ކުޅިވަރު

ދެ އަހަރަށް ފަހު އަކުރަމް އަލުން ގައުމީ ޓީމަށް

May 28, 2017
  • މެދުކެނޑުމަކަށްފަހު ގްރީންގެ އަންމަޑޭއަށް ވެސް ހިމެނޭ
  • އާއްކޮ އާއި މުލަކޭއަށް ފުރުސަތެއް ނުލިބޭ
  • އިރޭއަށް ފުރުސަތު ދީފި
  • ޒުވާން ދެ ކީޕަރާއެކު، ފަސް ކީޕަރުން ހިމަނާފައިވޭ

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު، ޑިފެންސިވް މިޑްފީލްޑާ އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް އަލުން ގައުމީ ސްކޮޑުން ފުރުސަތު ދީފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު، ބުޓާނާ ދެކޮޅަށް ކުޅޭ މެޗަށާއި، އެ މެޗަށް ތައްޔާރުވުމަށް އަފުގާނީސްތާނާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ގައުމީ ޓީމުން އަކޫ އަށް ފުރުސަތު ދިނުމުގެ ކުރިން، އެންމެ ފަހުން، ގައުމީ ޓީމުގައި އޭނާ ހިމެނާފައި ވަނީ، 2015 ވަނަ އަހަރު، ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އެކުލަވާލި ޓީމުން ނެވެ.

އޭރު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުން ދިޔަ، ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އަށް، ކުލަބަށް ވަގުތު ދިނުމުގެ ގޮތުން، އޭނާ ގައުމީ ޓީމުގައި ނުހިމަނައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިޔަ ޓީމުގެ ކެޕްޓަންކަން ކުރީވެސް އަކޫ އެވެ. މިއަހަރު ނިއުރޭޑިއަންޓަށް ބަދަލުވެ، ނިއުގެ މިޑްފީލްޑް ލައިންގައި އަކޫ ދަނީ މޮޅު ކުޅުމެއް ދައްކަމުން ނެވެ.

އޭނާގެ އިތުރުން، މެދުކެނޑުމަކަށްފަހު ދެން ގައުމީ ޓީމުން އަލުން ފުރުސަތު ދީފައިވަނީ، ގްރީންސްޓްރީޓްގެ، އަހްމަދު ރަޝީދު (އަންމަޑޭ) އަށެވެ. މީގެ ކުރިން، އަންމަޑޭއަށް ގައުމީ ޓީމުން ފުރުސަތު ދީފައި ވަނީ، މީގެ ތިން އަހަރު ކުރިން ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. ނަމަވެސް، އެ ފަހަރުގެ ސްކޮޑަށް، އޭނާ ނެގި ނަމަވެސް، މުބާރާތުގެ ފައިނަލު ސްކޮޑުން އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ.

ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ނިއުގެ ކީޕަރު އަބްދުﷲ ޒިމާމް އާއި މާޒިޔާގެ ހުސައިން ޝަރީފްއަށްވެސް ވަނީ ޓީމުން ފުރުސަތު ދީފަ އެވެ. އޭނާގެ އިތުރުން، ދެ ޓީމުން ފުރުސަތު ދީފައިވާ ކީޕަރުންނަކީ، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އާއި ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށެވެ.

އާއިލީ ސަބަބަކާ ހެދި، ރާއްޖެއިން ބޭރަށް ދާން ޖެހުމުން، ލީގްގެ ކުރީކޮޅު، އެއްވެސް މެޗެއް ކުޅުމުގެ ފުރުސަތު ނުލިބުނު، މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އީގަލްސްގެ އަހްމަދު ރިޒުވާން (ރިޒޭ) އަށް ވެސް ވަނީ އަލުން ޓީމުން ފުރުސަތު ދީފަ އެވެ. އޭނާ އަކީ، ކޮލިފައިން ބުރަށް ރާއްޖެ ކޮލިފައި ކޮށްދިނުމުގައި، ލާއޯސްއާ ދެކޮޅަށް، މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ.

ފާހަގަ ކުރެވޭ ކުޅުންތެރިންގެ ތެރެއިން، ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންނަކީ، މާޒިޔާގެ އަހްމަދު އިމާޒު (އާއްކޮ) އާއި ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. މާޒިޔާގެ އެ ދެ ކުޅުންތެރިންނަށް ފުރުސަތު ނުލިބުނު ނަމަވެސް މި ސީޒަންގައި އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އިރުފާން (އިރޭ) އަށް ވެސް ގައުމީ ޓީމުން އަލުން ފުރުސަތު ދީފައި ވެއެވެ.

މިދިޔަ މާރިޗް މަހު ފަލަސްތީނާ ދެކޮޅަށް، ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން، މިފަހަރު ސްކޮޑުގައި ދެން ހިމަނާފައި ނުވާ ކުޅުންތެރިންނަކީ މާޒިޔާގެ ގާސިމް ސަމާމް، (ޝަންމޭ) އާއި ޓީސީގެ އިބްރާހިމް މަހުދީ ހުސައިން (ހަބޭސް އިއްބެ) އާއި އީގަލްސްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ވެލެންސިއާގެ ހިސާމް ސަލީމް (މުހައްމަދު) ގްރީން ސްޓްރީޓްގެ އަހްމަދު ނިޒާމް އެވެ.

މިފަހަރުގެ ސްކޮޑުންވެސް އެންމެ ގިނަ ކުޅުންތެރިން ހިމެނެނެނީ، ލީގްގެ އެއް ވަނައިގައި އޮތް މާޒިޔާއިން ނެވެ. އެ ޓީމުން ވަނީ މިފަހަރު ހިމެނުނީ އަށް ކުޅުންތެރިން ނެވެ. ދެ ވަނައިގައި އޮތް ނިއުރޭޑިއަންޓުން ހަ ކުޅުންތެރިޔަކަށް ވަނީ ފުރުސަތު ދީފަ އެވެ.

އަފްޣާނިސްތާނާއި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ގައުމީ ސްކޮޑް

މާޒިޔާ:
އަސަދުﷲ އަބްދުﷲ (އަސައްކޮ)
މުހައްމަދު އުމޭރު
އަމްދާން އަލީ (އެންޑީ)
މުހައްމަދު އިރުފާން (އިރޭ)
އަސްހަދު އަލީ (އަޑޭ)
ހުސައިން ޝަރީފް - ގޯލްކީޕަރު -
ސަމޫހް އަލީ (ސަމުއްޓޭ)
ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)

ނިއު ރޭޑިއަންޓް:
އަލީ ފާސިރު (ސެންޓޭ)
މުހައްމަދު ރަޝީދު (ހޮކޭ)
އަހްމަދު އަބްދުﷲ (ލިލީ)
ހަމްޒާ މުހައްމަދު (ހަމްޕް)
އަކްރަމް އަބްދުލް ގަނީ (އަކޫ)
އަބްދުﷲ ޒިމާމް - ގޯލްކީޕަރު -

ކުލަބު އީގަލްސް:
އަހްމަދު ރިޒްވާން (ރިޒޭ)
އިމްރާން ނަޝީދު (އިންމަ)
އަހްމަދު ޒާދު
މުހައްމަދު ޝަފީއު (ޗެކް) - ގޯލްކީޕަރު -

ކުލަބު ވެލެންސިއާ:
މުހައްމަދު ފައިސަލް - ގޯލްކީޕަރު -
ޝާފިއު އަހްމަދު (ޝާފީ)

ޓީސީ ސްޕޯޓްސް ކުލަބު:
ހަސަން ނާއިޒު (ދާދު)
އިބްރާހިމް ވަހީދު ހަސަން
މުހައްމަދު އައްޒާމް

ވިކްޓަރީ:
އިސްމާއިލް އީސާ (މެސީ)
މުހައްމަދު އިމްރާން (ކުޑަ އިމްރާން) - ގޯލްކީޕަރު -

ގްރީން ސްޓްރީޓް:
މުހައްމަދު ސާއިފް
އަހްމަދު ރަޝީދު (އަންމަޑޭ)