ބޭރު ކުޅިވަރު

ޔޫރޮޕާ ލީގުގެ ކާމިޔާބަށް ފަހު ޕޮގްބާ އުމްރާއަކަށް

May 28, 2017

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އުމްރާއަކަށް ގޮސްފި އެވެ.

ޕޮގްބާ އުމްރާ އަށް ދިޔައީ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގު ކާމިޔާބުކުރިތާ ތިން ދުވަސް ފަހުންނެވެ. އުމްރާވުމަށް ސައުދީ އަރަބިއްޔާ އަށް ފުރުމުގެ ކުރިން ޕޮގްބާ ،24، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ސީޒަނަށް ޝުކުރު އަދާކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި އެނާ މިހާރު މި ދަތުރު ފަށަނީ އަޅުކަމަށް ކަމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ އިހުރާމް ބަނދެގެން ހުރި ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ. އަދި ހަރަމްފުޅު ތެރޭގައި ޕޮގްބާ ހުރި ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ދައުުރުވެ އެވެ.

ޕޮގްބާ އަކީ މުސްލިމް އާއިލާއަކަށް އުފަން، ދީނީ ކަންތައްތަަކަށް ސަމާލުކަން ދޭ ކުޅުންތެރިޔެކެވެ.

ޔުނައިޓެޑަށް އެނބުރި އައިސް ހޭދަކުރި ފުރަތަމަ ސީޒަންގައި ޕޮގްބާ ވަނީ އެ ކްލަބާއެކު ޔޫރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕް އަދި ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.