ކުޅިވަރު

ބާސާގެ އާ ކޯޗަކަށް ވަލްވެރުޑޭ

May 29, 2017

ބާސެލޯނާގެ އާ ކޯޗަކަށް މި ސީޒަންގައި އެތުލެޓިކް ބިލްބާއޯގެ ކޯޗަކަށް ހުރި އެރުނެސްޓޯ ވަލްވެރުޑޭގެ ނަން އިއުލާން ކޮށްފި އެވެ.

ބާސެލޯނާގެ ރައިސް ޖޯސެފް މާރިއާ ބާޓަމޮއު ވަނީ، އާ ކޯޗަކީ ވަލްވެރުޑޭކަން މީގެ ކުޑައިރު ކޮޅެއް ކުރިން އިއުލާން ކޮށްފަ އެވެ. ނަމަވެސް، ބާސާގެ ކޯޗުގެ ގޮތުގައި ވަލްވެރުޑޭ ރަސްމީ ކޯށް ތާރަފު ކުރުން އޮންނާނީ ދުވަސް ކޮޅެއް ފަހުން ކަމަށް ސްޕެއިންގެ މާސާއިން ބުނެ އެވެ.

ބާސާގެ ކޯޗަކަށް ގެނައުމަށް، އެޓީމުން ބޭނުން ވަނީ، އެ ޓީމަށް މީގެކުރިން ކުޅޭފައިވާ ކުޅުންތެރިޔެކެވެ. އެ ޝަރުތު ވަލްވެރުޑޭގެ ކިބައިގައި ހަމަވެ އެވެ. ތިން އަހަރަށް ފަހު، ބާސާ ދޫކޮށްލާފައިވާ ކޯޗް، ލުއިސް އެންރީކޭ ބާސާގައި ކޯޗް ކޯށްދިނީ، ދުނިޔެގޭ ފެންވަރުގެ ސްކޯޑަކަށެވެ. ނަމަވެސް، މި ސީޒަންގެ ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގް ބާސާއަށް ނުލިބުމުން، އެޓީމުގައި އެންމެ ހެޔޮވަރުގެ ސްކޮޑެއް ނެތްކަން، އެންމެން އެއްބަސް ވެއެވެ.

މިއަދު ބާސާގެ ކޯޗްކަމާ ހަވާލުވި ވަލްވެރުޑޭ އަށް އޮތީ ޓީމެއް ބިނާ ކުރުމުވެ. ބާސާގައި، ދުނިޔޭގެ ފެންވަރުގެ ފޯވަޑް ލައިނެއް އެބައޮތެވެ. އެންމެ ބޮޑަށް އިސްކަން ދޭން ޖެހިފައި ވަނީ، ޓީމުގެ މެދުތެރެއަށާއި ޑިފެންސަށެވެ. އާ ކޯޗް ބޭނުންވާ ސްޓައިލަށް މެދުތެރެއާއި ފަހަތް ބިނާ ކުރުމަށް ބާސާއިން ފުރުސަތު ދޭނެ އެވެ. އެ ސިސްޓަމަށް ބައްޓަން ކުރަން ބޭނުންވާ ކުޅުންތެރިން ގެނައުމުގައި އާ ކޯޗްގެ ޕްލޭނަށް ފެތޭ ކުޅުންތެރިން ގެނައުމަށް ބާސާގެ މެނޭޖްމެންޓުން އޮތީ ތައްޔާރަށެވެ.

ވަލްވެރުޑޭ އަކީ، ޔޫރަޕްގައި މާ މަޝްހޫރު ކޯޗެއް ނޫނެވެ. ނަމަވެސް، ދުނިޔޭގެ އެންމެ މަސްއޫލިއްޔަތު ބޮޑު ކޯޗިން ވަޒީފާއާ ހަވާލުވާއިރު، ވަލްވެރުޑޭގެ ކޯޗިން ފިލޯސަފީއަށްވެސް ބަދަލު ގެންނަން ޖެހެ އެވެ. ބަސާއަކީ، ބޯޅަ ކޮންޓްރޯލް ކޮށްގެން ތިރިން ޕާސް ޖަހައިގެން ކުޅޭ ޓީމެކެވެ. ނަމަވެސް، އެތުލެޓިކް ބިލްބާއޯގައި ވަލްވެރުޑޭ ބޭނުން ކުރަނީ، ވަރުގަދަ އަށް ވިއްދައިގެން ކުޅޭ ޑިފެންސިވް ގޭމެކެވެ.

އުމުރުން 53 އަހަރުގެ ވަލްވެރުޑޭ، އަކީ ސްޕެނިޝް ލީގްގައި މަސައްކަތް ކުރާ، ސްޕެއިންގެ ކޯޗުންގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓެކްޓީޝަނެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން، ބިލްބާއޯ ވަނީ 2015 ވަނަ އަހަރު ބާސާ މައްޗަށް 5-1 ގެ އެގްރިގޭޓުން ކާމިޔާބު ހޯދައި، ސްޕެނިޝް ސްޕަކަޕް ބިލްބާއޯ އަށް ހޯދައިދީފަ އެވެ.

ވަލްވަރުޑޭގެ ޓެކްނިކްސްތަކާ މެދު، ބާސާގެ ޓެކްނިކަލް ޓީމުގެ ހިތްހަމަ ޖެހުންވެސް އެބައޮތެވެ. ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓާ ރޮބަޓް ފެނާންޑޭޒް ގަބޫލު ކުރާ ގޮތުގައި، ވަލްވަރުޑޭގެ ކިބައިގައި ސްޕެނިޝް ލީގްގެ ތަޖުރިބާ ބޮޑުވުމަކީ، ޕްލަސް ޕޮއިންޓެކެވެ.

ބާސާއިން ވަނީ މިގެ ކުރިންވެސް ވަލްވެރުޑޭ ގެންނަން މަސައްކަތް ކޮށްފަ

ޕެޕް ގާޑިއޮލާއަށް ފަހު، ބާސެލޯނާގެ ކޯޗްކަން ހަވާލު ކުރީ، އާޖެންޓިނާގެ ޓަޓާ މާޓިނޯ އަށެވެ. ނަމަވެސް، އޭނާއާ އެކު 2013/2014 ގެ ސީޒަން ކާމިޔަބު ކަމާއެކު ނުދިއުމުން، މަޓިނޯވެސް އަމިއްލައަށް އޭނާގެ ވަޒީފާ ދޫކޮށްލި އެވެ. އެއަށްފަހު، ބާސާގެ ކޯޗް ކަމަށް ގެނައުމަށް ބާސާއިން ވަލްވެރުޑޭއާވެސް ވާހަކަ ދެއްކި އެވެ. ނަމަވެސް، ބާސާއިން އެފަހަރު ފުރުސަތު ދިނީ، ކުރީގެ ކޯޗް ލުއިސް އެންރީކޭ އަށެވެ.

މި ސީޒަންގައި، ބާސާއިން ވަނީ އެންރީކޭ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއި ކުރަން މަސައްކަތް ކޮށްފަ އެވެ. ނަަމަވެސް، އެންރިކޭ ފަރާތުން ޖަވާބެއް ނުލިބުމުން، ބާސާއިން އަނެއްކާވެސް ވަލްވެރުޑޭއާ ވާހަކަ ދެއްކި އެވެ. އަދި ބިލްބާއޯގެ އިތުރު ކޮންޓްރެކްޓްއްގައި ސޮއި ނުކުރުމަށް ބާސާގެ އޮފިޝަލުން، ވަލްވެރުޑޭ ގާތުން އެދުނެވެ. ބާސާގެ ކޯޗްގެ ގޮތުގައި އެންރީކޭ އަންނަ ސީޒަންގައި ނުހުންނާނެ ކަމަށް އިއުލާން ކުރުމުން، ބާސާގެ ކޯޗަކަށް އަންނަން ތައްޔާރުވުމަށް، ވަލްވެރުޑޭއަށް ބާސާއިން އިޝާރާތް ކުރި އެވެ.

ވަލްވެރުޑޭ ހަވާލުވެ ޓީމުން ދޫކޮށްލާނެ ކުޅުންތެރިންނަކީ ކޮބަ؟

އަރުދާ ތުރާން އާއި ޖެރުމީ މެތިއު މިހާރުވެސް ތިބީ، ޓީމުން ދޫކޮށްލާނެ ފައްތަރެއްގަ އެވެ. މި ސީޒަންގައިވެސް، މި ދެ ކުޅުންތެރިންނަށް ފުރުސަތު ދީފައި ވަނީ މަދުން ނެވެ. ފުރަތަމަ 11 އިން ފުރުސަތު ލިބުނީވެސް ނިސްބަތުން މަދު މެޗުތަކަކުން ނެވެ.

އަދި ހާވިއޭ މެޝަރާނޯ އާއި ލޫކަސް ޑިނޯ އާއި ޖަރާޑް ޑިލޯފޫއާއެކު، ބާސާގެ ކުރިމަގާ ބެހޭގޮތުން، ވަލްވެރުޑޭ ވާހަކަ ދައްކާނެ އެވެ. ސްޕެނިޝް ކަޕްގެ ފައިނަލުގައި ލިބުނު އަނިޔާއާ ގުޅިގެން މެޝަރާނޯ ހަ ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. ވަލްވެރުޑޭގެ ޕްލޭންގައި، މެޝަރާނޯ ހިމެނެނީ ކިހާވަރަކަށް ކަމެއް ނޭންގެ އެވެ.

ބާސާއަށް ގެންނާނީ ކޮންކުޅުންތެރިންނެއް

ލުއިސް އެންރީކޭއާ ޓީމު ހަވާލު ކޮށްފައި ވެސް، އޭނާ ބޭނުންވާ ކުޅުންތެރިން ގެނައުމުގެ ފުރުސަތު ބާސާއިން ދިނެވެ. މިގޮތުން، އެންރީކޭ ހެދި، އެންމެ ބޮޑު ޓްރާންސްފާ ޑިލްތަކަކީ، ލިވަޕޫލުގައި ހުރި، އުރުގުއޭގެ ފޮވަޑް ލުއިސް ސުއަރޭޒް އާއި ސެވިއްޔާގެ މިޑްފީލްޑާ އީވާން ރެކިޓިޗް އެޓީމަށް ގެނައުމެވެ.

އޭނާ ބޭނުންވާ ގޮތަށް ކުޅުންތެރިން ގެނައުމުގެ ފުރުސަތު ވަލްވެރުޑޭއަށް ވެސް އެބައޮތެވެ. އޭނާ ގެންނާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި، ލިވަޕޫލްގެ ބްރެޒިލްގެ ފޯވަޑް ފިލިޕޭ ކްޓޫނިއޯ ހިމެނެ އެވެ. މީގެ ކުރިންވެސް، ކްޓޫނިއޯ އާއި ބާސާއާ ގުޅުވައި ވާހަކަތައް ދައްކާފައި ވެއެވެ.

މީގެ އިތުރުން، ޑިފެންސް ވަރުގަދަ ކުރުމަށްޓަަކައި ބާސާގެ ޔޫތު ޓީމުން، ކެރިއާ ފެށި އާސެނަލްގެ މިހާރުގެ ކަނާތު ބެކް، ހެކްޓާ ބެލެރިން އާއި ޗެލްސީގެ ޑިފެންޑަރު ސޭޒާ އަޒްޕިލިކްއޭޓާ ގެންނާނެ ވާހަކަތައްވެސް ވަނީ ގަދަ ވެފަ އެވެ. މީގެ އިތުރުން، ލުއިސް އެންރީކޭ މަގާމު ފޫބައްދަން، ޕީއެސްޖީއަށް ކުޅެމުންދާ އިޓަލީގެ މިޑްފީލްޑާ މާކޯ ވެރާޓީ ގެނައުމަށް ބާސާއިން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ގަދަ ވެފަ އެވެ.