ރިޕޯޓް

ވޯރާއިންގެ "ބޮޑު ދޮލަނގު" ނާސިރަކަށް ބޮޑެއްނުވި

May 29, 2017
11
  • ވައިއަޅުވަން ފޮނުވި ދޮލަނގު އަނބުރާ ފޮނުއްވާލެއްވި
  • ވިދާޅުވީ ފަގީރުންނަށް ކާން ދިނުން މާ ރަނގަޅުވާނެ ކަމަށް
  • މުއްސަނދި ސޭޓުން ވެލާނާގޭގައި އަގެއް ނެތި ބާކީ ކޮށްލި

ވޯރާ ވިޔަފާރިވެރިންގެ ކަންތައް މުޅިން ނިންމަވައިލެއްވީ ރައީސް އިބްރާހިމް ނާސިރެވެ. އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގަ އެވެ. ހަގީގަތުގައި ރާއްޖޭގެ ސިޔާސީ އޮޑީގައި ބަސްވިކޭ ބޭފުޅަކަށް ނާސިރު ވެވަޑައިގަތީއްސުރެ އެމަނިކުފާނަކީ ވޯރާ ވިޔަފާރިވެރިންގެ "ހަތުރެކެ"ވެ. ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއެކު ވޯރާއިންގެ އަމާޒުފަތްގަނޑަކަށް ނާސިރުވެވަޑައިގެންނެވި ފަދައިން އެމަނިކުފާނުގެ އެއް އަމާޒަކަށް ވޯރާ އިން ވެސް ވި އެވެ. ވޯރާ އިން ބޭނުންވީ ނާސިރު "ހައްދާފައި" ބަހައްޓާށެވެ. ނާސިރު ބޭނުންފުޅުވީ ވޯރާ އިން ހުއްޓުވައި ދިވެހި ރާއްޖެ އިން ފައްސާލުމަށެވެ. ކުރީގެ ވެރިންގެ "ބޮލަށްއެރުނު" ގޮތަށް އެމަނިކުފާނު ވިސްނުންފުޅު އަނބުރައިލަން ވޯރާއިން ޖެހި ހުރިހާ މަޅިއެއް ފަނުފުލުން ދުއްވާލި އެވެ.

ވޯރާ ވިޔަފާރިވެރިންގެ "އޮށް" 1857 ގައި ރާއްޖޭގައި އިންދެވީ ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެމީހުންގެ ފުރަތަމަ ފިހާރައަކީ "ދިގު ފިހާރަ" އެވެ. އޭގެ ފަހުން 1904 އަށް ވޭތުވި 47 އަހަރަކީ ވޯރާއިންގެ ހިޔާނާތާއި މަކަރާއި ހީލަތް ހެދުން އންތިހާއަށް އޮތް ދުވަސްތަކެކެވެ. ދެން އައި ދުވަސްތަކަކީ މަކަރާއި ހީލަތާ އެއްވަރަށް ވެރިންނަށް ވައި އަޅުވާ "ރިޝްވަތު ދީގެން" ހޭދަކުރި ދުވަސްތަކެވެ. ނަތީޖާއަކަށްވީ ދިވެހިން "ކައި ހުސްކުރަން" އެމީހުންނަށް ފުރުސަތު ލިބުމެވެ. އެއިރެއްގައި އޮތް ސަރުކާރު ވެސް ބައިވެރިކޮށްގެނެވެ. ހަގީގަތުގައި ބައެއް ވެރިން އެމީހުންނަށް ދަރާފައިވާ ދަރަނީގެ ސަބަބުން ތިއްބެވީ ވޯރާއިންގެ މުށުތެރޭގަ އެވެ. މުޅި ދައުލަތުގެ މައްޗަށް އޮތީ އެމީހުންގެ ބާރެވެ.

ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރަން ފެށިތާ 105 އަހަރު ފަހުން އޯގަސްޓް 1، 1962 ގައި އެމީހުން ރާއްޖޭގައި ވިޔަފާރި ކުރުން މަނާކޮށް ރާއްޖެ އިން ފޮނުވާލެއްވި އިރު ވޯރާ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތް 20 ވަނަ ގަރުނުގެ ކުރީކޮޅުގައި އޮތީ ހިސާބަކަށް ފެށިފަ އެވެ. އެކަންކަން ރާވައި ހިންގެވީ ޝަމްސުއްދީނު ރަދުންނާއި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި މުހައްމަދު އަމީނެވެ. ބައެއް ކަންތައްތައް ހިސާބަކަށް ކާމިޔާބުވި އެވެ. އަނެއް ބައެއް ކަންތައްތައް ދިޔައީ ފުލުންނެވެ.

އިބުރާހިމް ދޮށިމޭނާ ކިލެގެފާނާއި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަކީ "އެއް އުރާގައި އޮތް ދެ ކަނޑި" އެވެ. ނަމަވެސް މާޗު 31، 1925 ގައި އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނަށް ހިތަކަށް އަތް އަނބުރާލަން މަގު ފަހިވި އެވެ. އޭރު ވޯރާ އިން ތިބީ ނަމާދު ކުރާނެ މިސްކިތަކަށް ބޭނުންވެފަ އެވެ. އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އޮތީ އެކަން ކޮށް ނުދެއްވައިފަ އެވެ. ޝީއީ މުސްލިމުންގެ 300 އަށް ވުރެ ގިނަ ވޯރާއިން އޭރު މާލޭގައި ތިބިއިރު އެ އެންމެން ތިބީ ވެރިން ގާތުގައި އަބަދު އެވާހަކަ ދައްކަދައްކަ އެވެ.

މި އެންމެންނަކީ ވެސް ރާފިޒީ ޖަމާއަތުގެ ޝީއީން ކަމަށް މަޝްހޫރު ތާރީހު އިލްމުވެރިޔާ އަބްދުލް ހަކީމު ހުސައިން މަނިކު ލިޔުއްވާފައި އޮވެ އެވެ.

އަބްދުމް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނުގެ ބާރު ގަދަވުމާއެކު ވައި އަޅުވައިގެން މިސްކިތެއް ބިނާކުރާނެ ބިމެއް އެމީހުން ހޯދި އެވެ. އަދި ކުރިމަތިން ބޮޑު ގޯއްޗެއް ވެސް ހޯދި އެވެ. ބޭނުމަކީ އެމީހުންގެ ޖަމާއަތް އެކުވެ އެއްތަނެއްގައި ތިބެގެން ކެއުމަށް ގެއެއް އެޅުމެވެ. އެ ބިމަކީ އެސްޓީއޯ ޓްރޭޑް ސެންޓަރު މިހާރު އެހުރި ބިމެވެ. އެ މީހުން ބިނާކުރި މިސްކިތަކީ ބުންބާ މިސްކިތެވެ. އެއީ މިހާރު ވެސް އެހެރަ ބަންޑާރަ މިސްކިތެވެ. އެ މިސްކިތް އެޅީ 1927 ވަނަ އަހަރު އެވެ.

ބިން ލިބުމުން އެތާނގައި "ތިން ފިހާރަގެ" ކިޔާ ގެއެއް އެޅި އެވެ. އެގޭގައި އެމީހުން ކައްކާ ބޮޑު ކެއްކުންގަނޑަށް ވެސް ކިޔަނީ "ތިން ފިހާރަ ކެއްކުމެ" ވެ. އެ ކެއްކުންގަނޑު އޮންނަނީ ވަލީވެރިއެއްގެ އަހަރުމަތީ ދުވަހުގެ ފާތިހާއެއްގެ ގޮތުގަ އެވެ.

އަބްދުލް ހަކީމް ވިދާޅުވަނީ ކައްކަނީ އިމާމް ހުސައިން ރަލިއަﷲ އަންހު (ކީރިތި ރަސޫލާ އަށް ކަފާވިދާޅުވާ ބޭފުޅެއް) އަށް ތައުޒިޔާ ކިޔުމަށް ކަމަށެވެ. މި ކެއްކުން އޮންނަ ގޮތަކީ ކޮންމެ މުހައްރަމް މަހެއްގެ އެއްވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހާ ހަމައަށް ހެސްކިޔާފައި ކެއްކުމެވެ. ފޮނި އެއްޗެހި ފިސާރި ފޮނި ގަދަކޮށެވެ. ކުޅި އެއްޗެހި ފިސާރި ކުޅިކޮށެވެ. ނަމަވެސް މުޅި ކެއުން ބިނާވެފައި އޮންނަނީ ރާއްޖޭގެ ވެރިންނާއި ސިޔާސީ ގޮތުން ބާރާއި ނުފޫޒުހުރި ފަރާތްތަކަށް އެ ކެއުން ކާންދީ ވައިއެޅުވުމެވެ. ވޯރާ އިން ޖަހާނެހާ ކުޅިއެއް ޖަހަން މަގުފަހިކުރުމެވެ.

ވޯރާ އިން ކައްކާ އެއްޗެހި ބިޔަ ދޮލަނގެއްގައި އަތުރައިގެން ވެރިންގެ ގޭގެއަށް ފޮނުވަ އެވެ. ހާއްސަކޮށް އަތިރީގެ އާއި އަތިރީގެއާގެ އާއި އަތިރީ މާފަންނުގެ އާއި ފަނޑިޔާރު މަނިކުފާނުގެ ގެ އާއި އަތިރީ ފަނޑިޔާރުގެ އާއި ބޮޑު ނައިބުމަނިކުފާނުގެ ގެ އާއި އެނޫން ވެސް ބޮޑުންގެ ގެއަށް ފޮނުވާ ދޮލަނގު ވަކީން ހާއްސަ އެވެ. ސިފައިންގެ ވެރިޔާ އާއި މުހައްމަދު ފަރީދަށް ވެސް ހާއްސަ ދޮލަނގެއް ފޮނުވަ އެވެ. ދޮލަނގު ގައި ނަންހުސްކޮށް މީރު ފޮނިކާ އެއްޗެއްސާއި ބަކަރި ރިހަޔާއި ރަތްމުގުގެ މުގުރިހަޔާ ކޯރާ ހަނޑުލު ބަތް ހުރެ އެވެ. އެހެންކަމުން ވޯރާއިންގެ ދޮލަނގުގެ ރަހައިން ވެރިން ތިބީ އެމީހުންގެ މައްޗަށް ލެނބިފަ އެވެ. ހާއްސަކޮށް ވޯރާއިންގެ އެންމެ ނުފޫޒުގަދަ ނަގަރިޔާ ފިހާރައިގެ ސޭޓް، ނަގަރިޔާ ހަސަންބަހީ ނުވަތަ ނަގަރިޔާ ހަސަންކަލޭފާނަކީ ވެރިންނަށް ވައި އެޅުވުމުގެ ގޮތުން އެއް ވަނަ އެވެ. ވެރިންނާއި ބޮޑުންގެ ގޭގެއަށް ވަނުމުގައި އޭނާއަށް ހުރަހެއް ނޯވެ އެވެ. ވެރިންހާ ބާރުގަދަ އެވެ.

"ރިޝްވަތުގެ ދޮލަނގު" ފަތުރައިގެން އެންމެނަށް އެއިން ކާންދީ ވޯރާއިން ހެވިފައި ތިބިއިރު ވެރިކަމުގެ މަރުހަލާތައް ވެސް އައީ ފުރޮޅެމުން ފުށުންޖެހެމުންނެވެ. އޮކްޓޫބަރު ،14 1932 ގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެފާނު ބޮޑުވަޒީރުކަމުންނާއި ބޮޑުބަނޑޭރިކަމުން އިސްތިއުފާދެއްވި އެވެ. އޭގެ ފަހުން ރައީސް އަމީންގެ ވެރިކަން އިންގިލާބަކުން ނިންމައިފި އެވެ. ގައުމުގެ ރިޔާސަތު "ފަސް އިބްރާހިމަށް" ލިބިއްޖެ އެވެ. އިސްކޮށް ތިއްބަވަނީ އިބްރާހިމް ފާމްލަދޭރި ކިލެގެފާނާއި ވެލާނާގޭ އިބްރާހިމް ދީދީ އެވެ. "ފަސްއިބްރާހީމޭ" ކިޔަނީ އިބްރާހިމް ފާމްލަދޭރި ކިލެގެފާނާއި ވެލޭނާގެ އިބްރާހިމް ދީދީ އާއި އިބުރާހިމް ހަސަންދިދީ އާއި އިބުރާހިމް ފަރީދު ދީދީ އާއި ޝޭހު އިބުރާހިމް ރުޝްދީ، މި ފަސް ބޭފުޅުންގެ މައްޗަށް އޮތް ކޮމެޓީ އަށް ރިޔާސަތު އޮތުމުންނެވެ.

"ފަސް އިބުރާހިމް" ރިޔާސަތުގެ ދަނޑިވަޅުގައި ވޯރާއިން ހެދި ގޮތަކީ މި ބޭފުޅުންގެ ގޭގެއަށް ވެސް ބޮޑު ދޮލަނގު ވެދުން ކުރަން ފެށީ އެވެ. މުހައްމަދު އަމީނަށް ދެރަބަސް ބުނެ "ފަސް އިބިރާހިމަށް" ސަނާ ކިޔަމުންނެވެ. ހާއްސަކޮށް އިބުރާހިމް ފާމްލަދޭރި ކިލެފާފާނަކީ "މަސީހުލް މުލްކު" އޭ ކިޔައި ނަންދީގެން އުޅެގެންފި އެވެ. ވެރިކަމެއް ބަދަލުވާ ކޮންމެ ފަހަރަކު ވެސް މި މަގުން އެމީހުން ކަންކަން ކޮށްފައިވާކަން ތާރީހުން ރީއްޗަށް ފެންނާން އެބަ އޮތެވެ. ވޯރާއިންގެ މައްޗަށް މިހެން ހުރި ވަރަށް ގިނަ ހަގީގަތް "އަދީބުންގެ ދުވަސްވީ ލިޔުންތައް" މި ފޮތްތަކުގެ އަދަދުތަކުގައި ލިޔެފައި ވެސް އެބަ ހުއްޓެވެ.

މުހައްމަދު ފަރީދު ރަސްކަމަށް އިސްވުމުން ބޮޑުވަޒީރަކީ އިބުރާހިމް ފާމުލަދޭރިކިލެގެފާނެވެ. ވޯރާއިންގެ މޮޅު ބަސް އޭނާއަށް އޮއްސަމުން ދިޔައީ ވަރަށް މަތިންނެވެ. އޭރު އޮތީ "ފަސް އިބުރާހިމް" ކޮމެޓީ އުވިފަ އެވެ.

ސިއްހީ ހާލަތު ތަން ނުދޭތީ ބޮޑުވަޒީރު ކަމުން އޭނާ އިސްތިއުފާ ދެއްވައި އެ މަގާމަށް އިބުރާހިމް ނާސިރު އިސްވެވަޑައިގެން އެމަނިކުފާނު ހުންނަވަނީ ވަރަށް ކުޑަ އާދައިގެ ގޮތަކަށް ހުރި ވެލާނާގޭގަ އެވެ. އެ ދަނޑިވަޅުގައި ވޯރާއިން ބޭނުންވީ "އެމީހުންގެ ބޭފުޅަކަށް" ނާސިރު ހަދާށެވެ. އެގޮތުން ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގެން ފަހުން އައި ފުރަތަމަ "ތިން ފިހާރަ" ކެއުމުގެ ދުވަހު ވެލާނާގެ އަށް ބޮޑު ދޮލަނގެއް ވެދުމާ ފޮނުވައިފި އެވެ.

އަބުދުލް ހަކީމް ހުސައިންމަނިކު ވިދާޅުވެފައި ވަނީ ވޯރާ އިން ދޮލަނގު ހިފައިގެން ވެލާނާގެ އަށް ދިއުމުން ސެކްރެޓަރީއެއް މެދުވެރިކޮށް ވަގުތުން ދޮލަނގު އަނބުރާ ފޮނުވާލެއްވި ކަމަށެވެ.

ނަގަރިޔާ ހަސަންކަލޭފާނު އެކަމާ ކަންބޮޑުވެ ހައިރާން ވެގެން ވެލާނާގެ އަށް ގޮސް ނާސިރާ ބައްދަލުވާން އެދުމުން ވެސް ބައްދަލެއް ނުކުރެއްވި އެވެ. ދެއްކި ވާހަކައެއް ދައްކާން ޖެހުނީ ނާސިރުގެ ސެކްރެޓަރީ ގާތުގަ އެވެ.

"ހަސަން ހަބީ [ނަގަރިޔާ ހަސަން ކަލޭފާނު] އަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެ ބޮޑު މުއްސަނދި މީހާއަށް ބައްދަލު ނުވެވުނީ ވަރަށް ޒުވާން، އުމުރުން ހަގު ބޮޑުވަޒީރަކާ އެވެ. އެހެން ވެރިންގެ އަރިހުގައި ވަރަށް މަގުބޫލު، އަދި ބައްދަލުވެ ބޭނުން ވާހަކައެއް ދެއްކޭ މުއްސަނދި ސޭޓް ވެލާނާގޭގައި އެއްވެސް އަގެއްހުރި މީހަކަށް ނުވި އެވެ،" އަބްދުލް ހަކީމާ ލިޔުއްވާފައިވެ އެވެ.

ނާސިރު މިގޮތަށް ކަންތައް ކުރެއްވުމުން ނަގަރިޔާ ހަސަން ކަލޭފާނު ސެކްރެޓަރީ ގާތުގައި އެދުނީ ދޮލަނގު ފަރީއްކުޅުއްވައި ފާތިހާ ކިޔަވާ ވިދާޅުވަން ބޮޑުވަޒީރަށް ދަންނަވައި ދިނުމަށެވެ. ސެކްރެޓަރީ ނާސިރު އަރިހަށް ގޮސްފައި އައިސް ބުނަނީ ވިދާޅުވިޔޭ "އަހަރެން ފާތިހާ ކިޔާކަށް ނުދަންނަމެ" ވެ. އަނެއްކާވެސް ނަގަރިޔާ ހަސަންކަލޭފާނު ބުނަނީ ފާތިހާ ކިޔެވުމަކީ އަލްހަމްދު ކިޔަވާ ވިދާޅުވުން ކަމަށް ބޮޑުވަޒީރު އަރިހުގައި ދަންނަވައި ދިނުމަށެވެ. އަރިހަށް ގޮސްފައި އައިސް ސެކްރެޓަރީ ބުނަނީ ވިދާޅުވިޔޭ "އަލްހަމްދަކީ ހަމަ ކޮންމެ ދިވެއްސަކު ދަންނާނެ ސޫރަތެއް" ކަމަށެވެ. "މާނިކަމެތި ފަގީރުން ބާޒާރުމަތީގައި އުޅޭނެ އެވެ. އެއިން ބަޔަކު އެއްކޮށްފައި ދޮލަނގު ކާލާފައި އަލްހަމްދު ކިޔަން ބުނާށެވެ. މިގެއަކީ ކައިބޮއި އުޅެން ލިބޭވަރުވާ ގެއެކެވެ. މިކަހަލަ ގޭގެއަށް ވުރެ ތިކަހަލަ ކާއެއްޗެހި ބޭނުން ވާނީ ވަރަށް ނުލިބޭ ފަގީރުންނަށެ"ވެ.

ވޯރާއިންގެ ބޮޑު ދޮލަނގު ގަބޫލުނުކުރައްވައި އައިކޮޅަށް ފޮނުވާލެއްވި ވެރިޔަކަށް ނާސިރު ވެވަޑައިގަތުމުން ވޯރާ އިން ތިބީ ލަދުންނާއި ރުޅިން އިސް ޖެހިފަ އެވެ. އޭރު ބޮޑު ދޮލަނގުގެ ވާހަކަ މުޅި މާލެ އަށް މަޝްހޫރުވެ މާލޭގެ އެހެން ގޭގެއިން ވެސް ދޮލަނގު ގަބޫލު ކުރުން ހުއްޓާލައިފި އެވެ. ދޮލަނގާ އެކު "ތިން ފިހާރަ" ގޭގައި ކައްކަމުން އައި "ތިން ފިހާރަ ކެއްކުން" ވެސް އަވަދިވީ އެވެ.