ބޮލީވުޑް

"ބަދްލާޕޫރް 2" ދިޕިކާއަށް

May 28, 2017

ދެހާސް ފަނަރަވަނަ އަހަރު ނިކުތް ވަރުން ދަވަންގެ ފިލްމު "ބަދްލާޕުރް" ގެ ކާމިޔާބީއެކު އެ ފިލްމުގެ ޑައިރެކްޓަރު ދިނޭޝް ވިޖަން ވަނީ އެ ސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދަން ނިންމާފަ އެވެ.

މި ސިލްސިލާގެ ދެވަނަ ފިލްމު "ބަދްލާޕުރް 2" ގައި ވެސް ލީޑް ރޯލުން ފެނިގެންދާނީ ވަރުން ކަމަށް ކުރިން ބެލެވުނު ނަމަވެސް ފިލްމު އުފައްދާ ފަރާތުން ވަނީ އެ ރޯލު ދިޕިކާ ޕަދުކޯން އަށް ދޭން ނިންމާފަ އެވެ. ޑައިރެކްޓަރު ދިނޭޝް ވަނީ ވަރުން "ބަދްލާޕޫރް" ގައި ކުޅުނު ރޯލު ދެވަނަ ފިލްމުގައި އަންހެނަކު ކުޅޭ ގޮތަށް ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެނެސްފަ އެވެ.

"ބަދްލާޕޫރް" ގައި ވަރުން ފެނިގެންދަނީ އޭނާގެ އަންހެނުން މަރާލުމުން، އެ މާރާމާރީ ހިންގާ މީހުންގެ ފަރާތުން ބަދަލުހިފާ ގޮތެވެ.

ބުނެވޭ ގޮތުގައި ދިޕިކާ "ބަދްލާޕޫރް 2" ގައި ފެނިގެންދާނީ ވެސް ހަމަ އެފަދަ ރޯލަކުންނެވެ. އަދި މި ފިލްމުގައި ފެނިގެންދާނީ މުޅިން އާ ތަރިން ކަމަށްވެ އެވެ.

ދިނޭޝްގެ އެންމެ ފެވަރިޓް ތަރިއަކީ ދިޕިކާ ކަމަށްވާއިރު، މި ފިލްމުގެ ވާހަކަ ބަދަލުކުރަން އޭނާ ވިސްނުން ގެންގުޅުނު ހިސާބުން ވަނީ އެ ވާހަކަތައް ދިޕިކާ ހިއްސާކޮށްފަ އެވެ. އަދި ދިޕިކާ އެފަދަ ރޯލެއް ކުޅެން ޝައުގުވެރިވާ ކަމަށް ބުނުމުން ދިނޭޝް ވަނީ އެ ރޯލު ދިޕިކާ އަށް ދޭން ނިންމާފަ އެވެ.

އެގޮތުން ފިލްމުގެ ސްކްރިޕްޓް އެއްކޮށް ތައްޔާރުވަމުން ދިޕިކާ އާއެކު އަލުން މަޝްވަރާ ކުރުމަށްފަހު ފިލްމުގެ ޝޫޓިން ފަށާނެ ދުވަސް ކަނޑައަޅާނެ އެވެ.