ބޭރު ކުޅިވަރު

އޮބާމަޔެންގް ޑޯޓަމުންޑަށް ތަށި ހޯދައި ދީފި

May 28, 2017

ޕިއާ އެމްރިކް އޮބާމަޔެންގް، ޖެހި ޕެނަލްޓީއާއެކު 2-1 ން އައިންޓްރަކްޓް ފްރޭންކްފާޓްގެ މައްޗަށް ކާމިޔާބު ހޯދައި، ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ބްރޫޝިއާ ޑޯޓަމުންޑް ހޯދައިފި އެވެ.

މި ކާމިޔާބާއެކު، ފައިނަލުގައި، ޑޯޓަމުންޑް ޖެހިޖެހިގެން ތިން ފައިނަލު ބަލިވުމަށް ވަނީ ނިންމުން އައިސްފަ އެވެ.

މެޗުގެ އަށް ވަނަ މިނެޓްގައި ޑޯޓަމަންޑަށް ގޯލް ހުޅުވައިދިނީ، އޮސްމާން ޑެމްބްލޭ އެވެ. އޭނާ ވާތު ފައިން ބޮޅަ ފޮނުވާލީ ގޯލް ދާނގަޑުގެ ފުރާޅަށް އަމާޒު ކޮށެވެ.

ނަމަވެސް، މެޗުގެ 29 ވަނަ މިނެޓްގައި، އެންޓީ ރެބިކް ވަނީ ފްރެންކްފާޓަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން، ފްރެންކްފާޓްގެ ހާރިސް ސެފްރޮވިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.

ޕެނަލްޓީގެ ކުރިން އޮބާމަޔެންގަށް ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއް ލިބިފަ އެވެ. އޭނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ.

ޕެނަލްޓީން އޮބާމަޔަންގް ޖެހި ޕެނަލްޓީ އަކީ، ޑޯޓަމަންޑްގެ ކްރިސްޓިއަން ޕުލޫސިކްއަށް، ފްރޭންކްފާޓްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. އެ ލަނޑަކީ، މި ސީޒަންގައި އޮބާމަޔަންގް ކާމިޔާބު ކުރި 40 ވަނަ ލަނޑެވެ. ޑޯޓަމަންޑްގައި އޭނާގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ ގެންދަން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީންވެސް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައްވެސް ވަނި ފެތުރިފަ އެވެ.