ބޮލީވުޑް

ބަތޮލާއަކު ނުލިބި ސޫރަޖް ޕަންޗޯލީ އެކަނިވެރިވެފައި

May 29, 2017

އެކްޓަރު އަދިތްޔަ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ 2015 ވަނަ އަހަރު "ހީރޯ" އާއެކު ބޮލީވުޑަށް ނިކުތުމުގެ ކުރިން ވަނީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ސޫރަޖް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ޖީއާ ޚާން ދަންޖެހިގެން 2013 ވަނަ އަހަރު މަރުވުމާއެކު ތުހުމަތުގެ އިނގިލިތައް ދިއްކުރެވެން ފެށީ ސޫރަޖް އަށެވެ. ދަންޖެހުމުގެ ކުރިން ޖީއާ ލިޔެފައިވާ ނޯޓުގައި ވަނީ އޭނާ އާއި ސޫރަޖާ ދެމެދު އޮތް ގުޅުމުގައި މައްސަލަތައް ޖެހިފައިވާ ކަމަށް ބުނެފަ އެވެ.

ޖީއާގެ މަރާއެކު ސޫރަޖްގެ ކޯޓާއި ފުލުހުންގެ ދެމެދުގައި ދުވަމުން އަންނަނިކޮށް އޭނާ ވަނީ ސަލްމާން ޚާންގެ ބެލުމުގެ ދަށުން، އެކްޓަރު ސުނިލް ޝެޓީގެ ދޮށީ ދަރިފުޅު އާތިޔާ ޝެޓީއާ އެކު "ހިރޯ" އިން ބޮލީވުޑަށް ނިކުމެފަ އެވެ.

އެ ފިލްމަށް މާ ބޮޑެތި ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް ބެލުންތެރިންނާއި ކްރިޓިކްސްއިން ވަނީ ސޫރަޖް އާއި އާތިޔާއަކީ ކުރިއަށް އޮތް ތަނުގައި ކާމިޔާބު ވާނެ ތަރިން ކަމަށް ބުނެފަ އެވެ.

ނަމަވެސް "ހީރޯ" ރިލީޒްވިތާ ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ސޫރަޖްގެ ފިލްމީ ކެރިއަރު ކޮޅަށް ޖެހޭ ތަނެއް ނުފެ އެވެ. އެ ފިލްމުގެ ފަހުން ދެ އަހަރުވީއިރު އަދި އޭނަ ފިލްމެއް ކުޅެފައިނުވީ ނަމަވެސް ދެ ފިލްމަކުން ވަނީ ހުށަހެޅުން ލިބިފަ އެވެ.

ޑައިިރެކްޓަރު ފާރޫގް ކަބީރްގެ ފިލްމަކާއި ޕްރަބޫ ދޭވާގެ ފިލްމަކުން ސޫރަޖަށް ހުށަހެޅުން ލިބިފައިވާއިރު، އެންމެ ފިލްމެއް ކުޅެފައިވާ ސޫރަޖާއެކު އެ ދެ ފިލްމު ކުޅޭނެ ބަތަލާއެއް ނުލިބިގެން ފިލްމުގެ މަސައްކަތް ވަނީ ފެށޭގޮތް ނުވެފަ އެވެ.

ބޮލީވުޑްގެ ގިނަ ބަތަލާއިންނަށް މި ދެ ފިލްމު ހުށަހެޅި ނަމަވެސް ކޮންމެވެސް އެއް އުޒުރެއް ދައްކައިގެން އެއްވެސް ތަރިއަކު މިއިން ފިލްމެއް ކުޅެން އެއްބަސްވާ ގޮތެއް ނުވެއެވެ.

ސޫރަޖަށް ބަތަލާއަކު ނުލިބި އެތަކެއް ދުވަހެއް ވެގެން ގޮސްފައިވާއިރު، އަދިވެސް އޭނާ އާއެކު ފާރޫގް ކަބީރްގެ ފިލްމު ކުޅޭނެ ބަތަލާއަކު ހޯދުމުގެ މަސައްކަތް ކުރެ އެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެކަކު ބެލުމުގެ ދަށުން ސޫރަޖް ފިލްމީ ދާއިރާ އަށް ނިކުތް ނަމަވެސް އޭނާގެ ބޮލުގައި އެޅިފައި ހުރި ތުހުމަތުގެ ސަބަބުން އޭނާ ވަނީ ބޮލީވުޑްގައި އެކަނިވެރިވެފަ އެވެ. އޭނާގެ ފިލްމުތަކުގައި ބަތަލާގެ ރޯލު ކުޅެން މަޝްހޫރު ތަރިން ދެކޮޅު ހަދާ ސަބަބެއް ކަމަށް މިއީ ވެސް ވާއިރު، ދެން އޭނާ އާއެކު ފެނިގެންދާނެ ބަތަލާ އަކު ބަލަން ބެލުންތެރިން ތިބީ މަޑުކޮށްގެންނެވެ.

ކޮންމެ ދުވަހަކު ގޮތަށް ބޮލީވުޑަށް އާ ތަރިން ނިކުމެ ފިލްމީ ދާއިރާ ވެސް ދުވަހަކަށް ވުރެ ދުވަހެއް ވާދަވެރިވަމުން އަންނައިރު، އެކުގައި ފިލްމު ކުޅޭނެ ތަރިއަކު ނެތި ފިލްމެއް ނުކުޅެވި ދެ އަހަރަށް ވުރެން ގިނަ ދުވަސްވެގެން ގޮސްފައި އޮތުމަކީ ސޫރަޖްގެ ފިލްމީ ކެރިއަށް ލިބޭ ބޮޑު ގެއްލުމެކެވެ.