ރޯދަ މަހާ ރޯއްޖާ

ޝަފީގު: މާލީ ތައުލީމް ފެތުރުމުގައި ކުރިޔަށް

May 31, 2017
8

އިގްތިސާދު ފުޅާވެ، ތަރައްގީ ވަމުންދާއިރު އިގްތިސާދީ އިލްމު މިވަނީ ފަތުރަން ޖެހިފަ އެވެ. މި ދާއިރާއިން މީހުން ބިނާ ކުރަން މަޖުބޫރެވެ. އެކަމަށް ބޭނުންވަނީ ތަޖުރިބާހުރި މީހުންނެވެ. މިއީ ކަމަށް ފޫގަޅާލައިގެން ހުންނެވި މަސައްކަތްތެރިއެކެވެ. ހައުސިން ޑިވޮޕޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ހެޑް އޮފް ފައިނޭންސް އެންޑް ބިޒްނަސް ޑިވްލޮޕްމަންޓުގެ މަގާމު ފުރަމުން ގެންދާ މުހައްމަދު ޝަފީގު ހުންނެވީ މި މަސައްކަތަށް ނުކުންނަވަ އެވެ.

"އަބަދު ވެސް ޓްރެއިން ދީ، މީހުން ބިނާ ކުރަން ބޭނުން ވޭ. އެހެންވެ އެންމެ ކުރިން ފެށިގެންވެސް ކިޔަވައި ދިނުމުގައި އުޅެނީ. އެންމެ އުފާވަނީ އެނގިފައި ހުރި އެއްޗެއް އެހެން މީހަކަށް އުގަންނައި ދެވުނީމަ،" ޝަފީގު ވިދޅުވި އެވެ.

ޝަފީގު ސްކޫލް ދައުރު ފުރިހަމަ ކުރެއްވީ އަހުމަދިއްޔާ ސްކޫލުންނެވެ. އޭގެ ފަހުން އެސްއީސީއައި މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވި އެވެ. އޭގެ ފަހުން ތައުލީމް ހާސިލް ކުރެއްވީ ފެކަލްޓީ އޮފް މެނޭޖުމަންޓް ކޮމްޕިއުޓިންގަ އެވެ. އަދި އެއަށްފަހު މަތީ ތައުލީމު ހާސިލް ކުރައްވަން ބޭރަށް ވަޑައިގެންނެވި އެވެ.

މެލޭޝިޔާގެ ހެލްޕް ޔުނިވާސިޓީ ކޮލެޖުގައި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ޕްރޮގްރާމެއް ކަމަށްވާ، އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ޑިގްރީ އެއް ފުރިހަމަ ކުރައްވައި އޭގެ ފަހުން މާސްޓާސް ފުރިހަމަ ކުރެއްވި އެވެ. އަދި މެލޭޝިޔާގައި އެސޯސިއޭޝަން އޮފް ޗާޓެޑް ސެޓިފައިޑް އެކައުންޓެންޑް (އޭސީސީއޭ) ފުރިހަމަ ކުރެއްވި އެވެ.

ޝަފީގުގެ ފުރަތަމަ ވަޒީފާ އޮތީ ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން (ޝީ) ގަ އެވެ. އެތަނުގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރު ކަމާއި ފައިނޭންސް ޑައިރެކްޓަރުކަން ފުރިހަމަ ކުރެއްވައި އޭގެފަހުން، ވަޒީފާ އަދާ ކުރަން ފެއްޓެވީ ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެންމެ ފުންނާބު އުސް އެއް ކުންފުނި ކަމަށްވާ، އެޗްޑީއެފްސީގަ އެވެ. މި ކުންފުނީގެ ވަޒީފާ އަށް ނުކުންނެވީ 2009 ވަނަ އަހަރު އެވެ. ފުރަތަމަ އަދާކުރެއްވީ ކުންފުނީގެ އެކައުންޓެންޓެއްގެ ވަޒީފާ އެވެ. އޭގެފަހުން އެ ކުންފުނީގެ އެކި ވަޒީފާތަކުގައި ގޮސް މިހާރު އަދާކުރައްވަމުން ދަނީ އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަގާމުގަ އެވެ.

ޝަފީގުގެ ޝައުގުވެރިކަން ހުއްޓިފައިވާ ދާއިރާއަކީ ތައުލީމް ދިނުމެވެ. ހާއްސަކޮށް މާލީ ދާއިރާގެ އެކި ކޯސްތައް ފަރުމާކޮށް ހިންގުމަކީ ކުރާ ކަމެކެވެ. މިގޮތުން ޝަފީގުއަކީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ ކުދިން ކިޔަވަމުން ގެންދާ އަމިއްލަ ކޮލެޖު ކަަށްވާ ވިލާ ކޮލެޖުގައި ވެސް އޭނާ ދަނީ މާސްޓާސް ޕްރޮގްރާމްތައް ހިންގަމުންނެވެ. މި ކޯސްތަކުގައި އޭނާ ކިޔަވައި ދެއްވަނީ ބޭރުގެ ބޮޑެތި ޔުނިވާސިޓީތައް ގަބޫލުކުރާ މީހެއްގެ ގޮތުގަ އެވެ. ޝަފީގަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ ޔޫއީ ޔުނިވާސިޓީގެ އިތުރުން އޮސްޓްރޭލި އަން އިންސްޓިޓިއުޓް އޮފް މެނޭޖުމަންޓް ގަބޫލުކުރާ ލެކްޗަރާ އެކެވެ.

ވިލާ ކޮލެޖުގައި މާސްޓާސް ކޯސްތައް ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ހުއްޓުމެއް ނެތި ކިޔަވައިދެއްވަ އެވެ. މީގެ އިތުރުން ފައިނޭންސް ދާއިރާ އިން ކުންފުނިތަކާއި ރިސޯޓުތަކަށް މުހިންމު ގިނަ ތަމްރީން ތަކެއް ވެސް ދެއްވަ އެވެ. އަދި މީހުން ބިނާ ކުރަން އިންޑިވިވިޖުއަލް ތަމްރީންތައް ދެއްވަ އެވެ. އޭނާ ވަނީ ރާއްޖޭގައި ބޭއްވި ފުރަތަމަ ފްރެންޗައިޒް ޝޯ، "މޯލްޑިވިއަން އައިޑޮލް" ގެ ތަރިންނަށްގެ ސެލްފް ޑިވްލޮޕްމަންޓް މުހިންމު ތަމްރީންތަކެއް ވެސް ދެއްވާފަ އެވެ.

"ހަމައެކަނި ފައިނޭންސެއް ނޫން. މީގައި އިންނާނެ ދެ ގޮތެއް. އެއް ގޮތަކީ މީހާ އިފެކްޓިވް މީހަކަށް ވާން. މޯލްޑިވިއަން އައިޑޮލްގައި ވެސް އެފަދަ ތަމްރީންތަކެއް ދިނީ. މޯލްޑިވިއަން އައިޑޮލްގައި ދިނީ ޕްރޮފެޝަނަލް ސްކިލްސް ދިނުން. މި ޒަމާނުގައި އެންމެ މުހިންމު އެއް ކަމަކީ ނެޓްވޯކްއިން. މިކަމުގައި ރެޕިއުޓޭޝަން މެއިންޓެއިން ކުރާނެ ގޮތް އައިޑޮލްގެ ކުދިންނަށް ކިޔަވައި ދެވިފައިވާނެ،" އެޗްޑީއެފްސީގައި އުޅެމުން ދާތާ 10 އަހަރު ފުރެން ކައިރިވެފައިވާ ޝަފީގު ވިދާޅުވި އެވެ.

"އެންމެ އުފާވަނީ އެނގުނު ނޮލެޖެއް އެހެން ބަޔަކަށް ނޫނީ މީހަކަށް ފޯރުކޮށްދެވޭތީ. މި ދާއިރާއަކީ އެންމެ މަސައްކަތް ކުރާ ހިތްވާ އެއް ދާއިރާ."

ޝަފީގު ގަބޫލު ކުރައްވާ ގޮތުގައި ފައިނޭންސް ދާއިރާއަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ މީހުން ބޭނުންވާ އެއް ދާއިރާ އެވެ. މީގެ ސަބަބެއް ކަމަށް ވަނީ މި ދާއިރާގައި ގިނަ އަދަދެއްގެ ބޭރު މީހުން ވަޒީފާތަކުގައި އުޅުމެވެ.

"މި ތިބެނީ ކޮންމެ ވެސް މިތާ ކައިރި ގައުމެއްގެ ބަޔަކު. އެހެންވެ ހިތައް އެރީ މިއީ ވަރަށް ރަނގަޅު ދާއިރާއެކޭ މީހުން ތަމްރީން ކުރަން،" ރާއްޖޭގައި އޮޑިޓް ކުރުމުގެ ލައިސަންސް ވެސް އޮތް،" ޝަފީގު ވިދާޅުވި އެވެ.

"ރާއްޖޭގައި ފަންޑުތައް ވެސް ވަރަށް މަދު. ވަރަށް ފަހުން ޓެކްސް ވެސް އޮޓިޑިންގެ ތެރެ އަށް ދިވެހިން ވަންނަނީ. ނަމަވެސް މިހާރު ދިވެހިން ވެސް މީގެ ތެރެއަށް ވަރަށް ގިނައިން ވަދޭ. މުސްތަގުބަލުގައި ބައިވަރު ވަރަށް ގިނަ ވަޒީފާ ތަކެއް އުފެދިގެން ދާނެ."

ޝަފީގު އެންމެ ހިތްހަމަ ޖެހި ވަޑައިގަންނަވަނީ އޭނާ ކިޔަވައިދެއްވާ ދަރިވަމުން ރަން ވަނަތައް ހޯދާ ތަން ފެނިވަޑައިގެންނެވުމުންނެވެ. އެކަން ދަނީ ފުރިހަމަ ވަމުންނެވެ.

ޝަފީގު މި ހިސާބަށް ވަޑައިގެންނެވުމުގެ ސިއްރަކީ ޝައުގުވެރިކަމާއެކު މަސައްކަތް ކުރެއްވުމެވެ. ޝަފީގަކީ އަބަދު ވެސް އެނގޭ އެއްޗެއް އެހެންމީހުންނަށް އުގަންނައިދޭން އިސްކަން ދެއްވާ ބޭފުޅެކެވެ.