ހަބަރު

ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދޭނެ ފަރާތްތައް އަލުން ކަނޑައަޅަން އަންގައިފި

މި އަހަރު ހައްޖަށް މީހުން ގެންދިޔުމަށް ގުރޫޕްތައް ކަނޑައެޅި ގޮތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ހައްޖު ޕްރޮޕޯސަލްތައް އަލުން އިވޭލުއޭޓްކުރުމަށް އަންގައިފި އެވެ.

މައްސަލަ ބެލުމަށްފަހު އޭސީސީއިން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ޕްރޮޕޯސަލްތަކަށް ޕޮއިންޓްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުގައި ހިމެނޭ ބައިތަކާއި އެބައިތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މައުލޫމާތު ޕްރީބިޑް މީޓިންގައި ދީފައިވާ ނަމަވެސް ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު ބޭނުންކޮށްފައިވަނީ ޕްރީ ބިޑު މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑަކަށް ކަމަށެވެ. އަދި ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅި ބައެއް ފަރާތްތަކަށް ބައެއް މައުލޫމާތު ދީފައިނުވުމުގެ ސަބަބުން އެ ފަރާތްތަކަށް މަދުން މާކްސް ލިބިފައިވާ ކަމަށެވެ.

"ބިޑު ހުށަހެޅި ބައެއް ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައިވަނީ އެ މައުލޫމާތު އެފަރާތްތަކަށް ލިބިފައިނުވުމުގެ ސަބަބުން އެ މައުލޫމާތަކީ ހުށަހަޅަންޖެހޭ މައުލޫމާތުކަން ނޭނގޭތީ އެ މައުލޫމާތު ހުށަހަޅާފައިނުވުމުންކަން ފާހަގަކުރެވޭތީއާއި، މިކަމުގެ ސަބަބުން ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ގެއްލިފައިވާކަން ފާހަގަކުރެވޭތީއާއި، އަދި ބިޑުތަކަށް ޕޮއިންޓް ދެވިފައިވަނީވެސް ހަމަހަމަ އުސޫލުންކަމަކަށް ގަބޫލެއް ނުކުރެވޭ،" ރިޕޯޓްގައިވެ އެވެ.

އެކަމަކީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް އޭސީސީއިން ބުންޏެވެ. ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޑިސްކޮލިފައިކޮށްފައިވާ ނުވަ ފަރާތުގެ ތެރެއިން ތިން ފަރާތް ފިޔަވައި އަނެއް ހަ ފަރާތް ޑިސްކޮލިފައިކޮށްފައިވަނީ ބިޑު ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތަށްބަލާއިރު ރަނގަޅަށް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންކަމުން އޭސީސީއިން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވަނީ، ޕްރޮޕޯސަލްތައް އަލުން އިވޭލުއޭޓްކޮށް، ރަނގަޅަށް މާކްސް ދިނުމަށްފަހު ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އަލުން ދިނުމަށެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިޔުމަށް ހައްޖު ކޯޕަރޭޝަންގެ އިތުރުން ހޮވާފައިވާ ކުންފުނިތަކަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި ދަރުމަ ލިލްހައްޖި ވަލްއުމްރަތި ޕްރައިވެޓް ލިމިޓެޑާއި ކިސްވާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ހައްޖު ގްރޫޕް އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމްރާ އެވެ.

ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވި ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބުނާ މީހަކު އަމިއްލައަށް އިއުތިރާފްވާ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ.

އެ އޯޑިއޯގައި އެ އޮފިޝަލް ވަނީ އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ކުރާނެ ކަމަށާއި މާލީ ފައިދާ ވާނެ ގޮތްތައް ބަލާނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން އެހެން ގުރޫޕްތަކުގެ ހުއްދަ ބާތިލުކޮށް، ދެން ކުރިމަތި ލެވޭނީ ފަސް ލައްކަ ރުފިޔާގެ ބިޑު ގެރެންޓީއެއް ބަހައްޓާފައި ޕްރޮޕޯސަލް ގަނެގެން ކަމަށް ވެސް އޭގައި ބުނެ އެވެ. އަދި އަމިއްލައަށް ގުރޫޕްތަކެއް ހަދާފައިވާ ކަމަށް ވެސް ބުނެ އެވެ.

"ތިނެއް ނޫން، ހަތަރު ގުރޫޕް އަހަރެން ހަދައިފިން، ހަތަރު ގުރޫޕް އިންނާނެ މިހާރު ހަދާފަ، އަނެއްކާ އަނެއް ގުރޫޕް ހަދަނީ މިހާރު، މިރޭ މި ތައްޔާރު ކޮށްލަނީ އޭނާއަށް ހުރިހާ ކަމެއް، މަ މި ހަދައިދެނީ އޭނާއަށް އަނެއް ގުރޫޕް،" އޭނާ ބުނެ އެވެ.

މި އޯޑިއޯއާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މިހާތަަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.