ކުޅިވަރު

އާސެނަލްގެ ވެރިންނާ ވެންގާ ބައްދަލު ކޮށްފި

May 30, 2017

އާސެނަލްގައި އޭނާގެ ކުރިމަގާ ބެހޭގޮތުން، ވާހަކަ ދައްކަން، އެ ޓީމުގެ ކޯޗް އާސެން ވެންގާ، އެ ކުލަބުގެ އޯނަރު ސްޓޭން ކްރޯކްއާ ބައްދަލު ކޮށްފި އެވެ.

އާސެނަލްއާ އެކު ވެންގާ ހަދާފައިވާ ކޮންޓްރެކްޓް މިއަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ބީބީސީން ބުނީ ކްރޯކް އާއި ވެންގާގެ ބައްދަލުވުމުން ނިކުތް ނަތީޖާއެއް ނޭންގޭ ކަމަށެވެ. ނަމަވެސް އެ ކަމާ މެދު ގޮތް ނިންމާނީ މިއަދު ބާއްވާ އާސެނަލްގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލު ވުމުގަ އެވެ.

ވެންގާއާ އާއި އާސެނަލްއާ ދެމެދު ވަނީ، މީގެ ކުރިން، އިތުރު ކަންކަމަށް އެއްބަސް ވެފަ އެވެ. ނަމަވެސް، އާ އެއްބަސް ވުމުގައި ސޮއި ކުރުމުގެ ވާހަކަތައް ދެކެވިފަ އެއް ނުވެ އެވެ. ވޭތު ވެދިޔަ 21 އަހަރު އާސެނަލްގައި ވެންގާ ހޭދަ ކުރި ސީޒަން ތަކުގެ ތެރެއިން އެންމެ ބޮޑު ނާކާމިޔަބަކާ ކުރިމަތިލާން ޖެހުނީ މި ސިޒަންގަ އެވެ.

މިއަދު ބާއްވާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލު ވުމަށްފަހު، އާސެނަލްއިން ނިންމާ ވަކި ގޮތެއް މާދަމާ އިއުލާން ކުރާނެ އެވެ. ވެންގާ،67 ގެ ބަދަލުގައި، އާ ކޯޗަކު ހަމަޖެއްސުމަށް އާސެނަލްގެ ސަޕޯޓަރުން ދަނީ ގޮވާލަމުން ނެވެ.

އާސެނަލްގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމުގެ ކުރިން، ނުވަތަ އާ ކުޅުންތެރިންތަކެއް ގެނައުމުގެ ކުރިން، އާސެނަލް އޮތީ އާސެނަލްގެ ކޯޗުގެ މަގާމާ މެދު ގޮތެއް ނިންމުމެވެ.

ބީބީސީން ބުނީ، ވެންގާއާ މެދު ގޮތެއް ނިންމުމުގައި އާސެނަލްގެ ބޯޑުގެ މެންބަރުގެ ހިޔާލު ދެކަފި ވެފައިވާ ކަމަށާއި، ވެންގަ ބޭރު ކުރަން ތައިދު ކުރާ އަޑުތައް ބޯޑުގެ ތެރޭގައިވެސް ގިނަ ކަމަށެވެ.