ހަބަރު

ރާޅާ އަޅާ މީހުންނަށް މާލެ އިން ތަނބުރުދޫއަށް ހިލޭ ފެރީ

ބްރިޖްގެ މަސައްކަތް ކުރިއަށްދާތީ، ރާޅުގަނޑަށް ރާޅުއެޅުން މަނާކޮށްފައިވާތީ، ރާޅާއެޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާޅާއެޅުންތެރިންނަށް ހާއްސަ ރަށެއްގެ ގޮތުގައި ކ. ތަނބުރުދޫ ހަމަޖައްސައި، މާލެ އާއި އެ ރަށާ ދެމެދު ހިލޭ ފެރީގެ ހިދުމަތް ފަށައިފި އެވެ.

ރާޅާއެޅުންތެރިންގެ މި ފެރީގެ ހިދުމަތް ދެނީ އެމްޓީސީސީއިންނެވެ. އެ ހިދިމަތް ދެނީ އެ ކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން މުޅިން ހިލޭ އެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީ އަދި މޯލްޑިވްސް ބޯޑީ ބޯލްޑިން އެސޯސިއޭޝަންއާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު އަދި އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.

މި ފެރީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގައި މާލެއިން ފުރާނެ އެވެ. އަދި ތަނބުރުދޫއިން ފުރާނީ އިރުއޮއްސި 6:00 ގަ އެވެ. ބަންދު ދުވަސްތަކުގައި ފެރީ މާލެއިން ފުރާނީ ހެނދުނު އެވެ. ފެރީ ފުރާނީ ޖެޓީ ނަންބަރު ހަޔަކުންނެވެ.

ފެރީގައި ދަތުރުކުރެވޭނީ ހަމައެކަނި ރާޅާއެޅުންތެރިންނަށެވެ. އެހެންކަމުން ރާޅާއެޅުންތެރިން ފާހަގަވާނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެމްބީބީއޭގެ ފަރާތުން ދަނީ ކުރަމުންނެވެ.

ތަނބުރުއަކީ ކުރިން ސިފައިންގެ ވެލްފެއާ ކުންފުންޏަށް ދޫކުރި ރަށެކެވެ. ތަނބުރުދޫ ކައިރީގައި އޮންނަ ރާޅުގަނޑަކީ ސަފާރީ ޔޮޓްތަކާއި ދިވެހި ބައެއް ޒުވާނުން ރާޅާ އަޅަން ބޭނުން ކުރާ ސަރަހައްދެކެވެ. އެހެން ނަމަވެސް އެ ރަށުގައި ރިސޯޓެއް ހަދައިފި ނަމަ އެތަނުގެ ތިމާވެއްޓަށް ގެއްލުންވެ، ސާފް ޕޮއިންޓް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީ ރަށް ވަނީ އަނބުރާ ނަގާފަ އެވެ.