ރޯދަ މަހާ ރޯއްޖާ

އަތުނުވެ ދެވުނުތަ؟ މިގެންދަނީ މަރަން!

May 30, 2017
14
  • އުތުރަށް ފޮނުވި ސުލްހައިގެ މަންދޫބުން ރަހީނު ކުރި
  • އެންމެ ރުޅި އައީ 500 ބިޑި ގެންދިޔަ ކަމަށް ހީކޮށް
  • ގަޑުބަޑުގެ ދަތުރު ރާވާފައި އޮތީ ވަރަށް ފުރިހަމައަށް

ދެހާސް ހަތަރަކުން ފެށިގެން ރާއްޖޭގައި ހިނގައިގަތް "ޑިމޮކްރެޓިކް މޫވްމަންޓް" ގެ ތެރޭ ސަރުކާރުގެ އޮފިޝަލުންނާއި ވަޒީރުންނާއި އެނޫން ވެސް އެފަދަ ވެރިން ބިރުގެންނެވުމާއި ރަހީނުކުރުން ފަދަ ކަންކަން ފެންމަތިވި އެވެ. މީހުންނަށް އެކަންކަމުން ސިހުމާއި ހައިރާންކަން ލިބުނެވެ. އެހެންނަމަވެސް ތާރީހުގެ ތެރެއަށް ޖެހިލާއިރު އެފަދަ އެތައް ކަމެއް ރާއްޖޭގައި ކުރިން ވެސް ހިންގާފައިވެ އެވެ. އޭގެ އެއް ކަމަކީ މީގެ 74 އަހަރު ކުރިން، 1943 ވަނަ އަހަރު ފެންމަތިވެގެން އައި "އުތުރު ގަޑުބަޑު" ނުވަތަ "ބޮޑު ތިލަދުން މަތީ" ބަޣާވާތުގައި މީހުން މާލެ އައުމުގެ ހަބަރު ރަސްމީ ސިފައިގައި ދިވެހި މާލެއަށް ލިބުމުން ގަޑުބަޑު ސުލްހަ ކުރަން ސަރުކާރުން ފޮނުވި "ސުލްހައިގެ ދެ މަންދޫބުން" ކުޅުދުއްފުށީގައި ބަންދު، ނުވަތަ "ރަހީނު" ކުރި ކުރުމެވެ.

ގަޑުބަޑުގެ ހަބަރު ރަސްމީކޮށް ސަރުކާރަށް ލިބުނީ ފެބްރުއަރީ 1943 ގައެވެ. މި ހަބަރާ އެކު މާލޭގައި ސަލާމަތާއި ދިފާއު ވަރުގަދަކޮށް އަދި "ޕީސް ޓޯކްތައް" ބާއްވަން އޭރުގެ ވެރިޔާ މުހައްމަދު އަމީނު ނިންމެވި އެވެ. އެ ގޮތުން ސުލްހައިގެ ދެ މަންދޫބުންގެ ގޮތުގައި ޝޭހު މުހައްމަދު ޖަމީލާއި މަލިން މުހައްމަދު ދީދީ ތިލަދުންމައްޗަށް ފޮނުއްވި އެވެ. މި ދެ ބޭފުޅުންނަށް އެ ފުރުސަތު ލިބިވަޑައިގަތީ ބޮޑެތި މައްސަލަތައް ހަމަޖެއްސުމަށް އަތޮޅުތަކަށް އެދުވަސްވަރު ފޮނުވާ ދެ ބޭފުޅުންނަކީ އެއީ ކަމަށް ވާތީ އެވެ.

ރަށްރަށަށް އެ ދެ ބޭފުޅުން ކުރައްވާ ދަތުރުތަކުގައި ރައްޔިތުންގެ ހާލު ބެލުމާއި ނަސޭހަތް ދިނުމާއި ރަނގަޅު އިންތިޒާމަކުން ކާޑު ހަމަޖެއްސުމަކީ މައިގަނޑު މަސައްކަތެވެ. ނަމަވެސް ފެބުރުއަރީ، 1943 ގައި މި ދެ ބޭފުޅުން އުތުރަށް ފޮނުއްވީ އުތުރު ގަޑުބަޑުގެ މައި ރަށް ކުޅުދުއްފުށީގައި ސުލްހައިގެ ވާހަކަަތައް ކުރިޔަށް ގެންދިއުމަށެވެ.

ޖަމީލާއި މަލިން މުހައްމަދު ދީދީ ސުލްހައިގެ މަންދޫބުންގެ ގޮތުގައި ފުރާވަޑައިގަތީ ފެބުރުއަރީ ،22 1943 ގަ އެވެ. އޭރު ހަބަރު ލިބިފައި ވަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ މާލެ އައުމަށް އުތުރުގެ ރައްޔިތުން އުތުރި، ކެކިއަރަމުންދާ ކަމަށެވެ. ހަބަރު އައި އަނެއް ގޮތަކީ ގަޑުބަޑުގެ ވަރު ކެނޑި އެއީ ކުރެވުނު މޮޔަކަމެއްގެ ގޮތުގައި ބަލައި އެ ހަރަކާތް ނިމިއްޖެ ކަމަށެވެ. ހަގީގަތަކީ ބޮޑު ތިލަދުންމަތީގައި ހުޅުރޯވެފައި އޮތުމެވެ. ސަރުކާރަށް އެކަން ރަނގަޅަށް ފިލާފައި ނެތީ އެވެ.

ސުލްހައިގެ މަންދޫބުން ފުރަތަމަ ވަޑައިގަތީ ހދ. ވައިކަރަދުއަށެވެ. އެރަށުގެ މީހުންނަށް ނަސޭހަތް ދެއްވުމަށް ފަހު ވަޑައިގަތީ ނޮޅިވަރަށްފަރަށެވެ. ސުލްހައިގެ ވާހަކަތައް ކުޅުދުއްފުށީގައި ފެށުމުގެ ޕްލޭން ރޭވުނީ ނޮޅިވަރަންފަރުގަ އެވެ.

ޖަމީލާއި މަލިން މުހައްމަދު ދީދީ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވީ ހުކުރު ދުވަހެއްގެ ހުކުރު ވަގުތަށް ދެވޭ ވަރަށް ރާވައިގެނެވެ. އެހެން ހެދީ އެއީ ރަށުގެ ހަލަބޮލިކަން ކުޑަވާނެ ވަގުތެއް ކަމަށް ބަލައިގެނެވެ. ކުޅުދުއްފުއްޓަށް ދަތުރުކުރި އިރު ވަދާ ނުކުމެ އުޅޭ ދޯންޏެއް ވަރަށް ކައިރީގައި އުޅެފައި ޖަމީލުމެނަށް ވުރެ ކުރިން ކުޅުދުއްފުއްޓަށް ވަދެއްޖެ އެވެ. ހަގީގަތުގައި އެއީ ވަދުދަމާ ދޯންޏެއް ނޫނެވެ. ކަނޑުމަތި ބަލަހައްޓަން ފޯރިމަރަމުން ދިޔަ ދޯންޏެކެވެ.

ސުލްހައިގެ މަންދޫބުން ކުރެއްވި ލަފަޔާ ހިލާފަށް ކުޅުދުއްފުށީ ފަޅަށް ވަދެވުނީ ހަތަރެއް ވެސް ޖެހި ފަހުންނެވެ. އެއިރު އަތިރިމަތީގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް ދޯނި ގޮނޑުދޮށާ ކައިރިވުމާއެކު މަންޒަރު ބަދަލުވެ ރައްޔަތް އަޮތް ގޮތަށް ނުކުންނަން ފެށި އެވެ. ކޮނޑަށް ކަނދުބުރިތައް ލައިގެން ނުކުތް ރައްޔިތުންގެ ކޮމާންޑަރަކަށް ހުރީ ކުޅުދުއްފުށީ އަލަވަލު މޫސަ އެވެ.

ރައްޔިތުން ނުކުތުމާ އެކު އަލަވަލު މޫސާ ކޮމާންޑް ކުރަން ފެށި އެވެ. އޭނާ ގޮވައިލީ "މަރަކީ އެއް ފަހަރުވާ ކަމެކެވެ. ވިހާނީ ވެސް އެއް ދުވަހު އެވެ. ތިބޭނެ ކަމެއް ނެތެވެ. އަރައިގަންނަންވީ އެވެ. ދޯނި ދަމައިގަންނާށޭ" އެވެ. އެމީހަކަށް ލެވުނު ހަޅޭކެއް ލަވާއިރު ކިޔާ އެއްޗެއް ސާފެއް ނުވެ އެވެ.

ޖަމީލު، އެ މަނިކުފާނުގެ "ތިލަދުންމަތީ ދަތުރުގެ ހަނދާން" އެ ފޮތުގައި ލިޔުއްވާފައި އޮންނަ ގޮތުގައި މަންޒަރު ބައްލަވަން ހުންނަވާފައި ދޯނީގެ ދިރުބާކޮޅަށް އަރުއްވައި ރުޅި މަޑުކުރުމަށާއި އަޑުގަދަ ނުކުރުމަށް އެދިވަޑައިގަތެވެ. އަދި އެމަނިކުފާނާއި މަލިން މުހައްމަދު ދީދީ އަކީ ދެކޮޅުވެރިވެގެން ވަޑައިގެންނެވި ބައެއް ނޫން ކަމަށާއި ސަރުކާރުން ފޮނުވީމާ ވާހަކަ ދައްކާލަން ވަޑައިގަތީ ކަމަށް އަޑުގެ ކޮޅަށް ގޮވީމާ ވެސް ފައިދާއެއް ނުކުރި އެވެ. އޭގެ ބަދަލުގައި ގޮވަން ފެށީ "ކޮން ވާހަކައެއްހޭ ދަމައިގަންނާށޭ ދޯނިގަނޑު އެހެލާށޭ" އެވެ.

"ކުޅަނދުރުތަކެއް" ފަދައިން ތިބި ކުޅުދުއްފުށީ ރައްޔިތުން އުޅެގަތް ގޮތުން ސުލްހައިގެ މަންދޫބުން ތިއްބެވި ދޯންޏަށް މަޖުބޫރުވީ އަނބުރާލާފައި އައިކޮޅަށް ދާށެވެ. ޖަމީލު ވިދާޅުވެފައި އޮންނަނީ ދެންވާ އަރައިގެންފާނެހެން ހީވި ވަގުތު ދޯނި ފުންކޮށް ބާރަށް ފަލި ޖަހައިގަތީ ކަމަށާއި ދޯނި އަތުލައިގަތުމަށް މޫދަށް އެރިގަތް މީހުންގެ އަތު ނުޖެހެނީސް ބޭރުކޮށްލެވުނީ ނަސީބަކުން ކަމަށެވެ. އެއިރު ވެސް އެރަށު ކުޑަ ޚަތީބު އާދަނު އެއްގަމުގައި ހުރެގެން ދޯނިފަހަރުގައި އަވަހަށް ނުކުތުމަށް ރައްޔިތުންނަށް އަތުން އިޝާރާތް ކުރަމުންދެ އެވެ.

ބައެއް ލިޔުންތަކުގައި ސުލްހައިގެ ވަފުދު ތިބި ދޯންޏަށް ނުކުމެގެން ނުދެވުނު ކަމަށާއި ފަޅުތެރޭން އަތުލައިގަނެ ޖަމީލުމެންނާ އެކު އަންބާކިޔާފައި ރަށުގެ މެދަށް އެހެލީ ކަމަށް ހުރެ އެވެ. ނަމަވެސް އެއީ އެކަން ހިނގާފައިވާ ގޮތްކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެތް ނެތެވެ. މިހާދިސާ ހިނގާފައިވަނީ އެހެން ނޫންކަން ގައުމީ މަރުކަޒުން ކޮށްފައިވާ ދިރާސާތަކުންނާއި ޖަމީލު، އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވާފައިވާ ދަތުރުނާމާ އިން ސާފުވާން އޮތުމުން، ޖަމީލުމެންނާ އެކު ދޯނި އެހެލީ ކަމަށް ކިޔައި އުޅޭ ވާހަކަތަކަކީ ތާރީހީ ގޮތުން ފެންހިފޭ ވާހަކަތައް ކަމަށް ބަލާނެ އެއްވެސް ޖާގައެއް ނުފެނެ އެވެ.

ކުޅުދުއްފުށި ދޫކޮށް ކަނޑިންމައިން ދޯނި ނުކުންނާން ދިމާކުރި އިރު ނެރުން ވަން ދޯންޏަކުން މަސައްކަތް ކުރީ ނުދެވޭނެ ގޮތް ހަދައި މަގު ބައްދާލުމަށް ނެރުމަތީގައި ދޯނި ހުރަސް ކޮށްލުމަށެވެ. އެ ދޯންޏަކީ ސުލްހައިގެ މަންދޫބުންގެ ހަބަރު ހިފައިގެން އެހެން ރަށްރަށަށް ގޮސްފައި އައި ދޯންޏެކެވެ. މި ދޯނިން ނެރު ހުރަސްކޮށްލަން ކުރި މަސައްކަތް ނާކާމިޔާބުވީ ޖަމީލުމެން ތިބި ދޯނީގެ ހުންގާނުގައި ހުރި ވައިކަރަދޫ ނައިބު އަލީގެ ހުށިޔާރުކަމުންނެވެ.

ބޭރަށް ދޯނި ނެރެ ރިޔާ ނަގައި ނޮޅިވަރަންފަރާ ދިމާއަށް ތަންކޮޅަކަށް ދެވުނު އިރު ކުޅުދުއްފުށީ ދޯނިފަހަރު މީހުން އަރުވާ ބަރާކޮށްގެން ފަހަތުން އަންނަން ފަށައިފި އެވެ. ފުރަތަމަ އެއް ދޯންޏެވެ. ދެން ހައެއްކަ ގަނޑެއްޗެވެ. އިސާހިތަކު އެތަކެއް ދޯންޏެކެވެ.

ޖަމީލުމެން ފަހައި ނުކުތް ދޯނިފަހަރު އައީ ވަރަށް ބާރަށް ފަލިޖަހާފަ އެވެ. އެމީހުނަށް އަތުނުވާން ދޯނި ފައްސިޔާކޮށް ދެ ރިޔާ ނަގައިގެން ޖަމީލުމެން ވެސް ހެސްކިޔާފައި ފަލިޖެހީ އެވެ. ނަމަވެސް ކުޅުދުއްފުށީ ދޯނިފަހަރު ވަރަށް އަވަހަށް ކައިރިވަމުން އައިސް އަތުލުމަކާ ދާދި ކައިރިކުރީމާ ދެން މަޖުބޫރުވީ ފަލިތައް ނަގައި ވާނެ އެއްޗެއް ވެގެންދާ ތަން ބަލަން އަމާން ދީގެން ތިބޭށެވެ. ދޯނިތައް އަރާ ހަމަކުރުމާ އެކު ތިން މީހަކު ވަލެއް ހިފައިގެން ކަނޑުފަތާފައި ގޮސް ޖަމީލުމެން ތިއްބެވި ދޯންޏަށް އަރާ ވާ ބެއްދުމަށް ފަހު ކުޅުދުއްފުއްޓާ ދިމާއަށް އަނބުރައިލީ އެވެ. ދެން އެހެން ދޯނިފަހަރު އައިސް ބައެއް ދޯނި ކުރީގައި އަނެއް ބައި ދޯނި ފަހަތުގައި ކަފުޖަހައި ފަލިޖަހާ ދޯނީގެ ހަތަރު ދޯނި ދެ ފަރާތުގައި ބާއްވައިގެން ދުއްވަން ފެށީ އެވެ. ބައެއް ދޯނިފަހަރު ނައްޓައިލީ ކައިރި ރަށްރަށަށް ހަބަރު ދޭށެވެ. ކަނޑުމަތީގައި އާދަޔާ ހިލާފަށް މާ ގިނަ ދޯނިފަހަރު އުޅޭތީ ވާނުވާއެއް ބެލުމަށް ކައިރީ ރަށްރަށުން ދޯނިތައް އަންނާން ފެށީ އެހިސާބުންނެވެ.

ޖަމީލު ވިދާޅުވެފައި އޮންނަނީ ކަނޑުމަތީގެ މުޅި އެހިސާބު އޮތީ ވަރުވަރުގެ ދޯނިފަހަރުން ފުރިފައި ކަމަށާއި ދޯނިތައް ފުރެންދެން ފޫގަޅައިގެން އަރާ ތިބި މީހުން ތިބީ ރުޅިއައިސްގެ ރަތްވެ ދަލާއި ލޮނުން ތެމިފައި ކަމަށެވެ. ބުރަކައްޓާއި ނިތްކުރި އޮށްދަލުން ވިދަމުންދާ އެ އެންމެން ގޮވާ އެއްޗެއްސަކީ އަޑު އަހާން ކެރޭވަރުގެ ބަސްތަކެއް ނޫން ކަމަށް ވެސް ލިޔުއްވަ އެވެ.

"މި ހުރިހާ ދޯނިފަހަރުންމެ އެމީހަކަށް ގޮވުނު އެއްޗެއް ގޮވަނީ އެވެ. އެތަނު އެއް ދޯނި ކައިރިކޮށްލާފައި ފަނާ ދަނޑި އާއި ފަލިތަންޑުތަކުން ތަޅައިގަންނާން ދިމާ ކުރިތަނާއި އެހެން ދޯންޏެއްގައި ހުރި ބޮޑުރުއްދަށުގޭ މޫސާ ފުންމައިގެން ގޮސް އެދޯނީގެ ހުންގާނުގައި ހުރި މީހާ ކޮއްޕާލާފައި ހުންގާނު އަތުލައި ދުރަށް ޖައްސާލައިފި އެވެ. ދެން ހީވަނީ ދެންމެ ދެންމެ އަރައިގެންފާނެ ހެނެވެ. ބައެއް ދޯނިތަކުގެ ކުނބުކަފި ލުއްސައިލައިގެން މަޅައިގަނެ އެވެ. އަނެއް ބަޔަކު ފަނާދަނޑި އާއި ފެންފުޅަފި ފަދަތަކެތި ހިފައިގެން މަޅައިގަނެ އެވެ،" ޖަމީލު ލިޔުއްވާފައި އޮވެ އެވެ.

އެކަކު ފަނާ ދަނޑިއަކުން މަލިން މުހައްމަދު ދީދީގެ ހަށިކޮޅުގައި ޖެހި ކަމަށް ވަރަށް ގިނަ މީހުން ބުނެ އެވެ. ނަމަވެސް އެކަން ވެސް ސާބިތުވާކަށް ނެތެވެ. ޖަމީލު އޭނާގެ ހަނދާންތައް ލިޔުއްވި އިރު ވެސް އެފަދަ ހަމަލައެއް ދިން ކަމަކަށް ލިޔުއްވާފައެއް ނުވެ އެވެ. ޖަމީލު ވިދާޅުވެފައި އޮންނަނީ މުޅިން ލަވަނީ ހަޅޭއް ކަމަށެވެ. ގޮވާ އެއްޗެހީގެ ހުތުރުކަން ބޮޑު ކަމަށެވެ.

ދޯނިފަހަރުގައި ނުކުތް މީހުން ގޮވި މައިގަނޑު ވާހަކަތަކަކީ ދިވެހި ސަރުކާރުން އެމީހުން "ބަނޑަށް މަރަމުންދާ" ކަމަށާއި އޭގެ ސަބަބުން ބިރާއި ލަދު ހަޔާތް ކެނޑިފައިވާ ކަމުގެ ވާހަކަތަކެވެ.

"ތިޔަ އުޅެނީ ބަނޑުހައިގެން ތިއްބާ އަހަރުމެން ލައްވާ ގޯސް ހައްދާށޭ ދެބައިކުޅަ ކައިގެން ކިހިނަކުންހޭ ދިރިތިބެވޭނީ ތިޔަ މަރަނީއޭ ކޮން ކާޑެއްހޭ؟ އޮރިޔާން ކާޑުހޭ؟ މިހާރު އަހަރުމެން މި ތެޅެނީ މަރަށޭ ބަނޑަށް މަރަނީ ވިއްޔާއޭ. ކޮބާ އަތުނުވެ ދެވުނުހޭ މިގެންދަނީ މަރާށޭ" ވެސް އަޑުގެ ކޮޅަށް ގޮވަމުން ދިޔަ އެވެ. މި ގޮވުންތަކުގެ ތެރެއަށް ދުރުން އައި ދޯނިފަހަރު ވަދެ މަލާމާތަށް ވަށައި ދުއްވާ ކުޅުދުއްފުށީ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް "ފިރިހެނުންގެ ގޮތުގައި ކަންތައް ކޮށްލާށޭ" ގޮވި އެވެ. އޭގެ ޖަވާބުގައި "ހޭވައްލާ ތައްޔާރޭ" ގޮވަމުން ދިޔަ ކަމަށް ވެސް ޖަމީލު ލިޔުއްވާފައިވެ އެވެ.

މި ސަކަރާތެއްގެ ތެރޭ އިރުއޮއްސުނު ވަގުތު ކުޅުދުއްފުށީ ކުޑަޚަތީބު ހުންނެވި ދޯނި ޖަމީލުމެނާ ކަރިކޮށް، މަލިން މުހައްމަދު ދީދީއާ ވާހަކަ ދައްކާލަން އުޅުނުތަން އެހެން ދޯންޏެއްގައި އިން ޚަތީބު އަލީ ދެކެފައި ހަޅޭއް ލަވައިގަތެވެ. "ހަބަރުދާރޭ ތިޔަ ދޯންޏާ ގާތްކުރަނީ ދޯނީގައި ތިބި މީހުންގެ ހަލާކަށޭ، ތިޔައުޅެނީ އަހަރެމެން ލައްވާ ގޯސް ހައްދާށޭ" ކިޔައި ވަށިވަށިން ދޭން ފެށުމުން ކުޑަޚަތީބު އަވަހަށް ދުރަށް ދިޔައީ އެވެ.

"މިކަހަލަ ހާލެއްގައި ގޮވައިގެން ދިޔައިރު އަޅުގަނޑުމެން ތިބީ މުޅިން ބާރު ހުސްވެ ބުނާނެ އެއްޗެއް، ކުރާނެ ކަމެއް ނެތިފަ އެވެ. އިރު ވެސް އޮއްސިއްޖެ އެވެ. އަނދިރި ވެސް މޫސުމެވެ. ތިބީ ކަނޑުމަތީގަ އެވެ. ވަށައިގެން ތިބީ ރުޅިއަސްފައި ތިބި ޖަނަވާރުތަކެއް ކަހަލަ އެއްވެސް ގޮތެއް ފޮތެއް ނުދަންނަ ޖާހިލު ބައެކެވެ. އިތުބާރު ކުރަން ކެރޭ ކަހަލަ ދެތިން މީހަކު ނޫނީ ކައިރިއަކު ނެތެވެ. ކިތަންމެހާ ވެސް ނުރައްކާތެރިކަމާއި ބިރުވެރިކަން ބޮޑެވެ. ހަމައަކުން އަދި ކިއެއްތަ ނަހަމައަކުން ނަމަވެސް ވާހަކަ ދައްކާ ނަސޭހަތެއް ދެވޭނެ ގޮތެއް ނެތެވެ. ލަވާ ހަޅޭކާއި ގޮވާ އެއްޗެއްސާ ހުރެ ހައިރާންވާވަރު ވެއެވެ،" ޖަމީލުގެ ހަނދާންތަކުގައި އެ މަނިކުފާނު ލިޔުއްވަ އެވެ.

ސުލްހައިގެ ދެ މަންދޫބުން މާ ކަނޑުގެ މެދުން އަތުލައިގަނެގެން ކުޅުދުއްފުއްޓަށް ގެނެސް ދޯނި ވެއްދުމާ އެކު އެރަށު މުހައްމަދު ކަތީބު އައިސް ދޯންޏަށް އަރައި ސަލާންކޮށްފައި "ތިޔަ ބޭފުޅުންގެ ޖާނަކަށް ކަމެއް ނުވާނޭ، އަވަހަށް ފައިބައި ވަޑައިގަންނަވާށޭ، ތިޔަ ބައި މީހުން ވެސް ތިޔަހެންވާ އުޅެންވާނެއޭ، އަހަރެމެން ވެސް ބަނޑުފައިގަނެގެން އުޅެވޭ ގޮތޭ" ބުނެފައި އެއްވެފައި ތިބި މީހުން އެތަނުން ދިއުމަށް އަންގައިފި އެވެ. ޖަމީލު ވިދާޅުވެފައި ވަނީ އޭނާގެ އިޝާރާތް އައުމާ އެކު ވަރަށް އަވަހަށް އެކި މީހުން އެކި ފަރާތަށް ގޮސް އަވަދިވެ އަޑުފަށްގަނޑު މަޑުވެގެން ދިޔަ ކަމަށާއި ފަހަތުން އައި ދޯނިފަހަރު މައިތިރިކުރީ ވެސް އޭނާ ކަމަށެވެ.

ރަށަށް ގެނައުމަށް ފަހު މަލިން މުހައްމަދު ދީދީ އާއި ޖަމީލުގެ އަތްޕުޅުގައި ހިފައިގެން މުހައްމަދު ކަތީބު ދިޔައީ އެކިއެކި މުނާސަބަތުގައި ކުޅުދުއްފުށީ މީހުން މަޖިލިސްކުރާ ރަނިކަ ގަސްދޮށަށެވެ. އެ ގަސް ދޮށަށް ގެންގޮސް އައްޓެއްގެ މަތީގައި ބައިތިއްބުމަށް ފަހު ދެ ބޭފުޅުން ބޯނެ ރާ ގެނެ އެވެ. ދެން ދެ ބޭފުޅުންގެ އެދުމަށް ނަމާދު ކުރަން މީހަކާ އެކު މިސްކިތަށް ފޮނުވީ އެވެ. އޭރު އިޝާ ވަގުތުވީ އެވެ.

ނަމާދުން އަވަދިވެ ވަޑައިގަތުމުން ގެންދިޔައީ ރަށުގެ ވެރިންނާއި ބޮޑުން އެއްވެފައިވާ މަޖިލީހަކަށެވެ. އެ މަޖިލީހުގައި ވާހަކަ ދެއްކީ މުހައްމަދު ކަތީބެވެ. އޭނާ ބުނަނީ ރައްޔިތުން ނުކުމެ މިހެން ހަދަން ޖެހުނީ މާލެއިން ބަޔަކު މީހުން 500 ބިޑި ހިފައިގެން ކުޅުދުއްފުއްޓަށް އަންނަ ވާހަކަ އިވިފައި އޮތުމާއި "ތިލަދުންމަތީ މީހުން މާލެ ދިޔައިމާ ބޮޑު ބަޑީގެ އުންޑައިން ވައްދާނެ" ވާހަކަ މާދޫގޭ އަހުމަދު ކަލޭފާނު ވިދާޅުވެފައި އޮތީމާ ކަމަށެވެ. އެގޮތް ބަލައިލާނެ ކަމަށާއި މާލެ ވަންނަނީ "ބޮޑު ބަޑީގެ ތުނބުން" ކަން އެނގޭނީ މާލެ ދިޔުމުން ނޫންހެއްޔޭ ސުވާލު ކުރި އެވެ. އަދި ބުނަނީ އެފަދަ ބަހެއް ތިލަދުން މަތީގެ ރައްޔިތުންނަށް ނިސްބަތްކޮށް ބުނި މީހަކު ޖަމީލުމެންނާ އެކު އައި ނަމަ ސަހަލަ ގޮތުގައި ދޫނުކުރާނެ ކަމަށެވެ.

އެ މަޖިލީހުގައި މަލިން މުހައްމަދު ދީދީ ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ އެ ރަށަށް ވަޑައިގަތީ ސަރުކާރުން ފޮނުވީމާ އެހެން ރަށްރަށުގައި ވެސް ކިޔާ ޒާތުގެ ސިޓީއެއް ހިފައިގެން ކަމަށާއި ޖަމީލާއި އޭނާ ވަޑައިގަތީ 500 ބިޑި ހިފައިގެން ނޫން ކަމަށެވެ. ގަވައިދު އޮންނަ ގޮތުން ފުރަތަމަ ސިޓީ އިއްވާން ފަށަނީ ތިލަދުންމަތިން ކަމަށާއި އެގޮތަށް ވަޑައިގަތް އިރު މަޝްރަހު ގޯސްވެފައި އޮތުމުން ކުޅުދުއްފުއްޓަށް އަރާފައި ނޫނީ ސިޓީ ކިޔަން ފަށާން ނުފެނިގެން ވަޑައިގަތީ ކަމަށް ވިދާޅުވި އެވެ. ބިޑި ނުގެންނަ ކަމަށާއި ފޮށީގައި ހުންނާނީ ސަރުކާރުން ދިން ކޮއްތާއި ލިޔެކިޔުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިވާހަކަ ގަބޫލުނުކުރާ ކަމަށް ވާ ނަމަ ފޮށިތައް ބަލައި ފާސް ކުރުމަށް ވެސް މަލިން މުހައްމަދު ދީދީ އެދިވަޑައިގަތެވެ.

ކުމުންދޫ ރައްޔިތުން ކުޅުދުއްފުއްޓަށް އައީ ޖަމީލުމެންގެ މަޖިލިސް ހިނގަނިކޮށެވެ. ޖަމީލު ވިދާޅުވަނީ ކުމުންދޫ މީހުން އައީ އެ ބޭފުޅުންގެ ހަބަރު ލިބިގެން ކުޅުދުއްފުށީ މީހުންނަށް ނަސްރުދޭން ކުރަން ޖެހުނު ކޮންމެ ކަމަކަށް ތައްޔާރުވެ ދަމާ އެއްނަރަކަށް ފޫގަޅައިގެން ކަމަށާއި ކޮންމެ މީހަކު އަތުގައި ބަނޑު ވަޅިއެއް އޮތް ކަމަށެވެ.

ޖަމީލު ލިޔުއްވާފައި ވަނީ އެ މަޖިލިސް ނިމިގެން ދިޔަ މަގުމަތީގައި އެބޭފުޅުންގެ ސުލްހައިގެ ވާހަކަތައް އެ ދަނޑިވަޅު ދެއްކޭނެ ގޮތެއް އޮތް ކަމަށް ނުފެންނާތީ ބޭނުން ވަނީ އަވަހަށް ފުރައިގެން ދާން ކަމަށާއި "މިތާކު ތިބޭކަށް ބޭނުމެއް ނެތޭ" މަލިން މުހައްމަދު ދީދީ ވިދާޅުވުމުން ތިލަދުންމަތީ ރައްޔިތުން ކުޅުދުއްފުށީގައި މަޖިލިސްކޮށް މާލެ ފުރައިގެން ދިއުމުގެ ކުރިން އެ ދެ ބޭފުޅުން ރަށުން ބޭރަށް ދިއުމަށް ރައްޔިތުން ގަބޫލު ނޫން ކަމަށް އެންގި ކަމަށްވެ އެވެ. އަދި ދާން އުޅެފި ނަމަ "ޖާނަށް ރައްކާތެރިކަން ނެތް" ކަމަށް މުހައްމަދު ކަތީބު ބުނެފައިވެ އެވެ.

ޖަމީލުމެން ބައިތިއްބާފައި ތިބީ މުދިން ކަލޭގެ ގޭގަ އެވެ. ސިޓީ ކިޔުމާއި ސުލްހަވެރި ވާހަކަތައް ދައްކާ ވާހަކަ ފެށީމާ އަންގަނީ ސިޓީ ކިޔަސް ގަޔަށް އަރައި ނުގަންނާނެ ކަމަށާއި އެކަމަކު ކިޔާ އެއްޗެއް ސާފުނުވާ ވަރަށް ހަޅޭއްލަވައި އޭގެ އަޑުއިވުނަ ނުދޭނެ ކަމަށެވެ.

ޖަމީލު ވިދާޅުވީ ރައްޔިތުން ނުވެސް ނިދާ ހޭލާ ތިބޭއިރު އެއް ބަޔަކު ކަނޑުމަތީގައި ފޯރި މަރާ ކަމަށާއި އެ މީހުންގެ ރޭވުންތަކާއި ތަރުތީބާ މެދު އަޖައިބުވެ ހައިރާންވާ ވަރަށް ކަންކަން ރާވާ ހަދާފައިވާ ކަމަށެވެ.

ޖަމީލާއި މަލިން މުހައްމަދު ދީދީ ކުރައްވަން ވަޑައިގެންނެވި އެއްވެސް ކަމެއް ކުރެއްވިޔަ ނުދެއްވައި ތިލަދުންމަތީ ރައްޔިތުން ކުޅުދުއްފުށީގައި އެ މީހުންގެ ބޮޑު މަޖިލިސް ވުމަށް ފަހު ފުރައިގެން މާލެ ދަންދެން ކުޅުދުއްފުށިން ނުފުރުމަށް އޮތީ ގަދަ އަމުރުކޮށްފަ އެވެ. އެ މަޖިލިސްކޮށް މާލެ ފުރާން ތައްޔާރުވުމާ އެކު ފުރުމުގެ ހުއްދަ ދިނެވެ. ފެބުރުއަރީ ،27 1943 ގައި މަޖިލިސްކޮށް އެ މީހުން މާލެ ފުރުމުން ދާން ބޭނުން ތަނަކަށް ދިއުމުގެ ހުއްދަ ޖަމީލާއި މަލިން މުހައްމަދު ދީދީ އަށް ދީފައި ފެބުރުއަރީ 28 ވަނަ ދުވަހު ރައްޔިތުން އޮޑިފަހަރުގައި މާލެ ނައްޓައިލުމުން ސުލްހައިގެ ދެ މަންދޫބުން މިނިވަންވީ އެވެ. އެ ހިސާބުން ދެ ބޭފުޅުން "ހުސް އަތާ" ވައިކަރަދު އަށް ވަޑައިގަތީ އެވެ.