ލައިފްސްޓައިލް

ހަން ފޮޅޭތަ؟ އެހީތެރި ވެވިދާނެ!

May 31, 2017
2

އަތާއި ފައި އަދި ގައިގެ އެހެން ތަންތަނުން ހަން ފޮޅުމަކީ ބައެއް މީހުންނަށް ވަރަށް ގިނައިން ދިމާވާ އަދި ވަރަށް ކަންބޮޑުވާ މައްސަލަ އެކެވެ. އޭގެ ސަބަބުން ސިއްހަތަށް މާބޮޑު ގެއްލުމެއް ނުލިބުނަސް އެއީ މީހާއަށް ވަަށް ބޮޑު ނުތަނަވަސް ކަމެއް ގެނުވާ ކަމަށް ވެއެވެ. މީހާގެ ޒީނަތްތެރިކަމަށް އެކަމުން އަސަރު ކުރާ ކަމަށް ވެސް ގިނަ މީހުން ދެކެ އެވެ. ހާއްސަކޮށް އަންހެނުންނެވެ. އެކަން ހުއްޓުވުމަށް ކުރާނެ ކަމެއް ގިނަ މީހުންނަކަށް ނޭނގެ އެވެ.

އާންމުކޮށް ހަން ފޮޅެން މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި ހިމެނެނީ ކެމިކަލެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ސައިބޯންޏާއި އޯމޯ، ނުވަތަ ލުނބޯ އަދި ސިމެންތި ހަމުގައި ޖެހި އެއަށް އެލާޖިކް ވުމުންނެވެ. ހަމުގެ އެހެނިހެން މައްސަލަތައް ހުރުމުގެ ސަބަބުންނާއި، ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ނުވަތަ ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުމުން ވެސް ހަންފޮޅެން މެދުވެރިވެ އެވެ. ވިޓަމިން އޭ އާއި ބީ މަދުވުމުން ވެސް ހަން ފޮޅެ އެވެ.

ހަންފޮޅުން ހުއްޓުވަން މާބޮޑު ފަރުވާތަކެއް ކުރާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް އާންމުކޮށް ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން އެއީ ކުރަން އުނދަގޫ ކަމެކެވެ. ހަން ފޮޅުން ހުއްޓުވުމަށް ކުރަންޖެހެ ކަންތައްތަކުގެ ތެރޭގައި ކެމިކަލާ ދުރުވުމާއި، އޯމޯ އަދި ސައިބޯނި ފަދަ އެއްޗެހި އަމިއްލައަށް ބޭނުން ކުރުން ހުއްޓާލަން ޖެހެ އެވެ. ހަންފޮޅިފައި ހުންނައިރު ކުޅެ ނުނެއްޓުމާއި ކިތަންމެ ބޮޑަށް ހިރުވިއަސް އެތަންތައް ނުކަހާ ހުރުން މުހިންމެވެ. އެއީ ލޭ އައިސް ފާރުވެދާނެތީ އެވެ.

އެހެންވުމުން އެއްޗެހި ދޮވުމާއި، ތަށިތައް ދޮވުމާއި، މޮޕްލުން އަދި ޓައިޕް ކުރުން ފަދަ ކަންކަން ކުރުމުން ވަރަށް ބޮޑަށް ދުރުވާން ޖެހޭނެ އެވެ.

ދެން ކުރަންވީ ކަމަކީ ކެއުމުގައި ފެހި ތަރުކާރީ އަދި މޭވާ ބޭނުންކުރާ މިންވަރު އިތުރު ކުރުމެވެ. ގައިމު އެކަން ކުރެވޭނެ ނޫން ހެއްޔެވެ؟
ހާއްސަކޮށް ވިޓަމިން އާއި މިނަރަލް ލިބޭ މޭވާ އާ ތަރުކާރީ އެވެ. މޭވާ ބޭނުން ކޮށްގެން ސްމޫތީ ނުވަތަ ޖޫސް ތައްޔާރުކޮށްގެން ބޭނުން ކުރުންވެސް އެންމެ ރަނގަޅެވެ. ގިނައިން ފެން ބޯން ވާނެ އެވެ. ފެނަކީ ހަންގަނޑަށް މުހިންމު މާއްދާ އެކެވެ.

ހަން ނުފޮޅުނު ނަމަވެސް ހަންގަނޑުގެ ސިއްހަތަށް ފަރުވާ ބަހައްޓަން ވާނެ އެވެ. މިސާލަކަށް ޒައިތޫނި ތެޔޮ އުނގުޅިދާނެ އެވެ. ޒައިތޫނީ ތެލަކީ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން އަތާއި ފައި ދޮވުމަށްފަހު ޒައިތޫނި ތެލުން މަސާޖް ކުރުމަކީ ހަންފޮޅުނަ ނުދިނުމަށް ކުރެވިދާނެ ކަމެކެވެ. ލޮނުމެދަކީވެސް ވަރަށް ރަނގަޅު ފަރުވާ އެކެވެ. އާންމުކޮށް ހަންފޮޅޭ ތަންތަނުގައި ލޮނުމެދު ހާކާށެވެ. ހަންފޮޅުން ހުއްޓުވާ ހަންގަނޑުގެ ސިއްހަތު ދުޅަހެޔޮ ކޮށްދޭނެ އެވެ.