ކުޅިވަރު

ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންގެ މެޗު މިއަދު ހަވީރު

May 29, 2017

ކުރީގެ ކުޅުންތެރިން ކަމަށްވާ، އިބްރާހިމް ނޫރައްދީން އާއި ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު ކަލީމާއޮ ކުރީގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކް (ކުޑަ މޫސަ) އާއި ރާއްޖޭގެ ކުރީގެ އެއް ވަނަ ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އާއި އައްޑޫ ޑީއެންސީ ކުލަބާއެކު 70 ގެ އަހަަރުތަކުގައި ގައުމީ މުބަރާތް ކާމިޔާބު ކުރި، އުދުހޭ މުފީދު މެންގެ ކުޅުން، މިހާރުގެ ޒުވާނުންނަކަށް ނުފެންނާނެ އެވެ.

މަތީގައި ފާހަގަ ކުރި، ބައެއް ނަންތަކަކީ، ޓީމު ކުޅިވަރަކުން، އެންމެ ފުރަތަމަ ގައުމަށް ރިހި މެޑަލް ގެނައި ކުޅުންތެރިންނެވެ. ޕާކިސްތާންގެ ލާހޫރުގައި 1991 ވަނަ އަހަރު ބޭއްވި ސާފްގޭމްސްގައި ރިހި މެޑަލް ހޯދި ޓީމުގެ ކުޅުންތެރިން ނެވެ. މާދަމާ ފަށާ ވެޓަރަންސް މުބާރާތުގެ ކުރިން ކުޅޭ އެގްޒިބިޝަން މެޗުގެ ގޮތުގައި މިއަދު އޮތީ، މިހާރު އުމުރުން 50 އިން މަތީގައި ތިބި މި ކުޅުންތެރިންގެ، ހާއްސަ މެޗެވެ.

އޭރުގެ ކުޅުންތެރިން ދެ ޓީމަކަށް ބަހާލައިގެން، ރަތް ޓީމާ ހުދު ޓީމު ކުޅޭ މެޗުގައި، އެ ކުޅުންތެރިންގެ އޭރު ހުރި "ޓަފްނެސް" ނުފެނުނަސް، ދަނޑުމަތީގައި، އެ ކުޅުންތެރިން، އޭރު ދެއްކި ފުޓްބޯޅައިގެ ޓެކްނިކަލް ޑިސިޕްލިން ފެނިގެން ދާނެ އެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ، މިހާރު އުމުރުން 60 ގައި އުޅޭ ފަރާތްތަކެވެ.

ދިވެހި ފުޓްބޯޅައިގެ އެކްސްޕާޓުން ބުނާ ގޮތުން، ފުޓްބޯޅައިން، ދިވެހިން ރަން މެޑަލްއަށް ފެންބޮވައިގަތީ ޕާކިސްތާންގެ ސާފް ގޭމްސްގައި ރިހި މެޑަލް ލިބުނު ހިސާބުން ނެވެ. އެ ހުރިހާ ޝުކުރެއް ހައްގު ވަނީ އެ ކާމިޔާބާ ހަމަޔަށް، ދިވެހިން ގެންގޮސްދިން އޭރުގެ ޓީމުގެ ކުޅުންތެރިން ނަށެވެ.

އެ ކުޅުންތެރިންގެ ކުޅުން ބަލާލުމުގެ ފުރުސަތު، މިހާރުގެ ޒުވާން ކުޅުންތެރިންނަށް ލިބިދޭނެ ފުރުސަތަކީ، މިއަދުގެ މެޗެވެ. ކުޅިވަރު އެކުވެނީގެ ޓާފް ދަނޑު 1 ގައި ކުޅޭ މި މެޗު ފަށާނީ، މިއަދު ހަވީރު ފަހެއް ޖަހާއިރު އެވެ.