށް ދެމީހުންގެ ގުޅުން އަންނަ އިރު ހައެއްކަ ފަހަރު ރުޅިވެފައި އަލުން ރައްޓެހިވެ އެވެ. ނޫނީ އެތައް އަހަރެއް ފަހުން އެހެން އުޅެއުޅެފައި ގުޅުން ނިންމާލާފައި ދެމީހުން ވެސް އެހެން ބައިވެރިން ހޯދައިގެން ކައިވެނިކޮށް ދިރިއުޅުމެއް ފަށަނީ އެވެ.

އެފަދަ މީހުންގެ ގުޅުންތަކާއި މެދު އެކުގައި އުޅޭ ރަހުމަތްތެރިންނާ އާއިލާވެސް ސުވާލު އުފައްދަ އެވެ. ކައިވެނިކޮށްގެން އެ ގުޅުން އުމުުރު ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމާމެދު ޝައްކު ކުރެ އެވެ. އެ ސުވާލު ކިތަންމެ ވަރަކަށްވެސް ކުރެ އެވެ.

"ބައެއް ފަހަރު ކުދިކުދި މައްސަލަ ޖެހުނީމަ ގޮތް ދޫނުކުރަން ތިބޭތީ ގުޅުން ނިންމާލަން ޖެހެނީ. ކޮންމެ ކަމެއް ވިޔަސް އެޓް ދަ އެންޑް، ވީ ބޯތު ލަވް އީޗް އަދާ، އެހެން ވީމަ ރުޅިވެ ރުޅިވެފައިވެސް ރައްޓެހިވެވެނީ. އެއީ ގޯސް ކުއްޖެއް ނޫން،" ލޯބިވެރިޔާ އާ ދެތިން ފަހަރު ރުޅިވެފައި ރައްޓެހިވެފަިއ ހުރި އަންހެން ކުއްޖަކު ބުންނެވެ.

އުފެދޭ ސުވާލަކީ އެފަދަ ގުޅުމެއްގެ މެދުގައި އިތުބާރު އެބައޮތް ހެއްޔެވެ؟ ލޯބިވެރިންގެ ގޮތުގައި ދުރުގައި އުޅުނު އިރު މައްސަލަ ޖެހި ހައްލުނުކުރެވިގެން އުޅޭ ގުޅުމެއް ކައިވެންޏެއް ގިނަ ދުވަސްތަކެއް ހޭދަ ނުކުރެވޭނެ ކަމަށް ގިނަ މީހުން ބުނެ އެވެ.

"ނޫޅެވޭނެ ކައިވެނިކޮށްގެނެއް. އެކުގައި އުޅެން ފެށީމަ މީހާގެ ގޮތް އަސްލަށް އެނގޭނީ، ކުދިކުދި ބައިވަރު ކަންތައް ދިމާވާނެ އޭރަށް، އެހެން ބޮޑަށް ވަނީ އިތުބާރު ނުކުރެވޭތީ،"

"އަހަރުމެން ރައްޓެހިވެގެން އުޅުނު އިރު ވަރަށް މައްސަލަޖެހޭ. އިނދެގެން މިހާރު ހަތަރު އަހަރުވަނީ. އެއްވެސް މައްސަލައެއް ނުޖެހޭ، ކޮމިއުނިކޭޓް ނުކުރެވޭތީ މައްސަލަ ޖެހެނީ އަސްލު،"

ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ތެރޭގައި ތިން ފަހަރު ރުޅިވެފައި އަލުން ގުޅުން ފެށުމާއި ގުޅިގެން އުޅޭތާ ހަ މަސް ދުވަހުގެ ތެރޭގައި ތިން ފަހަރު އެގުޅުން ނިންމާލާފައި އަލުން ފެށުމާ މާބޮޑު ތަފާތެއް ނުހުންނާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދެތިން ފަހަރަކު ގުޅުން ނިންމާލުމަށްފަހު އަލުން ގުޅުން ފަށައިގެން ކައިވެންޏާ ހަމައަށް އަންނަ އިރު ދެމީހުން ބޮޑަށް ދަސްވެ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން އެތައް ގުނައެއް އިތުރެވެ. އެހެންވާ ކަމަށް ދައްކަނީ އިތުބާރު ހޯދަން ގިނަ މަސައްކަތްތަކެއް ބައިވެރިންނަށް ކުރަން ޖެހުމުން ކަމަށެވެ.

މި ދިރާސާތަކުން ދައްކާ ގޮތުގައި ކައިވެނި ކުުރުމުން އެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެ އެވެ. އެއީ ރައްޓެހިވެފައި ރުޅިވުމަށް މާބޮޑު ވިސްނުންތަކެއް ވިސްނަން ނުޖެހުނު ނަމަވެސް ކައިވެންޏެއް ރޫޅާލަން ގިނަ ވިސްނުންތަކެއް ވިސްނަން ޖެހޭތީ އެވެ.