ކުޅިވަރު

ބައިސްކަލް ރޭހަށް "ބައިކު" އިން ދިރުން ގެނެސްދީފި

May 27, 2017

ބައިކް މޯލްޑިވްސއިން ތިން އުމުރުފުރައަށް އަމާޒުކޮށްގެން ބޭއްވި، ބައިސްކަލް ރޭހަކީ، 15 އަހަރުފަހުން، މާލޭގައި ރަސްމީކޮށް ބޭއްވި ފުރަތަމަ މުބާރާތެވެ. ފަންސާހަށް ވުރެ ގިނަ ކުދިން، ވާދަކުރުމުން، ރާއްޖޭގައި އަނެއްކާވެސް ބައިސްކަލް ރޭސް ދުއްވުމުގެ މުބާރާތްތައް ވާދަވެރިކަމާއެކު، ކުރިއަށް ގެންދެވިދާނެކަން ބައިކް މޯލްޑިވްސްއިން ސާބިތު ކޮށްދީފި އެވެ.

މުބާރާތުގައި ވާދަކުރި، ބައިވެރިންނަށް އެކި ވަނަ، ލިބުނަސް، އެންމެ ބޮޑަށް ފާހަގަ ކުރަން ޖެހެނީ ރޭހުގައި ވާދަ ކުރި ކުދިން، އެކަމަށް ބެހެއްޓި ޝައުގުވެރި ކަމެވެ. ކުރިން މާލޭގައި، ފޯރިއާއެކު، ކުރިއަށް ގެންދިޔަ އެއް މުބާރާތައް ބައިސްކަލް ރޭސް ވާނެ އެވެ. ނަމަވެސް، އެކިސަބަބުތަކާ ހުރެ ބައިސްކަލް ހުރީ ހަރު ޖެހިފައެވެ. ވާދަ ކުރާނެ ރޭހެއް މުބާރާތެއް ނެތެވެ. ބައިސްކަލްގެ ހަރުތައް ނައްޓާލައި ޕާކް ކޮށްފައި އޮތުން ބައިކް މޯލްޑިވުސްއިން ނިމުމަކަށް ގެނައީ އެވެ.

މި ހަރާކާތުގައި ވާދަކުރި ކުދިން ވެގެންދާނީ، ބައިސްކަލް ރޭސްތައް އަލުން ނަގައި ކޮޅަށް ޖެހުމަށް އެހީތެރިވި ކުދިން ކަމުގަ އެވެ. ރޭހުން ކޮންމެ ވަނަ އެއް ލިބުނަސް، އެކުދިންގެ ވާހަކަ، މާދަމާ ދައްކާނެ އެވެ. ތާރީހްގައި އެކަން ލިޔެވޭނެ އެވެ.

މާލޭގެ ސިނާއީ އަވަށު ސަރަހައްދުގައި ކުރިއަށްގެންދިޔަ ރޭހުގައި ވާދަކޮށްފައި ވަނީ، ނުވަ އަހަރުން ދަށުގެ އުމުރުފުރައާއި 11 އަހަރުން ދަށުގެ އުމުރު ފުރައާއި 13 އަހަރުން ދަށުގެ އުމުރު ފުރަ އެވެ. ކޮންމެ އުމުރު ފުރާއަކުންވެސް ރޭސް ބާއްވާފައި ވަނީ އަންހެން އަދި ފިރިހެން ކެޓަގަރީ ވަކިން ނެވެ. އަންހެން އަދި ފިރިހެން ވަކިން، ހުރިހާ އުމުރުފުފުރާއެއްގައި ޖުމުލަ 14 ކިލޯމީޓަރަށް ވަނީ ރޭސް ޖަހާފަ އެވެ.

ބައިކް މޯލްޑިވްސްއިން ބުނީ، ބައިސްކަލް ރޭހުގެ ހަރަކާތްތައް ފުޅާކޮށް، އިތުރަށް ފޯރިގަދަ ކުރުމަށް މިއަހަރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.