ބޮލީވުޑް

ކަރަންގެ އާ ފިލްމުގައި ސަލްމާން އާއި ކެޓްރީނާ

May 30, 2017

ސުޕަސްޓާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ ފިލްމަށް ބެލުންތެރިން އިންތިޒާރު ކުރަނީ އެ ދެތަރިންގެ ޖާދޫވީ ކެމިސްޓްރީގައި އެތަކެއް ބަޔަކު ޖައްސުވާފައިވާތީ އެވެ.

މި ދެތަރިންނާއެކު ފިލްމު އުފައްދަން އެތަކެއް ޑައިރެކްޓަރުންނެއް ކިޔު ހަދައިގެން ތިބިއިރު، ފަސް އަހަރު ފަހުން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު މިވަނީ މި ދެތަރިންނާއެކު ފިލްމެއް އުފައްދަން ފަށާފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ނިކުތް ފިލްމު "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން މިހާރު އެބަ ހިނގަ އެވެ.
ދުބާއީގައި މި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނައިރު، ސަލްމާން އާއި ކެޓްރީނާ އެކުގައި އިތުރު ފިލްމަކުން ފެނިގެންދާނެ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ފިލްމު "ރާތް ބާކީ" ގައި ކެޓްރީނާ އާއެކު ލީޑްރޯލުން ސަލްމާން ފެނިގެންދާނެ ކަމަށްވެ އެވެ. ކުރިން މި ފިލްމުގައި ކެޓްރީނާ އާއެކު ފެނިގެންދާން އޮތީ ފަވަދް ޚާން އެވެ.

ޕާކިސްތާނުގެ ތަރިންނަށް ބޮލީވުޑްގައި ހަރަކާތްތެރިނުވެވޭނެ ކަމަށް ނިންމުމާ ގުޅިގެން "ރާތް ބާކީ" ގެ މަސައްކަތް އޮތީ މަޑުޖައްސާލާފަ އެވެ. އެގޮތުން ސަލްމާނާއި ކެޓްރީނާގެ ކެމިސްޓްރީ ފެނި ވަނީ އެ ފިލްމު މި ދެތަރިން ހިމަނައިގެން އުފައްދަން ނިންމާފަ އެވެ.

ހަބަރުުތައް ބުނާގޮތުން ކަރަން މިހާރު އަންނަނީ ސަލްމާން އާއި ކެޓްރީނާއަށް ފިޓްވާނެހެން ފިލްމުގެ ސްކްރިޕްޓަށް ބަދަލުތައް ގެންނަމުންނެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ކެޓްރީނާ އާއެކު މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ސަލްމާންގެ ޅިޔަނު އާޔުޝް ޝަރްމާ ކަމަށް ވެސް އަޑުއަރާފަ އެވެ. އަދި މި ފިލްމު ޕްރޮޑިއުސްވެސް ކުރާނީ ސަލްމާން ކަމަށްވެ އެވެ. ނަމަވެސް ދެތިން ދުވަސްފަހުން މިވަނީ މި ފިލްމުގައި ފެނިގެންދާނީ ކެޓްރީނާ އާއެކު ސަލްމާން ކަމަށެވެ.

މި ދެތަރިން އެކުގައި މިހާރު ކުޅެމުން އަންނަ "ޓައިގާ ޒިންދާހޭ" އަށް ފަހު ކެޓްރީނާ ޝޫޓިން ފަށާނީ އަމީތާބް ބައްޗަން އާއި އާމިރް ޚާނާއެކު ކުޅޭ "ތަގޮސް އޮފް ހިންދޯސްތާން" ގެ އެވެ.

ކަރަން ދެން ޑައިރެކްޓްކުރާ ފިލްމެއްގައި ފެނިގެންދާނީ ރަންބީރު ކަޕޫރެވެ.