ބޮލީވުޑް

ޝްވެތާ ތިވާރީގެ ދަރިފުޅު ދަރްޝީލްއާއެކު ބޮލީވުޑަށް

May 29, 2017

މަޝްހޫރު ޓީވީ ބަތަލާ ޝްވެތާ ތިވާރީގެ ދޮށީ އަންހެން ދަރިފުޅު ޕަލަކަށް ފިލްމްތަކުން ގިނަ ހުށަހެޅުންތަކެއް ލިބި ބޮލީވުޑަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށް ޝްވެތާ ބުނެފި އެވެ.

ސްޓާ ޕްލަސްއިން ދެއްކި ކާމިޔާބު ޓީވީ ޝޯ "ކަސައުޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލުން ބެލުންތެރިންގެ މެދުގައި މަގުބޫލު ވެގެން ގޮސްފައިވާ ޝްވެތާގެ 17 އަހަރުގެ އަންހެން ދަރިފުޅު ޕަލަކް ބޮލީވުޑަށް ނިކުންނަނީ "ތާރޭ ޒަމީން ޕަރް" ގެ ތަރި ދަރްޝީލް ސަފާރީ އާއެކު އެވެ.

"ކުއިކީ" ނަމަކަށް ކިޔާ ފިލްމަކުން ދަރްޝީލް އާއެކު ދަރިފުޅު ޕަލަކް ބޮލީވުޑަށް ނިކުންނާނެ ކަން ޝްވެތާ ވަނީ ޔަގީންކޮށްދީފަ އެވެ.

"ޕަލަކް ބޮލީވުޑަށް ނިކުންނަން އުޅެނީ. ދަރްޝީލް އާއެކު ފިލްމެއް ކުޅެން ފުރުސަތު ލިބި އެކަމާ ގުޅިގެން ވާހަކަތައް ދެކެވެމުން ދަނީ. ފިލްމުގެ ހުރިހާ ކަމެއް ޔަގީންވުމުން ރަސްމީކޮށް އިއުލާންކުރާނެ" ޝްވެތާ ބުނެފައިވެ އެވެ.

ރާޖާ ޗައުދަރީ އާއި ޝްވެތާ ކައިވެނިކޮށްގެން ލިބިފައިވާ ޕަލަކަކީ ސޯޝަލް މީޑިއާގައި މަގުބޫލު ކުއްޖެކެވެ. ޕަލަކް އިންސްޓަގްރާމަށް ލާފައިވާ ފޮޓޯތަކުން އޭނާ އަށް މަންމަ ޝްވެތާގެ ރީތިކަން ލިބިފަިއވާކަން އިނގެ އެވެ.

ޓީވީ އެކްޓަރު އަބިނަވް ކޯލީއާ ކައިވެނިކޮށް، އެ ދެމަފިރިންނަށް މިދިޔަ އަހަރުުގެ ޑިސެމްބަރު މަހު ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. ދެވަނަ ދަރިފުޅު ވިހައިގެން މިހާރު ޗުއްޓީގައި ހުރި ޝްވެތާ އަނބުރާ ޓީވީ ސްކްރީނަށް އަންނާނެ ދުވަހެއް އޭނާ އަދި ހާމައެއްނުކުރެ އެވެ.

ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވާ ޓީވީ ޝޯތަކުގެ އިތުރުން ޝްވެތާ ވަނީ ކަލާސް ޗެނަލުން ދައްކާ ސެލެބްރިޓީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ހަތަރު ވަނީ ސީޒަންގައި ބައިވެރިވެ އެ ޝޯ ކާމިޔާބުކޮށްފަ އެވެ. އަދި ޝްވެތާ ވަނީ ހަމަ އެ ޗެނަލުން ދައްކާ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ" ގައި ވެސް ބައިވެރިވެފަ އެވެ.