ހަބަރު

ކައުންސިލަރުން ހުވާކުރަން ގިޔާސުއްދީން ސްކޫލް

މާލޭ ސިޓީ ކައުންސިލަރުން ހުވާކުރަން ގިޔާސުއްދީން ސްކޫލް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

މީގެ ކުރިން އެ ކައުންސިލުން ވަނީ، ހުވާ ކުރަން ދަރުބާރުގެ ހަމަނުޖެހުން ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭގެ ފަހުން ވެސް ހުވާ ކުރުމަށް ތަނެއް ހަމަނުޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެކަމަށް ސްކޫލްތަކުގެ ހޯލްތައް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފަ އެވެ. އެލްޖީއޭއިން އެދުނު ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ހުއްދަ ކައުންސިލްތަކަށް ދިނުމަށް ސްކޫލްތަކަށް އަންގާފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އެ ދުވަހަށް އެ ކައުންސިލަށް ގިޔާސުއްދީން ސްކޫލް ވަނީ ހަމަޖައްސައިދީފަ އެވެ. މާލޭ ސިޓީ ކައުންސިލްގެ އިތުރު އައްޑޫ ސިޓީ ކައުންސިލަށް ވެސް މިހާރު ވަނީ ރަސްމިއްޔާތު ބާއްވާނެ ތަނެއް ދޫކޮށްފަ އެވެ.

އެލްޖީއޭއިން ބުނީ، ހުވާ ކުރުމުގެ ރަސްމިއްޔާތަށް މެޖިސްޓްރޭޓުން ހަމަޖެއްސުމަށް ވެސް އެލްޖީއޭއިން ސުޕްރީމް ކޯޓާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސުޕްރީމް ކޯޓުން މެޖިސްޓްރޭޓުން ކަނޑައަޅާއިރު އެ މެޖިސްޓްރޭޓުން ރަށްތަކަށް ފޮނުވުމުގެ ހަރަދުކުރަނީ އެލްޖީއޭއިންނެވެ.