ކުޅިވަރު

ބެންފީކާގެ ކީޕަރު އީޑަސަންއާއެކު ސިޓީން އެއްބަސް ވުމަކަށް

May 30, 2017

ބެންފީކާގެ ބްރެޒިލްގެ ކީޕަރު އީޑަސަން މޯއަސް، މެންޗެސްޓާ ސިޓީއަށް ގެންދިއުމަށް، ސިޓީއާ ބެންފީކާއާއެކު އެއްބަސްވުމަށް އަތުވެއް ޖެއެވެ.

ސިޓީ އިން ވަނީ މި ސީޒަންގެ ބައެއް މެޗުތަކުގައި އެޓީމުގެ ގޯލް ބެލެހެއްޓި ވިލީ ކަބެއްޔެރޯ، ދޫކޮށްލާފަ އެވެ. ޕެޕް ގާޑިއޯލާ ޓީމާ ހަވާލުވެ، ރަނގަޅު ކީޕަރެއް ހޯދުމަށް އޭނާ އަށް މައްސަލަ ކުރިމަތިވި އެވެ. އޭނާ ހަވާލުވެ، އޭނާ ވަނީ ސިޓީގެ އެއް ވަނަ ކީޕަރު ޖޯ ހާޓް ދޫކޮށް ލައި، ބަސާގެ ގޯލް ބަލަހައްޓަމުން ދިޔަ، ޗިލީގެ ކްލައުޑިއޯ ބްރާވޯ އެ ޓީމަށް ގެނެސް ފައެވެ. ނަމަވެސް ބްރާވޯއަށް ކުރިމަތިވި ބައެއް އަނިޔާގެ މައްސަލަތަކާ ހެދި، އޭނާ އަށް އެންމެ ރަނގަޅަށް ޕާފޯމެއް ނުކުރެވުނެވެ.

ބެންފީކާއަ އެކު، އެއްބަސް ވުމަށް އާދެވުނު ނަަމަވެސް، އެ ދެކުލަބުންވެސް އެ ކަން ރަސްމީކޮށް އިއުލާން ކޮށްފަ އެއް ނުވެ އެވެ. މިއަދު، ހަދާ އީޑަސަންގެ ޓެސްޓްތަކަށް ފަހު، ސިޓީން އެކަން އިުލާން ކުރާނެ އެވެ.

އޭނާ ދޫކޮށްލުމަށް ބެންފީކާއިން އެއްބަސްވީ 40 މިލިއަން ޔޫރޯ ( 686 މިލިއަން ދިވެހި ރުފިޔާ) އަގަކަށެވެ.

ސިޓީން ވަނީ، ފްރާންސްގެ މޮނަކޯއަށް ކުޅެމުން ދިޔަ، ޕޯޗްގަލްގެ ބެނާޑޯ ސިލްވާވެސް އެ ޓީމަށް ގެނެސް ފައެވެ. ޖުލައި މަހުގެ އެއް ވަނަ ދުވަހު ބެނާޑޯ ސިޓީއާ ރަސްމީކޮށް ގުޅޭނެ އެވެ.

މި ސީޒަންގައި ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލާ ހަމަޔަށް މޮނަކޯ ގެންގޮސް ދިނުމަށާއި ފްރާންސް ލީގް މޮނަކޯއަށް ހޯދައި ދިިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ބެނާޑޯ ގެންނަން ސިޓީން ވަނީ 50 މިލިއަން ޔޫރޯ (857 ދިވެހި ރުފިޔާ) ހޭދަ ކޮށްފަ އެވެ.