ރާއްޖެ ކުޅިވަރު

ގްރީން އެންމެން ހައިރާން ކޮށްލައި ނިއު ބަލިކޮށްފި

May 27, 2017

ނިއުރޭޑިއަންޓްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގްރީން ސްޓްރީޓުން ނިއުރޭޑިއަންޓް ބަލިކޮށް، ތިން ވަނައިގައި ލީޑް ފުޅާ ކޮށްފި އެވެ.

ގްރީންގެ، ތިން ލަނޑުގެ ތެރެއިން، ދެ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ތިން ވަނަ ލަނޑު ޖެހިއރު، އެ ޓީމުގެ މުހައްމަދު ސާއިފް އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން، އެ ޓީމުން ކުޅެމުން ދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗަށް ނިކުތުމުގެ ކުރިން، ގްރީންސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު ބުނީ، ނިއު އަތުން ޕޮއިންޓެއް ލިބުން އެއީވެސް، ގްރީންއަށް ލިބޭ ބޯނަހެއް ކަމަށެވެ.

ގްރީންގެ ފުރަތަމަ ލަނޑު، މެޗުގެ 23 ވަނަ މިނެޓްގައި ޖެހީ، ސޮބެލް އިލިއާ ތަނަވަސްކޮށް ދިން ފުރުސަތަކުން، އަހްމަދު ރަޝުދު (އަންމަޑޭ) އެވެ. މެޗުގައި، ނިއުއަށް ވުރެ ރަނގަޅަށް ކުޅުނީ ގްރީން އެވެ. އެޓީމުން ވަނީ މެދުތެރެއިން ޕާސް އުފައްދައިގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. ގްރީންގެ ދެ ވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ވެސް އަންމަޑޭ އެވެ.

މެޗުގެ 32 ވަނަ މިނެޓްގައި، ކޯނަރަކުން ނިއު އިންވެސް ވަނީ ގޯލް ޖަހަން، ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރު ގޯލްތެރެއަށް ވަންނާން ދަނިކޮށް، ގްރީންގެ ކީޕަރު ޖޫން ކޮޗީ ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

ދެ ވަނަ ހާފުގައިވެސް ލިބުނު ހިލޭ ޖެހުންތަކުގައި، ނިއުއިން ވަނީ ނުރައްކާ ކޮށްފަ އެވެ. ދެ ވަނަ ހާފު ކުރީ ކޮޅު ގްރީންގެ ޕެނަލްޓީ އޭރިއާ ކަނާ ދިމާލުން، ލިބުނު ހިލޭ ޖެހުމުގައި، ސެންޓޭ ފޮނުވާލި ބޯޅަ ނުރައްކާ ކޮށް ދިޔަނަމަވެސް، ނިއުއަށް އެބޯޅަ ބޭނުން ނުކުރެވި، ގްރީންގެ ކުޅުންތެރިން ވަނީ އެބޯޅަ ސާފު ކޮށްލާފަ އެވެ.

މެޗުގެ 53 ވަނަ މިނެޓްގައިވެސް، އަކުރަމް އަބްދުލް ގަނީ، ހިލޭ ޖެހުމަކުން، ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ނިއުގެ ޑިފެންޑަރު މާކޮވިޗަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައރިން ބޭރަށެވެ.

ގްރީންގެ ޑިފެންސްގައި، މޮޅު ކުޅުމެއް ދައްކަމުން ދިޔަ، މުހައްމަދު ސާއިފް އަށް، ދެ ވަނަ ރީނޑޫ ކާޑަކާއެކު، ރައްކާޑު ދައްކައި ދަނޑުން ފޮނުވާލީ، އޭނާ އަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކިތާ ފަސް މިނެޓްވެސް ނުވަނީހެވެ. މެޗުގެ 50 ވަނަ މިނެޓްގައި އޭނާ އަށް ދެ ވަނަ ރީނޑޫ ކާޑެއް ދެއްކީ، ނިއުގެ ހަމްޒާ މުހައްމަދަށް ކުރި ފައުލަކާ ގުޅިގެން ނެވެ.

މެޗުގެ 65 ވަނަ މިނެޓްގައިވެސް، ގްރީންގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން، ލިބުނު ހިލޭ ޖެހުން ސެންޓޭ ނަގައިދިނީ، ނިއުގެ ޖަޕާންގެ މިޑްފީލްޑާ އޮގާވާ އަށެވެ. އެއް ފަހަރުން، އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ނެވެ.

ގްރީންއިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ނަމަވެސް، ނިއުއަށް އޭގެ ފައިދާ ނެގޭ ގޮތެއް ނުވި އެވެ. ނަމަވެސް ފެނިގެން ދިޔައީ ގްރީންއިން އިތުރު ލަނޑެއް ޖެހީ ލީޑް އިތުރަށް ފުޅާ ކުރި ތަނެވެ. ގްރީންގެ ތިން ވަނަ ލަނޑު 67 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަަންމަޑޭ ދިން، ފުރުސަތެއްގައި، އަހްމަދު ހަސަން އެވެ. އޭނާ ލަނޑު ޖެހީ ނިއުގެ ޑިފެންޑަރެއް ކައިރިންވެސް ނައްޓާލުމަށްފަހު އެވެ.

މި މޮޅާއެކު، ގްރީން ތާވަލުގެ ތިން ވަނައިގައި ލީޑް ފުޅާ ކުރީ، 17 ޕޮއިންޓް ހޯދައިގެން ނެވެ. އެޓީމާ ނިއުރޭޑީއަންޓާ ދެމެދު ހުރީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.

ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަ ވެއްޖެ

ހަވީރު ޔުނައިޓަޑް ވިކްޓަރީ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ވިކްޓަރީ މޮޅުވުމުން ގަދަ ހަތަރެއްގެ ރޭސް އިތުރަށް ފޯރި ގަދަ ވެއްޖެ އެވެ.

ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުން، ވިކްޓަރީ ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޔުނައިޓަޑް ވިކްޓަރީން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަވެސް ކޮށްފަ އެވެ. ނަމަވެސް ވިކްޓަރީ މޮޅުވި ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ.

ވިކްޓަރީއަށް މެޗުގެ 14 ވަނަ މިނެޓްގައި، ލީޑް ނަގައިދިނީ، ކެރިކް އެންޑްރިޖް އެވެ. ނަވާރަ ވަނަ މިނެޓްގައި ހަސަން އަދުހަމް އެވެ. ޕެނަލްޓީ އޭރިއާ ބޭރުން މުސްތޮފާ މުހައްމަދު ސެޑިކް އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ އަށް ޖެހެން އޮތް ނަމަވެސް، އޭނާ ބޯޅަ ދިނީ އަނެއް ފަރާތުން ހުހަށް އެރި އަދުހަމް އަށެވެ. އޭނާ ވަނީ އެއް ފަހަރު އެބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ޔޫވީގެ ފުރަތަމަ ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ އަބްދުލް ވާހިދު އިބްރާހިމް ވާޑް އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ޝަފްރާޒް އެވެ.

ވިކްޓާރީ މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކެރިކް އެވެ.

މެޗުން މޮޅުވެ، ވިކްޓަރީ ވަނީ 14 ޕޮއިންޓް ހަމަކޮށް، ތާވަލުގެ ފަސް ވަނަ އަށް ޖެހިލާފައެވެ. ޓީސީ އަށް ވެސް ވަނީ އެއަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް، ޓީސީއަށް ހަތަރު ވަނަ މަގާމު ލިބެނީ ފައިދާ ދެ ގޯލް އޮތުމުން ނެވެ. ވިކްޓަރީއަށް އޮތީ ފައިދާ އެންމެ ގޯލެކެވެ. ފަސް ވަނައިގައި އޮތީ، އެއްމެޗު މަދުކުޅެފައި އޮތް އީގަލްސް އެވެ. އެޓީމަށް އެ ޓީމަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ.