ބޮލީވުޑް

ސާރާގެ ފުރަތަމަ ފިލްމު ސުޝާންތާއެކު

May 28, 2017

މަޝްހޫރު ތަރިންގެ ދަރިންގެ ތެރެއިން ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ ޚާންއަކީ އޭނާގެ ބޮލީވުޑަށް ނުކުތުމުގެ އިންތިޒާރުގައި އެތަކެއް ބަޔަކު ކުރަމުން އަންނަ ފަރާތެކެވެ.

ޒުވާން ގިނަ ތަރިންނެއް ބޮލީވުޑަށް ނެރެފައިވާ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުޑައިގެ ދަށުން ސާރާ ފިލްމީ ދާއިރާއަށް ނުކުންނާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ އެހެން ފަރާތަކާއެކު ދާއިރާއަށް ނުކުންނަން ނިންމާފަ އެވެ.

ހަބަރުތައް ބުނާގޮތުން ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތާއެކު ސާރާ ބޮލީވުޑަށް ނުކުންނަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ "ކެދާނަތް" ކިޔާ ފިލްމަކުންނެވެ. މިވާހަކަ އަބީޝެކް ވެސްް ވަނީ އިންޑިއާގެ ނޫސްތަކަށް ޔަގީންކޮށްދީފަ އެވެ.

"ކެދާނަތް" އަކީ ސުޝާންތް ބޮލީވުޑަށް ނިކުތް ކާމިޔާބު ފިލްމު "ކައި ޕޯޗޭ" އަށް ފަހު އަބީޝެކްގެ ފިލްމެއްގައި އޭނާ ފެނިގެންދާ ދެވަނަ ފިލްމެވެ.

މި ފިލްމާ ގުޅޭގޮތުން އިތުރު މައުލޫމާތުތަކެއް އަބީޝެކް ހިއްސާކޮށްފައެއް ނުވެ އެވެ.

ސާރާ އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުންނަން ހަމަޖެހިފައި އޮތީ ކަރަންގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ. އޭގެ ފަހުން ރަންވީރު ސިންގްއާ އެކު "ގަލީ ބޯއިސް" ގެ ބަތަލާގެ ރޯލުން ފެނިގެންދާނެ ކަމުގެ އަޑުތައް އެރި ނަމަވެސް އެ ރޯލު ދިނީ އާލިއާ ބަޓް އަށެވެ. އަދި ފަހުން ރިތިކް ރޯޝަނާ އެކު ފިލްމެއް ކުޅެން ސާރާއަށް ލިބުނު ކަމުގެ އަޑާއި ޔާޝް ރާޖް ފިލްމްސްއިން ދެން އެންމެ އަވަހަށް އުފައްދަން ފަށާ ބޮޑު ފިލްމު، "ތަގޮސް އޮފް ހިންދޯސްތާން" ގައި އަމީތާބް ބައްޗަން އާއި އާމިރް ޚާނާއެކެ ބަތަލާގެ ރޯލަށް ވަނީ އޮޑިޝަން ދީފަ އެވެ. ނަމަވެސް އެ ރޯލު ކުޅެން ނިންމާފައިވާ ތަރިންނާކީ ކެޓްރީނާ ކައިފް އާއި ފާތިމާ ސަނާ ޝައިހް އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ސުޝާންތްގެ ފިލްމު "ރާބްތާ" ރިލީޒް ކުރާނެ އެވެ. އެ ފިލްމަށްފަހު އޭނާ ދެން ކުޅޭނެ ފިލްމެއް އަދި އިއުލާނު ކޮށްފައެއްނުވެ އެވެ.